ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ރިޝްވަތުގެ އަމަލުތައް ހިންގާ، މުވަައްސަސާތަކަށް އިތުބާރު ގެއްލޭނެ: އޭސީސީ

އިންތިހާބުތަކުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ރިޝްވަތުގެ އަމަލުތައް ހިންގާ؛ އެއީ ދައުލަތުގެ މުވައްސަސާތަކަށް އިތުބާރު ގެއްލޭ ކަމެއް: އޭސީސީ -- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބާއްވާ އިންތިހާބުތަކުގައި ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ރިޝްވަތުގެ އަމަލުތައް ހިންގާކަން ފާހަގަކުރެވޭ ކަމަށާއި އެފަދަ އަމަލުތައް ހިންގުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބުނެފިއެވެ.

އިންތިހާބުތަކާއި ދިމާކޮށް، ކޮރަޕްޝަނާއި ގުޅުން ހުރި ގިނަ މައްސަލަތައް ފެންމަތިވާއިރު އޭސީސީ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ނިކުންނާނެކަން އެތައް ކެންޑިޑޭޓުންނެއް އިއުލާނުކޮށް ކެމްޕެއިން ކުރަމުންދާ ކަމަށެވެ. އަދި އެ ދާއިރާއެއްގެ ވޯޓު ހޯދުމަށް ފޯރިއާއި އެކު އެކި ހަރަކާތްތައް ކުރިޔަށް ގެންދާއިރު ޑިމޮކްރަސީގެ އަސާސީ އުސޫލުތަކަށް އަމަލު ކުރުމަށް ކޮމިޝަނުން ވަނީ އެދިފަ އެވެ.

އޭސީސީން ބުނީ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި އިންތިހާބުގައި ވާދަކުރާ ފަރާތްތަކާއި ވޯޓުލާ މީހުންގެ މެދުގައި ހިންގާ ރިޝްވަތުގެ ޢަމަލުތަކުން ދުރުވާން ޖެހޭކަމަށެވެ. އަދި ދިވެހިރާއްޖޭގައި ބާއްވާ އާންމު އިންތިޚާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގަޔާއި، ވޯޓު ދިނުމުގެ ޙައްޤު އަދާކުރުމުގައި ރިޝްވަތުގެ މުޢާމަލާތްތައް ހިނގާކަން ފާހަގަކުރެވޭކަމަށް ވަނީ ބުނެފަ އެވެ.

މިފަދަ މައްސަލަތައް އިތުރުވުމުގެ ސަބަބުން، ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ

މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާކަމެއްގެއޭސީސީން ވަނީ ބުނެފައެވެ. އެހެންކަމުން އިންތިޚާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށް އެސީސީން ބުނެފައިވެއެވެ.

”މިއީ އަޅުގަނޑުމެންގެ ދަރީންނާއި ޒުވާން ޖީލަށް އަދި ޖުމްލަގޮތެއްގައި މުޅި މުޖުތަމަޢަށް ނުހަނު ގެއްލުންބޮޑު ކަމެކެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގައި އެކަމުގެ ޙަޤީޤީ ބާރުވެރިކަމާއި މަންފާ ރައްޔިތުންނަށް ލިބިގެންދާނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ނިންމާ ނިންމުމެއްގެ މައްޗަށެވެ. މިފަދަ އިންތިޚާބުތަކުގެ ބޭނުމަކީ ރައްޔިތުންގެ ފަރާތުން ނިންމުންތައް ނިންމައި އަދި ދާއިރާއާއި ރަށުގެ ތަރައްޤީއަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ޒިންމާ ޙަވާލުކުރާނެ ހަރުދަނާ ޤާބިލު ބަޔަކު ކަނޑައެޅިގެން ދިޔުމެވެ. ޤައުމުގެ މުސްތަޤުބަލަށްޓަކައި ރައްޔިތުން ވިސްނާ ފިކުރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެކެވެ. ރިޝްވަތުގެ މުޢާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަޤާމުތަކަށް އިންތިޚާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ޙަޤީޤީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ، ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަޙަތަށް މަސައްކަތްކުރާ ބައެކެވެ. ހަމައެފަދައިން، ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިޚާބީ ޙައްޤު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ޚިޔާނާތެކެވެ“

އެސީސީން ބުނީ އިންތިޚާބުތަކުގައި ރިޝްވަތުގެ ޢަމަލުތައް ހިންގުން ހުއްޓުވުމަށްޓަކައި ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނީ އޮނިގަނޑުގެ ތެރޭގައިވެސް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށެވެ. އެގޮތުންއިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް 4 ވަނަ އިޞްލާޙު ގެނައުމުގެ 74 ވަނަ މާއްދާގައި، އިންތިޚާބީ ރިޝްވަތުގެ ކުށުގެ ޢަމަލުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވާނެ ކަމަށް އެސީސީން ވަނީ ބުނެފައެވެ.

އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ، އެފަދަ ހުށަހެޅުމެއްގެ މަޢުލޫމާތު އެ ކޮމިޝަނަށް ފޯރުކޮށްދިނުމަށް އިލްތިމާސްކުރާ ކަމަށްވެސް އޭސީސީން ވަނީ ބުނެފައެވެ.

މީގެއިތުރުން އެ ބަޔާނުގައި ބުނެފައިވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިޚާބަށް ކެމްޕޭންކުރަމުންދާ ފަރާތްތަކުން އިންތިޚާބީ ދާއިރާއެއްގެ ވޯޓަށް އަސަރުކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ ޢަމަލެއް (ނާޖާއިޒުފައިދާ ހޯދުން ނުވަތަ ހޯދައިދިނުން، ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެނޫންގޮތަކަށް ޢަމަލުކުރުން، އަމިއްލަ ފައިދާ ލިބޭގޮތަށް ދައުލަތުގެ ތަކެތި ބޭނުންކުރުން) ހިންގާކަމުގެ މަޢުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް އެ ކޮމިޝަނަށް ރިޕޯޓްކޮށްދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: