ސްޓެލްކޯގެ އެމްޑީ މަގާމުން ވަކިކުރި ސަބަބު ރައްޔިތުންނަށް އެންގެން ޖެހޭ ކަމަށާއި އެކަން ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޣަފޫރު ވިދާޅުވީ ސްޓެލްކޯގެ އެމްޑީ އެ މަގާމުން ވަކިކޮށްފައިވާ ކަމަށާއި، އަދި ފައިނޭންޝިއަލް ކޮންޓްރޯލާރ ވެސް މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ޣަފޫރު ވިދާޅުވީ ގޮތް ނޭންގޭ އޯޑިއޯއެއް ވެސް ދައުރުވަމުން ދާ ކަމަށެވެ. ޣަފޫރު ވިދާޅުވީ މި ހުރިހާ ކަމެއް ހިނގައިގެން ދާއިރު މިކަންކަމަށް ސަރުކާރުން ޖަވާބުދާރީ ވާން ޖެހޭ ކަމަށެވެ.
ޣަފޫރު ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯ އަކީ ދޮގެއްތޯ ނުވަތަ ތެދެއްތޯ ރައްޔިތުންގެ ކުރިމަތީގައި ހާމަކުރެވެން ޖެހޭ ކަމަށެވެ. އަދި ކޮރަޕްޝަންގެ މައްސަލައެއް ހިނގާފައި ވަންޏާ ހިނގާފައިވަނީ ކިހާވަރެއްގެ ކޮރަޕްޝަންގެ އަމަލެއްކަންވެސް ސާފުވާން ޖެހޭ ކަމަށް ޣަފުރު ވިދާޅުވިއެވެ.
”ރައްޔިތުންނަށް އިނގޭ ކަރަންޓު ބިލު ބޮޑުވެގެން ދިޔަކަން. އެބޭފުޅުން އިތުރަކަށް އެއްޗެއް ބޭނުމެއް ނުކުރޭ. ހޫނު މޫސުމަކުން ފިނި މޫސުމަކަށް ރާއްޖެ ދުވަހަކުވެސް ނައި މި ސަރުކާރު އައި ފަހަކުން. އެހެންވީމަ މިއަށް ޖަވާބު ދާރީ ވާން އެބަޖެހޭ މި ސަރުކާރުން“
ޣަފޫރު ވިދާޅުވީ ސަރުކާރެއް ރައްޔިތުން ހޮވާފައި މިތިބީ ރައްޔިތުންގެ ކަންކަމަށް ޖަވާބުދާރީ ވުމަށްޓަކައި ކަމަށެވެ. ޣަފޫރު ވިދާޅުވީ މިކަންކަން ބެލެންޖެހޭނެ ކަމަށާއި، ރައްޔިތުން އާދޭސް ކުރާއިރުވެސް ކަންކަން ނުކޮށް ތިބޭ ކަމަށެވެ. އޭނާ ވަނީ ސްޓެލްކޯގެ އެމްޑީ ވަކިކުރި މައްސަލައާއި އަދި ދައުރުވަމުންދާ އޯޑިއޯގެ މައްސަލައާއި ގުޅޭގޮތުން ބަޔާނެއް ނެރި ރައްޔިތުންނަށް އެކަން ސާފު ކޮށްދިނުމަށް ގޮވާލާފައެވެ.
މީގެއިތުރަށް ޣަފޫރު ވިދާޅުވީ ރާއްޖޭގެ އެކި ތަންތަނުގައި ހިނގަމުންދާ ބޮޑެތި ވައްކަން ތަކާއި ގުޅިގެން މީހުން މަގާމުން ވަކިކުރުމަށްފަހު އެކަމާއި ގުޅިގެން އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރާ ކަމަށެވެ. އެހެންނަމަވެސް ޣަފޫރު ވިދާޅުވީ އެކަންކަމަކީ ފޯރުކޮށްދޭން ޖެހޭ މައުލޫމާތު ކަމަށެވެ.
ޣަފޫރު ވިދާޅުވީ މިއީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި، މިކަމާއި މެދު ރައްޔިތުން ވިސްނުން ޖެހޭކަމަށެވެ. އަދި މިހެން މިކަން ދާ ކަމަށްވާނަމަ ޑިމޮކްރަސީގެ އުސޫލުތަކާއި އެއްގޮތަށް ކަންކަން ނުހިނގާނެ ކަމަށްވެސް ޣަފޫރު ވިދާޅުވިއެވެ.

