ރާއްޖެއަށް ބޭސް އެތެރެކުރަން ސަރުކާރުން އުފައްދާފައިވާ ކުންފުނީގެ ދަށަށް އެސްޓީއޯގެ ހުރިހާ ޕާމަސީއެއް ފެބްރުއަރީ 15ގެ ނިޔަލަށް ބަދަލުކުރުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.
”ސަންގަށް“ މައުލޫމާތު ދެއްވަމުން އެސްޓީއޯއިން ބުނެފައިވަނީ ޖެނުއަރީ 20އިން ފެށިގެން މާލޭ ސަރަހައްދުގެ ފާމަސީތައް ހޭންޑްއޯވަރ ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ފެބްރުއަރީ 15ގެ ނިޔަލަށް ހުރިހާ އެސްޓީއޯ ފާމަސީތައް އެކި މަރުހަލާ ތަކަށް ބަހާލައިގެން ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
ރާއްޖޭގައި އެސްޓީއޯއިން 196 ޕާމަސީއެއް ހިންގާއިރު، އެހުރިހާ ޕާމަސީތަކެއް އަންނަ މަހަށް ބޭސް ކުންފުނީގެ ދަށަށް ބަދަލުކޮށް ނިމޭނެ އެވެ.
ބޭހާއި މެޑިކަލް ކޮންސިއުމަބަލްސް އެތެރެކުރުމަށް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިގެ ނަމުގައި ހާއްސަ ކުންފުންޏެއް އުފެއްދީ މިދިޔަ މަހުގެ 9 ގަ އެވެ. އެމްޑީއާ އެކު ޑިރެކްޓަރުންގެ ބޯޑުގައި ފަސް މެމްބަރުން މިހާރު އެބަތިއްބެވެ.
މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ދިވެހިރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދަވައިފައިވާ ކުންފުންޏެކެވެ.
އާއްމުނަށް ބޭސް ނުލިބުމުގައި ވަނީ ބޮޑެތި ދަތުތަކެއް ކުރިމަތި ވެފައެވެ. އެގޮތުން އާއްމުނަށް ގިނައިން ބޭނުންކުރާ ބޭސްތައްވެސް ނުލިބޭ މައްސަލަ ބޮޑުވެފައިވާއިރު، ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް އެންމެ ކޮލެޓީ ބޭސް ހެޔޮ އަގުގައި ފޯރުކޮށްދިނުމެވެ.

