ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލަކަށް ޓީޗަރުންނާއި، ދަރިވަރުންގެ ފޮތްތައް ހަމަވާނެކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ، މި މަހު 27 ގައެވެ. ދިރާސީ އަހަރުގެ ކިޔެވުން ނިންމައި، ދަރިވަރުން ޗުއްޓީއަށް ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
މިކަމާ ގުޅޭގޮތުން ޝަފީއު ވިދާޅުވީ ސްކޫލްތައް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އަތޮޅުތަކުގެ ގިނަ ސްކޫލްތަކަށް ފޮތްތައް ފޮނުވާފައިވާކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފޮތްތައް ފޮނުވުމުގައި ބައެއް ކަހަލަ ދަތިތައް ދިމާވިކަމަށެވެ. ނަމަވެސް ސްކޫލްތައް ހުޅުވުމުގެ ކުރިން ފޮތްތައް ފޮނުވާ ނިމޭނެކަމަށް ވަނީ ވިދާޅުވެފަ އެވެ.
ދިރާސީ އަހަރުގެ ކިޔެވުން ފަށާއިރުވެސް ދަރިވަރުންނަަށް ފޮތްތައް ހަމަޔަށް ފޯރުކޮށް ނުދެވުމަކީ އަބަދުވެސް ބެލެނިވެރިންގެ އޮންނަ ޝަކުވާއެއްކަމަށްވާއިރު، ދަރިވަރުންނަށް ބޭނުންވާ ފޮތްތައް، ކިޔެވުން ފެށުމުގެ ކުރިން ހަމަކުރުމަށް ފޮތްތައް އަތޮޅުތަކަށާއި މާލެ ސަރައްދުގެ ސްކޫލުތަކަށް ފޮނުވުމުގެ މަސައްކަތް ދުރާލައި ފަށާފައިވާކަމަށެވެ.
މާލެ ސަރަހައްދު ސްކޫލުތަކަށް ފޮތްތައް ދޫކުރަނީ އަމީނިއްޔާ ސްކޫލުގައެވެ. ނަމަވެސް މީގެ ކުރީގައި މިނިސްޓްރީއިން ފޮތްތައް ދޫކުރަމުން ދިޔައީ ކުރީގެ އަރަބިއްޔާ އިމާރާތުގައެވެ. އެއީ މިހާރު އެ އިމާރާތް ތަޅާލަން ފަށާފައިވާތީއެވެ.
މިނިސްޓަރު ވަނީ ހުރިހާ ސްކޫލުތަކެއްގެ ދަރިވަރުންނަށް ވެސް ފޮތްތަކާއި ޓީޗަރުން ހަމަވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

