އަދާލަތު ޕާޓީގެ އިންތިހާބާއިމެދު ކަންބޮޑުވުން ފާޅުކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސިޓީ ފޮނުވައިފިއެވެ.
މިކަން ހާމަވީ އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބާއިމެދު ކަންބޮޑުވުން ފާޅުކޮށް، އެ ޕާޓީގެ ކެނޑިޑޭޓު އިކްރާމް އަބްދުއްސައްތާރު ޕާޓީގެ އިންތިހާބީ ކަންތައްތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު އަލީ ރަޝީދަށް ފޮނުވި ސިޓީގައެވެ.
ސިޓީގައި ވަނީ އިންތިހާބުގެ ވޯޓުލުން އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ނިންމުމަކީ، ސާފުކޮށް ދެފުއް ފެންނަ ގޮތަކަށް ކުރިއަށް ގެންދެވިދާނެ އިންތިހާބެއްކަމަށް ގަބޫލުނުކުރާކަމަށެވެ. އޮންލައިންކޮށް ވޯޓުލުމުގެ ކަންކަން ކުރިއަށްގެންދާނަމަ ޕާޓީގެ އޮފީހުގައި ތިބެ ވޯޓިން ސިސްޓަމްއާއި ކުޅެ، ވޯޓުގެ މުޅި ނިޒާމުގެ ތެރެއަށް ވާދަވެރި ކެންޑިޑޭޓޫ އަދި ޕާޓީގެ ނައިބު ރައީސް އަތްބާނާ ވޯޓު ގަނޑުބަނޑު ކުރުމުގެ ފުރުސަތު އެބަ އޮތްކަމަށްވެސްވެއެވެ.
ޕާޓީ އޮފީސް ހިނގްުމާއި ޕާޓީއިން، އޮންލައިންކޮށް ވޯޓުލާނަމަ އެކަންކަން ކުރިއަށް ގެންދަން ޖެހެނީ އެބޭފުޅުންގެ ބައިވެރިވުމާއި އެހީތެރިކަމާއިއެކުކަމަށާއި، މިފަދަ ކަންކަމަކީ، ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކާއި ދެކޮޅު، ނާތަހުޒީބު ހުދުމުހުތާރު އަމަލެއްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިއީ އިންސާފުވެރިކަމާއިއެކު ބޭއްވޭ ދެ ފުށް ފެންނަ އިންތިހާބީ އުސޫލުތަކާއި ބީރަށްޓެހި، ތަހުޒީބު މުޖުތަމައުގަތަކުގައި އަމަލުކުރާ އުސޫލުތަކާއި ހިލާފުކަމެއްކަމަށްވެސް އޭނާގެ ސިޓީގައިވެއެވެ.
މި ޒަމާނުގައި މިފަދަ ވޯޓިންގެ ކަންކަން ކުރަނީ އެންމެންގެ ކުރިމަތީގައި ހާމައަށްކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ވޯޓު އޮޅުވާލުމުގެ ކަންކަން މިހާރު މާޒީވެ ހިނގައްޖެކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ވޯޓުލުމާއި، ވޯޓު ގުނުމުގެ ސާފު ސީދާ މަގުން ބޭރުވެ، އިހުގެ ބޯދާ ނިޒާމުގެ ތެރެއަށް އަލުން ވަދެވިގެން ދިއުމަކީ، ދިވެހި ރައްޔިތުންނަށް މަލްޓިޕާޓީ ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން ހޯދައިދިން މިނިވަންކަމާއިއެކު ވޯޓުލުމުގެ ހައްގުން އަދާލަތު ޕާޓީގެ މެންބަރުން މަހުރޫމުވެ، ހާމަކަން ބޮޑު، ސިޔާސީ ނިޒާމު ގަނޑުބަޑުވެގެން ހިނގައިދާނެކަމެއްކަމަށްވެސްވެއެވެ.
މި މައްސަަލއިގައި ކަންބޮޑުވުން ފާޅުކޮށް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަންއަށްވެސް ސިޓީ ފޮނުވާފައެވެ.

