ކޮމަންވެލްތްގެ ޤާނޫނު ހަދާ މަޖިލިސްތަކުގެ ރައީސުންނާއި އޮފިސަރުންގެ 28 ވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ އިންޑިއާގެ ނިއު ދިއްލީއަށް ފުރާވަޑައިގަންނަވައިފިއެވެ.
މިމަހުގެ 13 އިން 18 އަށް ކުރައްވާ މި ދަތުރުގައި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯ، އަޙްމަދު ނިހާން ޙުސައިން މަނިކު އަދި ސީނިއަރ ފޮރިން ރިލޭޝަންސް އޮފިސަރ، ޢާއިޝަތު އީމާން ބައިވެރިވެވަޑައިގަންނަވައެވެ.
ކޮމަންވެލްތް ގައުމުތަކުގެ ޕާލިމެންޓްތަކުގެ ރައީސުންގެ 28 ވަނަ ކޮންފަރެންސް ފެށުމަށް ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހު އެވެ. އަދި މި ކޮންފަރެންސް ފައްޓަވައިދެއްވުމަށް ހަމަޖެހިފައި ވަނީ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ.
މި ކޮންފަރެންސް ނިންމާލުމަށް ފަހު އަބްދުއްރަހީމް ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 18 ގައެވެ.

