މަނީ ލޯންޑްރިންގެ ކުށުގައި ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު މަޖިލީސް މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކޮށްފިއެވެ.
ހޯމަ ދުވަހުގެ މަޖިލީސް ފެށުމާއި އެކު، އިދިކޮޅުން ވަނީ ރައީސް ޔާމީނާއި ”ސިޔާސީ ހައްޔަރީން“ ދޫކޮށްލުމަށް ގޮވާލާފައެވެ. ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައިވާ ޕޯސްޓަރުތަކެއް ހިފައިގެން މަޖިލީހުގެ މެމްބަރުންގެ ވާހަކަތަކަށް ހުރަސް އެޅުމަށް އިދިކޮޅުން މަސައްކަތް ކުރައްވަމުން ގެންދަވާތީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ އިދިކޮޅު މެމްބަރުން ފިޔަވައި އެހެން މެމްބަރުން ވާހަކަ ނުދައްކަވައި ތިއްބެވުމަށް އެދިވަޑައިގެންފައެވެ.
މަޖިލީހުގައި އަޑުގަދަ ކުރެއްވި މެމްބަރުންގެ ތެރޭގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، ގުރައިދޫ ދާއިރާގެ މެމްބަރު ގައްސާން މައުމޫން، މާވަށު ދާއިރަގެ މެމްބަރު އަހުމަދު ސައީދު ހިމެނިވަޑައިގަންނަވައެވެ.
މަޖިލީސް ކުރިޔަށް ގެންދިއުމަށް އިދިކޮޅުން ހުރަސްއަޅާތީ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވަނީ ނިޒާމީ މައްސަލަތައް ނެންގެވުމަށް ވެސް މަސައްކަތް ކުރައްވާފައެވެ. އެހެން ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ނިޒާމީ މައްސަލައެއް އެއްވެސް މެމްބަރަކަށް ދިނުމަށް ”ގަސްތެއް“ ނުކުރައްވާ ކަމަށެވެ.
މަޖިލީސް ފެށުމާއި އެކު، އިދިކޮޅުން ވަނީ ރިޔާސަތު ކުރިމަތީ ޕޯސްޓަރުތަކެއް ހިއްޕަވައިގެން ތިބެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ އަދުލު އިންސާފެއް ނެތް ކަމަށް ވަނީ ވިދާޅުވެފައެވެ.
ޝިޔާމާއި، ސައީދު ޖަލްސާގައި އަޑުގަދަ ކުރައްވަމުން ގެންދެވިނަމަވެސް، ފަހުން ރައީސް ނަޝީދާއި އަދި މަޖިލީސް އެހެން މެމްބަރުން އެ ބޭފުޅުންނަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވައެވެ.

