ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަކީ ސަރުކާރު ޖަވާބުދާރީކުރުވުމާއި ރައްޔިތުންގެ މެންޑޭޓު ހާސިލުކުރުމަށް އޮތް މަގެއްކަމަށް ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް ގެންނަ އިސްލާހާއި ގުޅޭ ބިލުގެ މަސައްކަތް އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ފެށީ ދައުރުން ބޭރުން ބޭއްވި ޖަލްސާގަ އެވެ. މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާއަށް ފޮނުވާފައިވާއިރު ފެބްރުއަރީ މަހު 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ފެށުމުގެ ކުރިން ކޮމިޓީން ބިލުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާނެކަމަށް ބެލެވެ އެވެ.
މި އިސްލާހަށް އިދިކޮޅުގެ މެމްބަރުން ދެކޮޅު ހަދައި ބުނެފައި ވަނީ، ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި އަވަސް އަރުވާލައިގެން އިސްލާހު ހުށަހަޅަނީ ވެރިކަމުގެ ދައުރު 10 އަހަރަށް ދަންމާލުމަށް ކަމަށެވެ. އަދި ސަރުކާރުގެ ނިޔަތާއި މެދު ސުވާލު އުފައްދައި ވަނީ، ހަރަދު ކުޑަކުރުމުގެ ވާހަކައަކީ އަސްލެއް ނެތްކަމެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މި އިސްލާހާއި ގުޅޭގޮތުން ”ސަންގު ޓީވީ“ ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ހުސައިން ޝަރީފް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ކަންކަން ތަރުތީބުވެފައި އޮތް ގޮތުން އިންތިހާބުތަކުގެ މެދުގައި އޮންނަ ދިގު ކެމްޕޭން މުއްދަތަކީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެކެވެ. ރިޔާސީ އިންތިހާބަށް ފަހު މަޖިލިސް އިންތިހާބު އަންނަން ދެން އޮންނަ މުއްދަތުގެ ތެރޭގައި، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމާއި ސަރުކާރުގެ ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް އަބަދުވެސް ކުރެވޭކަމަށް ހުސެއިން ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެންނަށް ފެންނަނީ އަޅުގަނޑުމެންގެ ތެރޭގައި މިއޮންނަ ސިޔާސީ ވާދަވެރިކަމުގައި ވަރަށް ދިގު މުއްދަތެއްގެ ތެރޭގައި ކެމްޕޭނުތަކެއް ކުރެވެމުންދާތަން. އޭރު ދެމިއޮންނަ ސަރުކާރެއްގެ ނުފޫޒާ ބާރު ބޭނުންކޮށްގެން ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ އިނގިލި އަބަދުވެސް ދިއްކުރެވޭ
ހުސައިން ޝަރީފް އިތުރަށް ވިދާޅުވީ، ޤާނޫނުއަސާސީގައި ތިން ބާރު ވަކިވެފައި އޮތް ނަމަވެސް، އަމަލާއި ބަހާ ދިމާނުވާނަމަ ރައްޔިތުންނަށް އެދެވޭ ހިދުމަތެއް ނުލިބޭނެ ކަމަށެވެ. އަދި ސަރުކާރު ޒިންމާދާރުކުރުވުމުގެ އެންމެ އިސް ދައުރެއް އަދާކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވާއިރު، އިންތިހާބުތައް އެއްކޮށްލުމަކީ މި ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެކަމެއްކަމަށް ފާހަގަކުރެއްވިއެވެ.
ނަމަވެސް، އިންތިހާބުތައް އެއްކޮށްލި ނަމަވެސް، މަޖިލީހުގެ މެޖޯރިޓީ އޮންނަ ޕާޓީއަކުން ސަރުކާރުގެ އަމަލުތަކަށް ތާސަބުވެ، ރައްޔިތުންގެ އަޑު ނީވޭ ގޮތަށް ކަންކަން ދިއުމުގެ ބިރު އޮތްކަންވެސް މެންބަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން އޮތް އެންމެ ބޮޑު ސުވާލަކީ ނެރެން އުޅޭ ނަތީޖާ ނެރެވޭނެތޯ ނޫންތޯ އޮތް ސުވާލުކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ރާއްޖޭގެ ސިޔާސީ ސަގާފަތުގެ ތެރޭގައި އިތުބާރު އުފެއްދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ފެހި ޤާނޫނުއަސާސީގެ ދަށުން އުފެދުނު މަޖިލިސްތަކާއި ސަރުކާރުތަކުން، ރައްޔިތުންގެ އިތުބާރު ހޯދޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މިއަދު އެންމެ މުހިންމު ކަންތައް ކަމަށެވެ.

