ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބުތައް އެއްކޮށްލުމަކީ އާ ގާނޫނުއަސާސީ ވުޖޫދުވީއްސުރެ ވެސް ދެކެވެމުން އަންނަ ވާހަކައެއް: އައިފާން

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ ދައުރު ދަންމާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ބުނެ ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަހުމަދު އައިފާން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އައިފާން ވިދާޅުވީ މަޖިލީސް އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލުމަކީ އާ ގާނޫނު އަސާސީ ވުޖޫދުވީއްސުރެ ވެސް ދެކެވެމުން އަންނަ ވާހަކައެއްކަމަށެވެ. އަދި މި ސަރުކާރުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައި ވަނީ ދައުރު ދަންމާލުމަށްކަމަށް ބުނެ ދެކެވޭ ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށް އައިފާން ވިދާޅުވިއެވެ.

އައިފާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ގާނޫނަށް ގެނައި އިސްލާހު ދަނީ ވަރަށް ގޯސްގޮތަކަށް ރައްޔިތުންނަށް ތަސައްވަރު ކޮށްދެމުން ކަމަށާއި އަދި އެބޭފުޅުންނަކީ ކޮންމެ ކަމެއްގައިވެސް ރައްޔިތުންނަށް އޭގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދައްކަވާ ބައެއްކަމަށް ވާތީ އެކަމާ ހައިރާން ނުވާކަމަށެވެ.

އިދިކޮޅު ފަރާތްތަކަށް ރަނގަޅުވާގޮތަށް ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭކަމަށާއި ރައްޔިތުންނަށް ކިތަންމެ ލާބައާއި މަންފާ ހުރި ކަމެއް ސަރުކަރުން ކުރާ ކަމުގައި ވިޔަސް އިދިކޮޅު ފަރާތްތަކަށް އެކަން ދުވަހަކުވެސް ރަނގަޅެއް ނުވާނެކަމަށް ވެސް އައިފާން ވިދާޅުވިއެވެ.

މި ކަން އެންމެ ރަނގަޅަށް ފެނިގެން ދިޔައީ ރާއްޖޭގައި ބޭރު ފައިސާގެ މައްސަލަ ހައްލުކުރުމަށްޓަކައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުން ބޭރު ފައިސާ މާރުކުރުމަށް ސަރުކާރުން ގޮވާލި ގޮވާލުމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކައިން ކަމަށް އައިފާން ފާހަގަކުރެއްވިއެވެ.

އިދިކޮޅު ފަރާތްތަކުން އިޒުރޭލުގެ ޕާސްޕޯޓު މަނާކުރުމުގެ ކަންތަކުގައި ވަރަށް ފޯރިޔާއެކު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ސަރުކާރުން އެކަން ކުރުމުން އެކަން ވެސް ރަނގަޅު ނުވިކަން އައިފާން ފާހަގަކުރެއްވިއެވެ.

މި ފަހުން ދައުރުން ބޭއްވި މަޖިލީހުގެ ޖަލްސާއާއި ގުޅޭ ގޮތުން އައިފާން ވިދާޅުވީ ދައުރުން ބޭރުގައި އާންމުގޮތެއްގައި ބޭއްވިގެންދާ ޖަލްސާތައް ބާއްވަނީ އެ އިރެއްގައި ސަރުކާރަށް ނުވަތަ މަޖިލީހުގެ މެންބަރުންނަށް ފެންނަ ރައްޔިތުންނާއި ގުޅޭ މުހިންމު ކަންކަން ނިންމުމަށްޓަކައި ކަމުގައެވެ.

މި ސަރުކާރަކީ އަދި މަޖިލީހަކީ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ އަދި ރައްޔިތުންގެ ހައްގުގައި ގޮވާލާ ކޮންމެ ގޮވާލުމަކަށް އިޖާބަ ދޭނެ ސަރުކާރެއްކަމަށް ވިދާޅުވަމުން އައިފާން ވިދާޅުވީ ދައުރުން ބޭރުގައި ބޭއްވިގެން ދިޔަ ޖަލްސާއަކީ މީގެ އަލިގަދަ ހެއްކެއް ކަމަށެވެ.

އިންތިހާބު އެއްކުރުމާއި ރިޔާސީ ދައުރު ދިގު ދަންމާލުމުގެ ގަވާއިދުތައް ވަރަށް ޞަރީހަކޮށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި މިއީ އެއްވެސް މީހަކު އަމިއްލަޔަށް ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމަށް ވެސް އައިފާން ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާ އިސްރާފުވެގެން ދާދިޔުން ހުއްޓުވުމަކީ ޕާޓީގެ ވިސްނުންކަމަށާއި ރައްޔިތުންނަށްޓަކައި ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމަށްޓަކައި ބަދަލުކުރަންޖެހޭ ކަންކަން އިސްލާހުކުރުމަށް މި ސަރުކާރުގެ އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރިކަމަށް ވިދާޅުވެ އައިފާން އިތުރަށް ފާހަގަކުރެއްވީ ނިމިގެން ދިޔަ ރައީސް ޞާލިހުގެ ވެރިކަމުގައި ވެސް އިންތިހާބު ކާމިޔާބުކުރުމަށްޓަކައި މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި ވަސީލަތްތަކެއް ބޭނުންކުރެވިގެން ދިޔަ ކަމަށެވެ.

މަޖިލީސް އިންތިހާބު ބާއްވަން ކުރާ ހަރަދަށް ވުރެ މަޖީލީސް އިންތިހާބު ކާމިޔާބުކުރުމަށް ސަރުކާރުތަކުން ކުރާ ހަރަދަކީ ދެއްކުން މާ މުހިންމު ވާހަކައެއްކަމަށާއި މި ކުރެވިގެންދާ ހަރަދަކީ އޭގެ އެންމެ ރަނގަޅު ގޮތުގައި ހޭދަކުރެވޭ ފައިސާ ކަމާއިމެދު އައިފާން ވަނީ ސުވާލު އުފައްދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: