އަންނަ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުން މިއަދު ހަމަވެއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން މެންދުރު 12:00 ގެ ނިޔަލަށް 639 ޝަކުވާ ލިބިފައިވާކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ރަޖިސްޓަރީގައި ހިމެނިފައިވާ އެޑްރެސް ބަދަލުކުރުމަށް، ރަށްވެހިކަން ބަދަލުވެފައިވާތީ އަދި ނިޔާވެފައިވާ ފަރާތްތައް ހިމެނިފައިވާތީ އެ ނަން ރަޖިސްޓަރީން އުނިކުރުމަށް ލިބިފައިވާ ޝަކުވާތައްކަމަށް ކޮމިޝަނުން ބުންޏެވެ.
ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުން ހަމަވެފައި ވަނީ މިއަދުގެ މެންދުރު ފަހު 15:00 އަށެވެ.
އީސީން ބުނީ ރަޖިސްޓަރީއަށް މީހަކު އިތުރުކުރުމަށް، ރަޖިސްޓަރީން މީހަކު އުނިކުރުމަށް ނުވަތަ ރަޖިސްޓަރީގައި ހިމެނިފައިވާ މަޢުލޫމާތަކަށް ބަދަލުގެނައުމަށް ހުށަހަޅާއިރު، ޝަކުވާގެ ޞައްޙަކަން ސާބިތުވާނެ ރަސްމީ ލިޔުމެއްގެ ކޮޕީ ހުށަހަޅަންވާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ރަޖިސްޓަރީއަށް ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ، ސިޔާސީ ޕާޓީއަށް ދެވިފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްކަމަށް ވަނީ ބުނެފަ އެވެވެ.

