ރާއްޖޭގައި ހުއްދަ ނެތި ހިންގާ ފާމަސީތަކާއި، ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ފާމަސިސްޓުންނަށް ފިޔަވަޅު އަޅާނެކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނެެފައި ވަނީ، ބޭހާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން، ރާއްޖެއަށް ވިޔަފާރީގެ އުސޫލުން ބޭސް އިމްޕޯޓްކޮށް ވިއްކޭނީ އެ އޮތޯރިޓީގައި ރަޖިސްޓްރީވެ، ހުއްދަ ލިބިގެން ކަމަށެވެ. އަދި ބޭސް ވިއްކާ ފާމަސީތަކަކީ އެމްއެފްޑީއޭގައި ރަޖިސްޓްރީ ކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށާއި، އެ ތަންތަނުގައި މަސައްކަތް ކުރާ ފާމަސީ ޕްރޮފެޝަނަލުންނަކީ ވެސް އެ އޮތޯރިޓީގެ ހުއްދަ އޮތް ފަރާތްތަކަށް ވާންޖެހޭނެކަމަށް ވަނީ ބުނެފައެވެ.
އެގޮތުން ފާމަސީތަކުގައި ”ބޭސް ވިއްކުމުގެ ހުއްދަ“ ނެތި ބޭސް ވިއްކުމާއި، ފާމަސިސްޓް އައިޑީ ކާޑު ނެތި މަސައްކަތް ކުރުމަކީ މަނާ ކަމެއްކަން ވަނީ ފާހަގަކޮށްފަ އެވެ.
އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ބޭސް ނަގާއިރު، ވަކިވަކި ކަންތަކަށް ސަމާލުވުމަށް ވެސް އެމްއެފްޑީއޭ ވަނީ އެދިފަ އެވެ.
އޭގެ ތެރޭގައި:
ފާމަސީގައި ބޭސް ވިއްކުމުގެ ހުއްދަ ހަރުކޮށްފައިވޭތޯ ބެލުން.
ބޭސް ދޫކުރަން ހުރި ފަރާތަކީ ހުއްދަ އޮތް ފަރާތެއްކަން ކަށަވަރު ކުރުމަށް ފާމަސިސްޓް އައިޑީ ކާޑު އަޅާފައި ހުރިތޯ ބެލުން.
ބޭހުގެ މުއްދަތު ހަމަވާ ތާރީޚު ބެލުން.
ބޭސް ބޭނުންކުރަންވީ އިރުޝާދު ސާފުކޮށް ލިޔެފައިވޭތޯ ބެލުން.
ބޭސް ޕެކްކޮށްފައިވަނީ ރައްކާތެރި ގޮތަކަށްތޯ (މިސާލު: ފިނީގައި ބަހައްޓަންޖެހޭ ބޭސްތައް އައިސްޕެކާއެކު ދޫކުރުން) ބެލުން.
އެމްއެފްޑީއޭ އިން އިތުރަށް ބުނީ، ހުއްދަ ނެތް ފާމަސީތަކާއި، ގަވާއިދާ ހިލާފަށް ހިންގާ ފާމަސީތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަމުން ދާނެ ކަމަށެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުއްވުމަށް ވަނީ އެދިފައެވެ.

