ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް އޮފީސް) ގެ އާ ބްރޭންޑިންގ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި މި މަހުގެ 20 ވަނަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑިންގ އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ، ޠާރިޤު އިބްރާހިމްއެވެ.
މެޓް އޮފީހުން ހާމަކުރި ގޮތުގައި، މި އާ ބްރޭންޑިންގ އަކީ އެ މުއައްސަސާ އިން ފޯރުކޮށްދޭ މޫސުމީ މަޢުލޫމާތުތަކާއި، ބިންހެލުމާއި ސުނާމީގެ އިންޒާރުތައް، އަދި ދުރާއިންޒާރު ދިނުމުގެ ނިޒާމުގެ ދަށުން ފޯރުކޮށްދޭ މަޢުލޫމާތުތައް ތަރުތީބުކޮށް، އެއް ބައްޓަމަކަށް އާންމުންނަށް ހުށަހަޅައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މީގެ ސަބަބުން މުއައްސަސާގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އެ އިދާރާއިން ބުނެއެވެ.
މި މަސައްކަތަކީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޖެންސީގެ އެހީތެރިކަމާއެކު ޔޫއެންޑީޕީ (UNDP) އިން ހިންގާ ”ތައްޔާރު“ ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި ޕްރޮގްރާމުގެ މަގްސަދަކީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.
ރާއްޖޭގެ މޫސުމީ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން މިހާރުވެސް ރާއްޖޭގެ ފަސް ސަރަޙައްދެއްގައި މޫސުމާ ބެހޭ އޮފީސްތައް ޤާއިމްކޮށް، 24 ގަޑިއިރު ޚިދުމަތް ދެމުންދެއެވެ. އަދި މޫސުމީ މަޢުލޫމާތު ވަގުތުން ވަގުތަށް ހޯދުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 38 އޮޓަމެޓިކް ވެދަރ ސްޓޭޝަނާއި، 3 ޓައިޑް ގޭޖް ވަނީ ހަރުކުރެވިފައެވެ.
މީގެއިތުރުން، ބިންހެލުންތައް ދެނެގަތުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ ދެ ސަރަޙައްދެއްގައި ސީސްމޮމީޓަރު ހަރުކޮށް، ދުނިޔޭގެ ސީސްމޮމީޓަރު ވިއުގައާ ވަނީ ގުޅާލެވިފައެވެ. މި ހުރިހާ ވަސީލަތްތަކެއްގެ ބޭނުމަކީ ރައްޔިތުންނަށް އިތުބާރު ހުރި، އަވަސް މޫސުމީ މަޢުލޫމާތު ފޯރުކޮށްދިނުމެވެ.

