ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އަޅުގަނޑު ޤާސިމް ނުވެސް ދަންނަން، އަޅުގަނޑު ކިހިނެއްތޯ އޭނައަށް ލޯނެއް ދޭނީ”؟: މެންބަރު ޝަހީމު

ކަނޑިތީމު ދާއިރާގެ މެންބަރު ޝަހީމު
ޝެއާރކޮށްލާ ކަހަލަދޯ؟

ބުދަ ދުވަހުގެ ރޭ މުޅި ޤައުމު ސިއްސުވާލީ، ތޫނު އެއްޗަކުން ހަމަލާދީ، އުމުރުން  59 އަހަރުގެ ޤާސިމް ޙަސަން މަރާލި ޚަބަރާއެކުގައެވެ. ހުޅުމާލޭ ރީތިގަސް މަގުގައި ޒަޚަމްތަކާއެކު ޤާސިމް ވެއްޓިފަ އޮތް އިތު ވަށައިގެން ފެންނަން ހުރީ ގަނޑު ލޭތަކެވެ. ޓެކްސީ ޑްރައިވަރުކަން ކުރާ ޤާސިމަށް ހަމަލާދީފައިވަނީ ޓެކްސީގެ ތެރެއިންކަމަށް ބައެއް މީޑީއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ހަމަލާއިން ސަލާމަތްވުމަށް ޤާސިމް މަގުމަތީގައި ދުވެފައި ހުރިކަން ލޭގެ ނިޝާންތަކުން ފެންނަން ހުރިއިރު، ފުލުހުން ބުނީ ޤާސިމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށެވެ.

ރަހުމް ކުޑަކޮށް އަނިޔާވެރިގޮތަކަށް ޤާސިމް މަރާލާފައިވާއިރު، ޤާސިމްގެ މަރުގެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުޥާއިރު، އެ މައްސަލަ ތަހުގީގުކުރުމަށް ފުލުހުން ވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައެވެ. ޤާސިމަށް މީހަކު ހަމަލާ ދޭން ޖެހޭ ސަބަބެއް އަދި މިހާ ހިސާބަށް އައި އިރުވެސް އެއްވެސް ގޮތަކުން ނޭނގޭއިރު ޤާސިމްގެ އެކުވެރިން ބުނަނީ އޭނާ އަކީ މީހުންނާއި ގުޅޭ ސަކަމިޒާޖެއްގެ އެކުވެރިއެއް ކަމަށެވެ. އަދި އޭނާއާއި މީހަކާއި ދެބަސް ވާން ޖެހޭނެ އެއްވެސް ސަބަބެއް ނޭންގޭކަމަށްވެސް ބައެއް އެކުވެރިންނާއި ހަވާލާދީ މީޑިއާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.

ޤާސިމަށް ހަމަލާދީ މަރާލާފައިވާއިރު، ބައެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާއަށް މީގެ ހަފްތާއެއް ހާދުވަސް ކުރިން ބަޔަކު އިންޒާރު ދީފައިވާކަމަށާއި، އެއީ ތަންކޮޅެއް ކުރިން އޭނާ މީހަކު އަތުން ނެގި ލޯނެއް އަނބުރާ ނުދައްކައިގެން ކަމަށެވެ. އަދި އަނެއް ފަރާތްަކުން ބުނަނީ އިއްޔަގެ ވަގުތެއްގައި ޤާސިމްގެ ޓެކްސީން ސައިކަލެއްގައި ޖެހިގެން ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް އެ ޒުވާނުންގެ ފަރާތުން ފެނުނުކަމަށެވެ.

އެއާއެކު ކުއްލިއަކަށް މީސް މީޑިއާގައި ޤާސިމަށް ލޯނު ދޫކުރީ ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމު ކަމަށެވެ. އަދި ޝަހީމު އޭނާއަށް އިންޒާރު ދީފައިވާކަމަށެވެ.

މިކަމާއި ގުޅިގެން ސަންގުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެންބަރު ޝަހީމު ވިދާޅުވީ، މި ފަދަ ކަމެއް އޭނާގެ އިސްތަށިފުޅުގައި އަޅުވަން ބަޔަކު އުޅޭ ސަބަބެއް އޭނާއަށް ނުވިސްނޭ ކަމަށެެވެ. އަދި ޤާސިމް އަކީ އޭނާ ދަންނަ މީހަކަށް ނުވާއިރުގައި ޤާސިމަށް ޝަހީމު ލޯނެއް ދޭނީ ކިހިނެއްތޯ ބުނެ ޝަހީމު ސުވާލުކުރެއްވިއެވެ. އަދި ލޯނު ދިންކަމަށް އެބުނާ ދުވަސްވަރަކީ ހުރިހާ ގޮތަކުންވެސް ބަލިކަށި ދުވަސް ވަރެއްކަމަށާއި، އެއީ އަތާ އަނގަޔާވެސް ދިމާނުވާ ވަރަށް ހާލަތު ދަށްކޮށްދިޔަ ދުވަސްވަރެއްކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. 

ޝަހީމު ވިދާޅުވީ އޭނާ ލޯނެއް ނުދޭ މީހަކަށް އޭނާ ދޭން ޖެހޭ އިންޒާރެއްވެސް ނޯންނާނެކަމަށެވެ. އަދި އަނިޔާވެރިކަމަކީ އަބަދުވެސް ނަފުރަތު ކުރާކަމެއްކަމަށާއި، އަނިޔާވެރި ކަމާއ ދެކޮޅަށް އަބަދުވެސް އަޑު އުފުލާނެކަމަށެވެ.

ޝަހީމު އިތުރަށް ވިދާޅުވީ ފަހަކަށް އައިސް އޭނާގެ އަބުރު ކަތިލައި އޭނާއަކީ ކުށްވެރިއަކަށް ހެދުމަށް ބަޔަކު ގަސްތުގައި އަޑީގައި ތިބެގެން މިކަހަލަ ތާކުން ތާކު ނުޖެހޭ ހަބަރު މީސް މީޑިއަާއަށް ދޫކުރަމުން އަންނަކަމަށެވެ. އެގޮތުން ފިލްމީ ތަރި މަލް އާއެކު 11 ފިރިހެނުން ހައްޔަރު ކުރުމުން އެ 11 މީހުންގެ ތެރޭގައި އޭނާ ހިމަނައިގެންވެސް ބަޔަކު ޓްވީޓް ތަކެއް ކުރިކަމަށެވެ. 

އަދި މިއަދު ޤާސިމަށް ބަޔަކު ދިން ރަހުމް ކުޑަ ހަމަލާވެސް އޭނާގެ އިސްތަށިފުޅުގައި އެޅުވުމަށް މަސައްކަތް ކުރަނީ ހަމައެއް ބައެއްކަމަށްވެސް ޝަހީމު ވިދާޅުވިއެވެ. 

ޝަހީމި ވަނީ ޤާސިމަށް ބަޔަކު ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައެވެ. އަދި އެ މައްސަލައިގައި ޤާސިމްއާއި ޤާސިމްގެ އާއިލާއަށް އިންސާފު ހޯދާ ދިނުމަށް ކުރަން ޖެހޭ ކޮންމެ ކަމެއް ކޮށްދޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: