ޕީއެންސީގެ ކެނޑިޑޭޓުން ރައްޔިތުންގެ އަޑު އަހާނެކަމަށް ޕީއެންސީގެ ކެމްޕެއިން މެނޭޖަރު އަދި ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ޕީއެންސީއިން ކުރިއަށް ގެންދާ ކެމްޕެއިންގެ ތެރެއިން މިއަދު ވަނީ މާލެ ސަރަހައްދުގައި ދޮރުން ދޮރަށް ހިންގަވާފައެވެ. އެގޮތުން މި ހަރަކާތް ފެށުމުގެ ރަމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރެވޭ ހުރިހާ ގޮނޑިއަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތިއްބަވާނެކަމަށެވެ. އެހެންކަމުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައިވެސް މި ހަރަކާތްތައް ކުރިއަށް ދާނެކަމަށެވެ.
ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަކީ ރާއްޖޭގައި ލާމަރުކަޒީ ނިޒާމު އެންމެ ފުރިހަމައށް ތަންފީޒު ކުރައްވަމުން ގެންދަވާ ވެރިޔާކަމަށާއި، ރައްޔިތުންގެ ހާލު ބައްލަވާ ރައީސް މުއިއްޒު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުންނާއި ގާތުންކަމަށް ފަލާހު ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި، ރައްޔިތުންނާއި މާލޭގެ އަވަށްތަކުގެ ވެރިންނާއި، މެންބަރުންނާއި، ރައްޔިތުންނާއި ބައްދަލުކުރައްވާ، އެމަނިކުފާނަކީ ރައްޔިތުން ބޭނުންވާ ގޮތަށް ކަން ކުރައްވާ ވެރިއެއް.
ފަލާޙު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ އިތުރުން ކައުންސިލްތަކާއިވެސް ބައްދަލުކުރައްވާފައިކަމަށް ފަލާޙު ފާޙަގަކުރެއްވިއެވެ. އަދި ވެރިކަން ކުރައްވަމުން ގެންދަނީ ރައްޔިތުން އެދޭ ގޮތަށްކަމަށް ފާޙަގަކުރެއްވިއެވެ.
ވީހާވެސް ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް، ރައީސް ގެންދަވަނީ މެންބަރުންނަށާއި އަދި ކެންޑިޑޭޓުންނަށްވެސް އިލްތިމާސް ކުރައްވަމުންކަމަށް ފަލާހު ވިދާޅުވިއެވެ.
ފަލާޙު ވިދާޅުވީ މާލެ ސިޓީގެ މޭޔަރުކަމަށް މޫސާ އަލީ ޖަލީލް ވާދަކުރައްވަނީ، ރައީސް މުއިއްޒު ކޮށްދެއްވިފަދައިން މޭޔަރުކަން ރައްޔިތުންނަށް ކޮށްދެއްވުމަށްކަމަށެވެ. މޫސާ އަލީ ޖަލީލް ވެގެންދާނީ ރައްޔިތުންނަށް ހިދުމަތްކުރުމުގައި ނަމޫނާ ދައްކަވާނެ ބޭފުޅަކަށްކަމަށް ފަލާހު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓުދެއްވުމަށް ފަލާހު އެދިވަޑައިގެންނެވިއެވެ.

