ދަރިމައިވުމުގެ މައްސަލަ ހުންނަ މީހުން ހަދާ އިންވިޓްރޯ ފާޓަލައިޒޭޝަން (އައިވީއެފް)ގެ ފަރުވާ ހޯދުމަށް ސަރުކާރުގެ އެހީއަށް އެދި ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވީ 39 މީހަކު ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ބުނެފިއެވެ.
މިދިޔަ ޑިސެމްބަރު މަހު ހުޅުވާލި މި ފުރުސަތުގައި ޖުމްލަ 135 މީހަކު އެހީއަށް އެދި ހުށަހަޅާފައިވެއެވެ.
އައިވީއެފްގެ ފަރުވާ ހޯދުމަށް އެހީއަށް އެދި މިދިޔަ ނޮވެމްބަރު މަހު ފުރުސަތު ހުޅުވާލިއިރު، ސަރުކާރުން ނިންމާފައިވަނީ ފުރަތަމަ ބުރުގައި 50 ދެމަފިރިންނަށް މި ފުރުސަތު ދޭށެވެ. އެންސްޕާއިން ބުނީ ޝަރުތު ހަމަވި 39 މީހުންނަށް މިހާރު އެހީ ހަމަޖެހިފައިވާ ކަމަށާއި، އެ މީހުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ފަރުވާ ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރަން ޖެހޭނެ ކަމަށެވެ.
އެންސްޕާއިން މިހާރު ވަނީ އެހީގެ ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލާފައެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އަންނަ ހޯމަ ދުވަހުގެ ކުރިން one.gov.mv މެދުވެރިކޮށް ޝަކުވާ ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފައެވެ. މި މުއްދަތުގެ ނިޔަލަށް ހުށަހަޅާ ޝަކުވާތަކަށް ރިއާޔަތްކޮށް، ބަދަލު ގެންނަން ޖެހޭ ނަމަ މުރާޖައާކޮށްފައިވާ ލިސްޓު އަންނަ މަހުގެ އެއްވަނަ ދުވަހު ޝާއިއު ކުރާނެއެވެ.
އާސަންދަ ސްކީމްގެ ދަށުން އައިވީއެފް ފަރުވާ ދިނުމަށް ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން، އެހީއަށް އެދޭ ދެމަފިރިންގެ ކައިވެންޏަށް މަދުވެގެން ތިން އަހަރު ވާންޖެހެއެވެ. އަދި ގުދުރަތީ ގޮތުން ދަރިމައިވުމަށް ހުރަސްއަޅާ ސިއްހީ ސަބަބެއް ކުރިމަތިވެފައިވުން ނުވަތަ ދަރިމައިނުވާ ސަބަބު ދެނެނުގަނެވި ތިން އަހަރު ވެފައިވުން ހިމެނެއެވެ. މީގެ އިތުރުން، ފަރުވާ ފަށާއިރު އަނބިމީހާގެ އުމުރު 25 އަހަރާއި 42 އަހަރާ ދެމެދުގައި ހުންނަންޖެހޭއިރު، ފިރިމީހާގެ އުމުރު 55 އަހަރަށް ވުރެ މަތިވެގެން ނުވާނެއެވެ.
އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، އެހީއަށް އެދޭ ދެމަފިރިންނަކީ ދުނިޔޭގައި ދަރިއަކު ހުރި ބަޔަކަށް ވެގެން ނުވާނެއެވެ. އަދި ފަރުވާ ފަށާއިރު ދުންފަތުގެ އިސްތިއުމާލު ނުކުރާތާ ހަ މަސް ދުވަސް ވެފައިވުމާއި، ޖިނާއީ ކުށެއްގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހަކަށް ވެގެން ނުވާނެއެވެ. މީގެ ކުރިން މި ސްކީމުން އެހީ ލިބިފައިވާ މީހުންނަށް ވެސް އަލުން އެހީއަކަށް ނޭދެވޭނެއެވެ.

