މަސްދަޅު ކޭސް ދޫކުރުމަށް ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމަށް މިހާރު ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.
ސަރުކާރުން ރޯދަ މަހަށް ހާއްސަކޮށް ހަދިޔާކުރާ މަސްތަޅު ކޭސްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިއަދުގެ 12 ޖެހުމާއިއެކު ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގުމަށް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާނެކަމަށެވެ. މި މަސައްކަތުގައި އެއްވެސް ފަރާތަކަށް ކިއުގައި ޖެހެން ނުޖެހޭނެކަމަށް ވިދާޅުވިއެވެ.
މިދިޔަ އަހަރެކޭވެސް އެއްގޮތަށް އޮންލައިންކޮށް މިކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާނެކަމަށް ފާޙަގަކުރެއްވިއެވެ.
ހޮނިހިރު ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ ރޭގަނޑު 11 ޖެހުމާއި ހަމައަށް މަސްދަޅު ކޭސް ދޫކުރަމުންދާނެކަމަށް ފާހަގަކޮށް އާދަމް ޝަރީފް ފާހަގަކުރެއްވި ގޮތުގައި ހުކުރު ދުވަސް ފިޔަވައި ހުރިހާ ދުވަހެއްގައިވެސް މަސްދަޅު ކޭސް ބަހަމުން ގެންދާނެއެވެ.
11 ފެބުރުއަރީގެ ނިޔަލަށް މަސްދަޅުތައް ބަހާ ނިމޭނެކަމަށް އުއްމީދުކުރާކަމަށް ފާހަގަކުރެއްވިއެވެ. ވަކި ކަރަންޓު މީޓަރު ނަންބަރެއް ލިބިފައިވާ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ލިބޭނެކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީއަށް ލިބިފައިވާ މައުލޫމާތުތަކުގައިވާ ގޮތުން 56،918 ގޭބިސީ އަތޮޅުތަކުގެ ތެރޭގައި އެބަހުރިކަމަށާއި، ގްރޭޓާ މާލެ ސަރަހައްދުގައި 61،755 ޖުމްލަ 1،18،673 ގޭބިސީ ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގްރޭޓާ މާލެ ސަރަހައްދުގައި 15 ތަނަކުން މަސްދަޅު ކޭސް ބެހުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒު ހުންނާނެކަމަށް ވިދާޅުވިއެވެ. އެގޮތުން މާލޭގައި ދޫކުރާ ތަންތަން:
މިފްކޯ މަރުކަޒު
ސޯޝާލް ސެންޓަރު
އެމްޓީސީސީ ސޯމިލް
ހެންވޭރު ބޯޅަ ދަނޑު
ގަލޮޅު ބޯޅާ ދަނޑުގެ 4 ފަރާތުން
ހުޅުމާލޭގައި ފާ ދޫކުރާ ތަންތަން:
އުމަރު ޒާހިރު ބިލްޑިން
ޕޮލްކޯ ޓަވަރު ތިރިން
މުހައްމަދު ގާސިމް ޕްރީ ސްކޫލް
ހުޅުމާލެ ފޭސް 2 އަކުން ދޫކުރާ ތަންތަން:
ކާމިލް ދީދީ ސްކޫލް
ހިޔާ ޓަވަރު 10
ވިނަރެސް ފްލެޓު
ވިލިމާލެއިން ދޫކުރަނީ ވެމްކޯ ސައިޓުންނެވެ.
މި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ އެސްޓީއޯއާއި މިފްކޯކަމަށް ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވަނީ މިއީ ގައުމީ މަސައްކަތެއްކަމަށް ފާހަގަކުރައްވާފައެވެ.

