ޝަކުވާ ހުށައެޅުމުގެ މުއްދަތު ހަމަވީއިރު ޖުމްލަ 779 ޝަކުވާ ލިބިފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ފަރާތުން ކޮމިއުނިކޭޝަން އެގްޒެކިއުޓިވް މަރިޔަމް ޝާހިޔާ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ފުރަމެންދުރު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޝާހިޔާ ވިދާޅުވީ، މި އަހަރުގެ އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ މެންބަރުންގެ އިލެކްޝަނަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މި ދުވަސްކޮޅުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅުމަށް ހުޅުވައިލުމަށްފަހު މިހާރު މިވަނީ އެކަމަށް މުއްދަތު ހަމަވެފައިކަމަށެވެ.
މި ކަމާއި ބެހޭގޮތުން ޝާހިޔާ ވިދާޅުވީ، މި މުއްދަތު ހަމަވީއިރު، ގާތްގަނޑަކަށް 779 ޝަކުވާ ލިބިފައިވާއިރު، މި ޝަކުވާތަކަކީ މައިގަނޑު ގޮތެއްގައި އެޑްރެސް ބަދަލުވުމުންނާއި ރަށް ބަދަލުވުމުގެ ސަބަބުން އަދި ނިޔާވެފައިވާ މީހެއް ރަޖިސްޓްރީގައި ހިމެނޭތީ އެނަން އުނިކުރުމުގެ ގޮތުން އައިސްފައިވާ ޝަކުވާކަމަށެވެ.
އިދާރީ ކަންކަމާއި އެހެނިހެން ކަންކަން މި ފަހަރު އެބޭފުޅުން ކުރިއަށް ގެންދަވަނީ ޑިޖިޓަލްކޮށް މައިޕޯޓަލް މެދުވެރިކޮށްކަމަށާއި، އެހެންކަމުން މި ފަހަރު ޝަކުވާ ހުށައެޅުމުގެ ފުރުސަތު ވެސް ހުޅުވައިލެވިގެން މި ދިޔައީ މައިޕޯޓަލް މެދުވެރިކޮށް ކަމަށް ޝާހިޔާ ވިދާޅުވިއެވެ.
އެގޮތުން މިހާރު ކުރިއަށްދާ މަސައްކަތަކީ ލިބިފައިވާ ހުރިހާ ޝަކުވާއެއް ރިވިއުކޮށް އެއަށް ޖަވާބު ތައްޔާރުކުރުން ކަމުގައި ވިދާޅުވެ ޝާހިޔާ އިތުރަށް ފާހަގަކުރެއްވީ، ޝަކުވާތަކުގެ ޖަވާބުވެސް ޕޯޓަލް މެދުވެރިކޮށް ފެނިގެންދާނެކަމަށެވެ. އަދި ޝަކުވާ ރިޖެކްޓްވެފައި ވާނަމަ އެއީ ކީއްވެގެންކަން ވެސް އެނގިގެންދާނެކަމަށެވެ.
ހުރިހާ ޝަކުވާ ތަކެއް ޕްރޮސެސްކޮށް ނިމުމުން އިސްލާހުކުރެވިފައިވާ ރަޖިސްޓްރީއެއް ނެރޭނެކަމަށާއި ނަމަވެސް މި ރަޖިސްޓްރީއަށް ޝަކުވާ ހުށައެޅޭނީ ކުރިން ޝަކުވާ ހުށައެޅި ފަރާތްތަކަށް އެކަނިކަމަށް ޝާހިޔާ ވިދާޅުވިއެވެ.
ރީރަޖިސްޓްރޭޝަންގެ ވާހަގަ ފާހަގަކޮށްލަމުން ޝާހިޔާ ވިދާޅުވީ އަދިވެސް ވަރަށް ގިނަ މީހުނަށް ރީރަޖިސްޓްރޭޝަނަކީ ކޮބައިކަން ނޭނގޭކަމަށެވެ. އެގޮތުން ރީރަޖިސްޓްރޭޝަނަކީ ކޮބައިކަން ކިޔައިދެއްވަމުން ޝާހިޔާ ވިދާޅުވީ،
ރީރަޖިސްޓަރ ކުރުމަކީ އެމީހަކު ވޯޓުލުމަށް ރަޖިސްޓަރވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ރަޖިސްޓަރ ކުރުން
ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންގެ ލިސްޓު އާންމުކުރާ ހިސާބުންފެށިގެން އެ ލިސްޓަށް ބަދަލު ނުގެނެވޭނެ ކަމަށާއި އޭރުން އެމީހަކު ވޯޓުލާން އޮތްތަނެއްގައި ވޯޓުލުން ކުރިއަށްދާނެކަމަށް ޝާހިޔާ ވިދާޅުވިއެވެ. އަދި ރީ ރަޖިސްޓްރޭޝަނަށް ހުޅުވައިލާ އިރު، އެމީހެއްގެ ނަން އޮންނާނީ އެންމެފަހުން ވޯޓުލީ ތަނުގައި ކަމަށް ވެސް ޝާހިޔާ ފާހަގަކުރެއްވިއެވެ. އެ އެޑްރެސް ބަދަލުކުރަން ބޭނުންވެލައްވާނަމަ، ރީރަޖިސްޓްރޭޝަނަށް ހުޅުވައިލުމުން އަލުން ބަދަލުކުރަން ޖެހޭނެކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ރާއްޖޭން ބޭރު، ސިނާއީ، ޖަލުތަކުގައި އަދި ރިސޯޓުތަކުގައި ރަޖިސްޓަރ ވެފައިވާ މީހުން ރަޖިސްޓަރ ކުރެވިފައި އޮންނާނީ އެމީހެއްގެ ދާއިމީ އެޑްރެސްގައި ކަމަށް ވެސް ޝާހިޔާ ވިދާޅުވިއެވެ.
ޝާހިޔާ ވިދާޅުވީ، މި ފަހަރުގެ ވޯޓުލުމުގައި ބަހައްޓަން ހަމަޖެހިފައިވަނީ 621 ފޮށި ކަމަށާއި، އެއީ އަތޮޅުތެރޭގައި 321 ފޮށި، މާލެގައި 240 ފޮށި، ސިނާއީ ގައި 3، ޖަލުގައި 5 އަދި ރިސޯޓުތަކުގައި 50 ފޮށްޓެވެ. ރާއްޖޭން ބޭރުގައި މިފަހަރު ބަހައްޓަން ހަމަޖެހިފައި ވަނީ 2 ފޮށި ކަމަށް ވިދާޅުވަމުން ޝާހިޔާ އިތުރަށް ވިދާޅުވީ ރީރަޖިސްޓްރޭޝަން ނިމުމުން މި އަދަދުތަކަށް ބަދަލެއް އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

