މިފަހަރު މާލެ ސަރަހައްދުގައި 37 ދިވެހި ހާފިޒުން އިމާމުވެ ހިފްޒުކޮށް ތަރާވީސް ކުރާނެ ކަމަށް އިސްލާމިކް މިިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ބުނެފައިވަނީ މީގެ ތެރެއިން ގިނައީ ވަރަށް ޒުވާން، އަދި ރީތިކޮށް ކިޔަވާ ހާފިޒުން ކަމަށެވެ. އެގޮތުން މި ފަހަރު ރޯދަ މަހު އިސްލާމީ މަރުކަޒާއި ސަލްމާން ސެންޓަރުގައި ވެސް ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުންނަށް ޚުޠުބާ ކިޔަން ފުރުޞަތު ދެވިގެންދާނެ ކަމަށްވެސް މިނިސްޓްރީޏް ވަނީ ބުނެފައެވެ.
އިސްލާމީ މަރުކާޒާއި ސަލްމާން ސެންޓަރުގައި އިމާމުވެ ތަރާވީސްކުރާނީ ދިވެހި ހާފިޒުން ކަމަށް ފާހަގަކޮށް މިނިސްޓްރީން ބުނެފައިވަނީ ކުރުކޮށް ކިޔަވައި ނަމާދުކުރާ މިސްކިތްތައް އިތުރުކޮށްފައިވާނެ ކަމަށާއި އަދި ބޮޑެތި ބައެއް މިސްކިތްތަކުގައި ވެސް ކުރުކޮށް ކިޔަވައި ތަރާވީސް ނަމާދު ކުރުމަށް ފުރުޞަތު ފަހިކޮށްފައިވާނެ ކަމަށެވެ. އެއީ އެފަދަ ޖަމާޢަތްތަކަށް ގިނަ މީހުން އެއްވާތީ ކަމަށްވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ޢާއްމުކޮށް ކުރުކޮށް ކިޔަވައި ތަރާވީސްކުރާ، މިސްކިތެއްކަމުގައިވާ މަޖީދީ މަގުގައި ހުންނަ ސުލްޠާން ޢާދިލް މިސްކިތް ( ގަލޮޅު ދަނޑު ކުރިމަތި) މިފަހަރު އެތާގައި ކުރާނީ ދިގުކޮށް ހިފްޒުކޮށް ކަމަށާއި އަދި ބަރުބަރީ މިސްކިތުގައި ކުރާނީ ކުރުކޮށް ކަމަށް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ. އިސްލާމިކް މިނިސްޓްރީން އެހެން ނިންމީ ޢާދިލް މިސްކިތުގައި ކުރުކޮށް ކުރާތީވެ، ޖަމާޢަތް ބޮޑުވެގެން ގޮސް މަޖީދީ މަގު ބްލޮކްވެ ރައްޔިތުންނާއި ސަވާރީތަކަށް ދަތިތައް ދިމާވާތީވެ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީގެ އަމާޒަކީ 2027 ގައި މާލެ ސަރަޙައްދުގައި އިމާމުވެ ތަރާވީސްކުރާ އެންމެހައި ހާފިޒުންނަކީ ދިވެހިންނަށް ވޭތޯ މަސައްކަތްކުރުން ކަމަށާއި ރާއްޖޭގެ އެކި ސަރައްދު ތަކުގައި މިފަހަރު ވެސް ގިނަ ޢަދަދެއްގެ ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރުން ކަމަށް ވަނީ ބުނެފައެވެ. މީގެއިތުރަށް މިފަހަރު މާލެ ސަރަޙައްދުގައި ބޮޑު ޖަމާޢަތްތަކުގައި އިމާމުވެ އީދު ނަމާދު ކުރާ ބޭފުޅުންގެ ތެރޭގައި ފާހަގަކޮށްލެވޭ ޒުވާން ޚަޠީބުން ހިމެނޭނެ ކަމަށްވެސް އެ މިނިސްޓަރީން ވަނީ ބުނެފައެވެ.

