މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަހައްދުގެ ކަރަންޓުގެ ކެޕޭސިޓި އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ދެ މެގަވޮލްޓް އެމްޕަޔާގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެެއެވެ.
މިކަމާއި ގުޅޭ މައުލޫމާތު ދެމުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްޓެލްކޯއިން ބުނެފައިވަނީ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން ވަނީ ހުޅުމާލެއަށް ވަޑައިގެންފަކަމަށެވެ.
އެގޮތުން މި އަހަރުގެ ހޫނު މޫސުމަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި ކަރަންޓުގެ ކެޕޭސިޓި އިތުރުކުރުމަށް ކުރިއަށްގެންދާ ޕީކް ހޭންޑްލިންގއަށް ތައްޔާރުވުމުގެ މަސައްކަތްތައް ބައްލަވާލައްވާފަކަމަށް ބުނެފައިވެއެވެ.
ޕިކް ހެންޑްލިންގއަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސަރަޙައްދުގައި 2MVA ގެ 15 ޖެންސެޓު ބެހެއްޓުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށް ބުނެފައިވެއެވެ.
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން ބުނެދީ، ސްޓެލްކޯއިން ކޮންމެ އަހަރަކު ވެސް މީޑިއާތައް މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ބާއްވާކަންވެސް ފާޙަގަކޮށްލެވެއެވެ.

