ދިވެހި ބަސް ކުރިއެރުމުގެ ބޭނުމުގައި އަލަށް އުނގެނެން ފަށާ ދަރިވަރުންނަށް އިސްލާމްދީން ފަހުމުނުވާނެ ހާލަތެއްގައި އޮތުމަކީ އެ ކުދިން ބޮޑުވަމުން އަންނައިރު ދީނަށް ލޯބި އުފެދި، ހެޔޮ މުސްލިމަކަށްވުމަށް އެޅެންޖެހޭ ބިންގާ އެޅުމުގައި ބޮޑު ހުރަހަކަށް ވާނެކަމެއް ކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މި ކަމަކީ މާދަރީ ބަސް ކުރިއެރުވުމުގެ ބޭނުމުގައި ކުރަން ހެޔޮވާވަރުގެ ކަމެއްތޯ ފައްޔާޒް ސުވާލު އުފެއްދެވީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
މިއަދު އެންމެ ތުއްތު ކުދިންނާއި ހަމައިން ފެށިގެން ގިނަ ޒުވާނުން ވެސް އެ މީހުންގެ ހުރިހާ މައުލޫމާތާއި، މުނިފޫހިފިލުވުމަށް އަދި މުއާސަލާތު ކުރުމަށާއި ވިސްނުމަށް ވެސް ބޭނުން ކުރަނީ އިނގިރޭސި ބަސްކަން ފާހަގަކުރައްވަމުން ފައްޔާޒް ވިދާޅުވީ މި ހާލަތަށް ދިޔައީ އިންޓަނެޓުގެ ޒަރިއްޔާއިން މުޅި ދުނިޔެ ބަވަނަވެ ގުޅިލާމެހުމުގެ ސަބަބުންކަމަށެވެ. އަދި ބޮޑެތި އާބާދީތަކުން ވާހަކަދައްކާ ބަސްތައް ފިޔަވައި އެހެން ހުރިހާބަހަކަށް އޮތް ގޮންޖެހުންތައް ވަރަށް ބޮޑުކަމާއި މިއީ ދިވެހި ބަހަށް އެކަނި ދިމާވެފައިވަ ކަމެއްނޫން ކަމުގައެވެ.
ފައްޔާޒް ވިދާޅުވި ގޮތުގައި ދިވެހި ބަސް ސަލާމަތްކޮށް، ދިރުވާ އާލާކުރުމަކީ ވަރަށް މުހިންމެވެ. ނަމަވެސް، އެކަމަށް ވުރެ ބޮޑަށް އަޅުގަނޑުމެންގެ ދަރިންނާއި، މިގައުމުގެ މުސްތަގުބަލު ކަމަށްވާ ޒުވާނުންގެ ހިތުތެރޭގައި އިމާންތެރިކަން ކަށަވަރުކުރެވި، ކީރިތި ރަސޫލާގެ މިސާލުން ދިރިއުޅޭ މުޖުތަމައުއެއް ކަށަވަރުކުރުން މާ މުހިންމުކަމަށް ވަނީ ވިދާޅުވެފަ އެވެ.
މިކަން ހާސިލްކުރުމަށްޓަކައި މިއަދުގެ މުޖުތަމައުގައި އިސްލާމް މާއްދާ ދިވެހިބަހުން ކިޔަވައިދީގެން އެކަން ވާތަން ނުފެންނަކަމާއި ކުދިންގެ ކިބައިގައި އިސްލާމްދީނަށް އޮންނަންވާ ލޯތްބާއި އިހުތިރާމު ގެއްލުމުގެ ބިރު ބޮޑުކަމަށް ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ފައްޔާޒް ވިދާޅުވީ އިސްލާމީ އަގީދާއާއި މުސްލިމަކަށްވުމުގެ ޒިންމާ ފަހުމުވާނޭ އެންމެ ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލާ، އުރުދޫ ބަހުންވިޔަސް ޗައިނާ ބަހުންވިޔަސް ކުދިންނަށް ފަހުމުވާ ގޮތަކަށް ކިޔަވަދޭންވީ ކަމުގައެވެ.
ދިވެހި ބަސް ކުރިއެރުވޭނީ އެހެން މާއްދާތައް ދިވެހި ބަހުން ކިޔަވައިދީގެން ނޫންކަމަށް ބުނެ ފައްޔާޒް ވިދާޅުވީ، ކުރަންވީކަމަކީ ލިޔުންތެރިންނަށް ފަހި، ވަރުގަދަ މާހައުލެއް ޤާއިމުކުރުން ކަމުގައެވެ. އަދި ދިވެހި އަދަބީ އުފެއްދުންތަކަށް ރަނގަޅު ފުރުސަތުތަކެއް ހޯދައިދީ، އާމްދަނީ ލިބެނޭ މަގު ތަނަވަސް ކޮށްދޭންވީކަމަށެވެ. މި ކަން ކުރުމަށް ކުރެވިދާނެ ކަންކަމުގެ ގޮތުގައި ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ؛
މި ޖީލުގެ ތުއްތުކުދިން އަދި ޒުވާނުން ގަޔާވާފަދަ ފިލްމާއި، ގޭމްސް، އަދި ފޮތް ފަދަ ތަކެތި ދިވެހި ބަހުން އުފެއްދޭނެ މާހައުލެއް ގާއިމުކުރަންވީއެވެ.
މި ވާހަކަތަކަކީ އެބޭފުޅާގެ ޚިޔާލުކަމަށާއި، އަދި މިއީ އެއްވެސް ބޭފުޅެއްގެ ވިސްނުމާއި ޖަދަލުކުރުމުގެ ނިޔަތުގައި ދައްކަވާ ވާހަކައެއް ނޫންކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި މިއީ ޒުވާނުން ދީނާއި ދުރަށްދާތަން ފެންނަމުންދާތީއާއި، ޅަދަރިންނަށް މިހާރުގެ ކަރިކިއުލަމްގެ ތެރެއިން ދީނީ ލޯބި އުފެދޭތަން ނުފެންނާތީ އޮތް ކަންބޮޑުވުމުގެ ސަބަބުން ދައްކާ ވާހަކައެއްކަމަށެވެ.
މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާ ފައްޔާޒް ވިދާޅުވީ މައްސަލައަކީ އިސްލާމް ކިޔަވައިދޭ ގޮތްކަމަށް އެ ބޭފުޅާއަށް ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ އިތުރުން، ކަރިކިއުލަމްގެ މައްސަލަތަކާއި ކުދިންނަށް ރަނގަޅަށް ފަހުމުނުވުމުގެ މައްސަލަތަކެވެ. މި މައްސަލައިގައި އެބޭފުޅާ ހަނދާނަށް އަންނަނީ، އިނގިރޭސީން އައްޑޫ ހިފަން އުޅުނު އިރު ކަމަށް ބުނެ އޮންނަ މަޖާޒީ ވާހަކަ ކަމަށް ވެސް ވިދާޅުވިއެވެ. އެގޮތުން، އައްޑޫ މީހުންނާއި އިނގިރޭސީންގެ ބައްދަލުވުމެއްގެ ވާހަކަ ފާހަގަކުރައްވާ ވިދާޅުވީ، ދެބައި މީހުންވެސް ވާހަކަ ދެއްކީ އެބައެއްގެ ބަހުންކަމަށެވެ. އަދި ޖަލްސާ ނިމުނުއިރު ދެއްކި ވާހަކައެއް އެއްވެސް ފަރާތަކަށް ނޭނގޭކަމަށެވެ. މީގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުނިކުން ކަމަށް ވިދާޅުވިއެވެ.
މި މައްސަލައަކީ ރުޅިވެރިކަމެއްނެތި މުޅި މުޖުތަމައު ބަހުސްކޮށް ރަނގަޅުގޮތެއް ހޯދޭތޯ އުޅެން މުހިންމު މައްސަލައެއްކަމަށް ފާހަގަކުރައްވާ ޓްވީޓް ނިންމަވާލެއްވިއެވެ.

