މިއީ ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ އަޑުއަހާ ސަރުކާރެއްކަމަށާއި، އެގޮތަށް މަސައްކަތްތައް ކުރިޔަށް ދަނިކޮށް ސަރުކާރާއި ދެކޮޅު ވިސްނުން ހުރި ފަރާތްތަކަށް ސިޔާސީ ސަކަރާތްތައް ޖެހުމަށް ޖާގަ ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ޕީއެންސީ ކުރިޔަށް ގެންދާ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ޕާޓީން މިއަދުގެ ހަވީރު ބޭއްވި ސައިފޮދު އެއްވުމުގަ އެވެ.
ހަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސް ވިދާޅުވީ މި ސަރުކާރު އަބަދުވެސް ދެމި އޮންނާނީ ރައްޔިތުންނާއި އެކުގައި ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ސަރުކާރެއްކަމަށް ފާހަގަކުރައްވައި ވިދާޅުވީ އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ވިންދާއި އިހުސާސްތައް ދެނެގަތުމަށް ކަމަށެވެ.
އެހެންކަމުން މި މަސައްކަތްތައް އެގޮތަށް ކުރިޔަށް ދަނިކޮށް، އެކަންކަމަށް ހުރަސްއެޅުމަށް ދެކޮޅު ވިސްނުން ހުރި ފަރާތްތަކަށް އެއްވެސް ޖާގައެއް އަދި ފުރުސަތެއް ވެސް ނުދިނުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ. ރައީސް ވިދާޅުވީ ސިޔާސީ ސަކަރާތް ޖެހުމާއި، ސިޔާސީ ޖަގަޑާތައް އަދި ސިޔާސީ ޖެއްސުންތަކަށް އިންތިހާބުގެ ތެރެއިން ފުރުސަތު ނުދޭން ވެސް އެދޭ ކަމަށެވެ.
ރައްޔިތުންނަށް ސަރުކާރުން ދެމުންދާ ހިދުމަތަށް ހުރަސްއެޅޭނެ އެއްވެސްކަމެއް ހިނގަން ބޭނުން ނުވާކަމަށް ރައީސް ވިދާޅުވި އެވެ.
ވައުދުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކައިގައި ރައީސް ވިދާޅުވީ، އެމަނިކުފާނު ރައްޔިތުންނަށްވީ ކޮންމެ ވައުދެއް ވެސް ވަނީ ތަފްސީލުކޮށް މެނިފެސްޓޯއެއްގެ ގޮތުގައި ލިޔެވިފައި ކަމަށެވެ. އެހެންކަމުން އެ ހުރިހާކަމެއް ތަންފީޒުކޮށް ރައްޔިތުންނާއި ހަމައަށް ގެނެސްދޭން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވި އެވެ.
މިކަން ފާހަގަކޮށް ރައީސް ވިދާޅުވީ ކައުންސިލްތަކަށް ހޮވަންވީ، މިފަދަ އެކި ކަންކަމުގައި ސަރުކާރަށް އެހީތެރިވެ އެއްބާރުލުން ދޭނެ ކައުންސިލެއް ކަމަށެވެ. އަދި ސަރުކާރުން ބޭނުން ވަނީ ބާރު ސްޕީޑުގައި މަޝްރޫއުތައް ކުރިޔަށް ގެންދަންކަމަށް ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރެއްގެ ތެރޭގައި ރާއްޖެ އޮތީ ސިޔާސީ ވަރަށް ބޮޑު ހަމަޖެހުމެއްގެ ތެރޭގައި ކަމަށެވެ. އޭގެ ސަބަބަކީ ރައީސް ވިދާޅުވި ގޮތުގައި މި ސަރުކާރުން ބަދަލުހިފުމުގެ އެއްވެސް ރޫހެއް ނުގެންގުޅުމެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އެއްވެ އުޅުމާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދީފައިވާކަމަށެވެ. އަދި މި ސަރުކާރަކީ ބަދަލުހިފުމުގެ ރޫހެއް ގެންގުޅޭނެ ސަރުކާރެއް ނޫންކަމަށް ދައްކަވާ ވާހަކަ ތަކުރާރު ކުރެއްވި އެވެ.

