ޗާގޯސް ރަށްތައް މޮރިޝަސްއަށް ދިނުމުގެ ބިލަށް ވޯޓު ދިނުން ފަސްކުރުމަށް އިނގިރޭސި ސަރުކާރުން ނިންމުމުން މިއީ ފޯޅަވަހި ހޯދުމަށް ލިބޭ ފުރުސަތެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޗާގޯސްގެ ރަށްތަކުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރުމަށް ވަނީ ނިންމާފައެވެ. މި އެއްބަސްވުމުގައިވާ ގޮތުން، އެ ޖަޒީރާތަކުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ އާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު ހިންގުމުގެ ބާރު، ދިގު މުއްދަތަކަށް އިނގިރޭސިވިލާތަށް ދިނުމަށް ދެ ފަރާތުން ވަނީ އިގުރާރުވެފައެވެ.
މި އެއްބަސްވުން ފާސްކުރުމުގެ މަސައްކަތް އިނގިރޭސިވިލާތުގެ ހައުސް އޮފް ލޯޑްސްއިން ކުރިއަށްގެންދާއިރު، އދ. ގެ ކޮމިޓީއަކުން ވެސް ވަނީ އެއްބަސްވުމަށް އަމަލުކުރުމަށް ގޮވާލާފައެވެ. ނަމަވެސް، މި ނިންމުމާ ގުޅޭގޮތުން އިނގިރޭސިވިލާތުގެ ސިޔާސީ ލީޑަރުންގެ މެދުގައި ވަނީ ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.
މިކަމާއި ގުޅޭގޮތުން ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ރާއްޖެއަށް ލިބުމުގެ ފުރުސަތު ގެއްލިގެން ނުދާކަމަށެވެ. އަދި އެމަނިކުފާނުގެ މި ޕޯސްޓުގައި ވަނީ ފޯޅަވަހި މޮރިޝަސްއަށް ދިނުމާއި ބެހޭ ބިލަށް ވޯޓަށް އެހުން ފަސްކުރިކަން ވެސް ފާހަގަކުރައްވާފަ އެވެ.
ޗާގޯސް ނުވަތަ ފޯޅަވަހީގެ މައްޗަށް އެހެން އެއްވެސް ގައުމަކަށްވުރެ ރާއްޖެއަށް އޮތް ހައްގު ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ދާދިފަހުން ވިދާޅުވި އެވެ. އިނގިރޭސި ޓެބްލޮއިޑް އެކްސްޕްރެސްއަށް ދެއްވި އެ އިންޓަވިއުގައި ރައީސް ވިދާޅުވީ، ތާރީހީ ގޮތުންނާއި ޖިއޮގްރަފީގެ ގޮތުން ރާއްޖެއާއި ފޯޅަވަހީގެ މެދުގައި ވަރަށް ބޮޑު ގުޅުމެއް އޮތްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ފޯޅަވަހީގެ މައްސަލާގައި ރާއްޖޭގެ ކަންބޮޑުވުންތަކާއި ރާއްޖޭގެ ދައުވާއަކީ ކޮބައިކަން ވަރަށް ތަފުސީލުކޮށް ރަސްމީ މުވާސަލާތުތަކުގެ ޒަރީއާއިން ދިވެހި ސަރުކާރުން ވަނީ އިނގިރޭސި ސަރުކާރާ ހިއްސާކޮށްފައެވެ.
ރާއްޖެއިން އިނގިރޭސި ސަރުކާރަށް ފޮނުއްވި ސިޓީއެއްގައި، ފޯޅަވަހީގެ މައްޗަށް ދިވެހި ދައުލަތުގެ ސިޔާދަތީ ހައްގު އޮތްކަން ހާމަކުރައްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްއާއި ރާއްޖޭގެ މެދުގައި އޮތް ތާރީހީ ގުޅުމަކީ ލިޔެކިޔުމުން ފެންނަން އޮތް ގުޅުމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ”އެ ގުޅުންތަކުގެ ސަަބަބުން ޗާގޯސްގެ މައްޗަށްް ސިޔާދަތީ ބާރު ލިބުމުގެ ހައްގު އެހެން އެއްވެސް ގައުމަކަށްވުރެ ބޮޑަށް ރާއްޖެއަށް އޮންނާނެ“ ކަމަށެވެ. އަދި މިކަމުގައި ކޮށްފައިވާ މުއާމަލާތްތަކުގެ ތަފުސީލު ހާމަނުކުރެއްވުނު ނަމަވެސް، ރާއްޖޭގެ ދައުވާގެ ބުރަދަން އެހެން ގައުމުތަކަށްވުރެ ބޮޑުވާނެކަން އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

