އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުވެސް ރަމަޟާން މަހާއި ދިމާކޮށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބާއްވާ ރޯދަ ބާޒާރު ފެސްޓިވަލްގައި އައު ކެޓަގަރީއެއްގެ ސްޓޯލްތަކަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
މި ފެސްޓިވަލްގެ އައު ކެޓަގަރީތަކަށް ސްޓޯލް ދޫކުރުމަށް މިހާރު އިއުލާން ކޮށްފައިވާއިރު، އެޗްޑީސީން ކޮށްފައިވާ އިއުލާނުގައި ވަނީ، މީގެ ކުރިން ކުރެވުނު އިއުލާންތަކާ ގުޅިގެން އެ ބާޒާރަށް މިހާރު އިތުރުކުރެވިފައިވަނީ ”މިސެލޭނިއަސް ކެޓަގަރީ“ ކަމަށެވެ.
މި ކެޓަގަރީގައި ކާބޯތަކެތީގެ ބާވަތްތައް ކަމަށްވާ (އެފް އެންޑް ބީ) ވެސް ހިމެނޭ ގޮތަށް ޖުމްލަ 10 ސްޓޯލް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި ކެޓަގަރީގެ ސްޓޯލްތަކަށް އެޕްލައި ކުރުމުގެ ފުރުސަތު ރޭ 21:00 ގައި ހުޅުވާލައިފައި ވާއިރު، މި ފުރުސަތު ހަމަވަނީ މާދަމާރޭގެ 21:00ގައެވެ. އެޗްޑީސީގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް (https://www.hdc.mv/sales/application-forms)
މި ސްޓޯލްތަކަށް އެޕްލައި ކުރެވޭއިރު، މި ކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކޯޕަރޭޝަނުގެ ނަމްބަރު 1516 އަށް ގުޅުމަށް ވަނީ އެދިފައެވެ.
އަލަށް ހުޅުވާލެވުނު ސްޓޯލްތަކުގެ އަގުތަކަށް ބަލާއިރު 10 ފޫޓް 10 ފޫޓްގެ ސްޓޯލެއްގެ އަގަކީ 5,000 ރުފިޔާއެވެ. އަދި މި ބާޒާރަކީ އެއްފުރާޅޭއްގެ ދަށުން ރައްޔިތުންނަށް ރަމަޟާން މަހު މުދާ ފޯރުކޮށްދިނުމާއި ފަށެހަކުރުމުގެ ގޮތުން ކުރިއަށް ގެންދާ ބާޒާރެއްކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
މި ބާޒާރުން ސްޓޯލް ގަތުމަށްޓަކައި ބޭނުންވާނެ އިތުރު މައުލޫމާތާއި، ފޯމުހުށައަޅާނެ ގޮތުގެ އިތުރު ތަފްސީލް އެޗްޑީސީގެ ރަސްމީ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

