4800 އަށްވުރެ ގިނަ ގޭބިސީތަކުން މަސްދަޅު ކޭހަށް އެދި ޓޯކެން ނަގާފައިވާ ކަމަށް މިނިސްޓަރ އޮފް ސިޓީން ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކްސް ވޯކްސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު ރައްޔިތުން ބޮޑު ކިއުއެއްގައި ޖެހެން ނުޖެހޭނެކަމަށާއި، އެކަން ވަރަށް ބޮޑަށް ފަސޭހަ ވެފައިވާ ކަމަށެވެ. މާލޭ ސަރަޙައްދުގައި މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ދާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު 8:30 އިން 11:00 އަށެވެ.
މާލެ ސަރަޙައްދުގައި މަސްދަޅު ކޭސް ބެހުމަށް ނިންމާފައި ވަނީ މިރެއިން ފެށިގެންނެވެ. އެގޮތުން، ކޮންމެ ރެއެއްގެ 8:00 އިން ފެށިގެން 300 ޓޯކަންއަށް މަސްދަޅުކޭސް ދޫކުރާނެކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިނިސްޓްރީން މަސައްކަތް ކުރަނީ ރަމަޟާން މަސް ފެށުމުގެ ކުރިން މާލެއާއި އަތޮޅުތެރޭގެ ހުރިހާ ގޭބިސީއަކަށް ވެސް މަސްދަޅު ކޭސް ބަހާ ނިންމާލުމަށެވެ.
މާލެ ސަރަޙައްދުގައި ރޯދަ ހަދިޔާ ބެހުމަށްޓަކައި ޖުމުލަ 15 މަރުކަޒެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލޭގައި 8 މަރުކަޒު، ވިލިމާލޭގައި 1 މަރުކަޒު އަދި ހުޅުމާލޭގައި 6 މަރުކަޒެވެ. މި މަސައްކަތް ފަސޭހަކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު ޚާއްޞަ ޕޯޓަލްއެއް (roadhahadhiya.mv) ވަނީ ތައާރަފުކޮށްފައެވެ.
މާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
- މިފްކޯ މަރުކަޒު
- ސޯޝަލް ސެންޓަރު
- އެމްޓީސީސީ ސޯމިލު
- ހެންވޭރު ބޯޅަދަނޑު
- ގަލޮޅު ދަނޑު
ހުޅުމާލެ ފޭސް 1 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ޢުމަރުޒާހިރު ބިލްޑިންގް
- ޕޮލްކޯޓަވަރ
- މުހައްމަދު ޤާސިމް ޕްރީސްކޫލް
ހުޅުމާލެ ފޭސް 2 ގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ކާމިލުދީދީ ސްކޫލް
- ހިޔާޓަވަރު 10
- އެމްޕީއެލް ޓަވަރު ޕީ
ވިލިމާލޭގައި މަސްދަޅުކޭސް ބަހާ ތަންތަން:
- ވެމްކޯސައިޓު
ރޯދަމަހަށް ޚާއްޞަކޮށްގެން ގޭބިސީތަކަށް ބަހަނީ 48 ދަޅުގެ މަސްދަޅު ކޭހެވެ. ރޯދަމަސް ފެށުމުގެ ކުރިން މަސްދަޅު ކޭސްތައް ބަހައި ނިމޭނެކަމަށް ސަރުކާރު ވަނީ ވިދާޅުވެފައެވެ. މީލާދީ ކަލަންޑަރުގައިވާގޮތުން މިއަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހަކީ އަންނަމަހުގެ 18ވަނަ ދުވަހެވެ.
މިދިޔަ އަހަރުގެ ރަމަޟާންމަހު ސަރުކާރުން ވަނީ، ރޯދަ ހަދިޔާގެ ގޮތުގައި 111،231 މަސްދަޅު ކޭސް ހަދިޔާކޮށްފައެވެ. އެއީ، މާލޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 50،519 މަސްދަޅު ކޭހާއި، އަތޮޅު ތެރޭގެ ގޭބިސީތަކަށް ހަދިޔާ ކުރި 60،712 މަސްދަޅު ކޭހެވެ.

