ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވޭ ޓީޗަރެއްގެ މައްޗަށް ދައުވާ ކުރުމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށަހަޅައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ޕީޖީ އޮފީހުން ބުނީ މ. ކޮޅުފުށި/ސާދާގެ، ޝުއެއިބު އަބްދުﷲ މ. އަތޮޅު މަދަރުސާގެ ހެލްތް އެންޑް ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި ހުރެ ސްކޫލް ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މައްސަލައިގައި ޝުއެއިބުގެ މައްޗަށް ދައުވާކޮށް ހުށަހަޅާފައި ވަނީ، ކޮޅުފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.
މި މައްސަލައިގައި ޝުއެއިބުގެ މައްޗަށް ފަސް ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމާއި، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުން އަދި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުމުގެ ކުށުގެ ދައުވާ، އަދި އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކު ލައްވައި ޖިންސީ ޢަމަލެއް ބެލުވުމުގެ ދައުވާގެ އިތުރުން ދިވެހިރާއްޖޭގައި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
މި ދައުވާތަކަކީ މ. އަތޮޅު މަދަރުސާގައި އޭނާ ކިޔަވައިދޭ 2 ކުއްޖެއް ގައިގާ ޖިންސީ ނިޔަތެއް އޮވެގެން އަތްލާފައިވާތީއާއި، އެ ކުދިންނަށް އޮރިޔާން މަންޒަރު ހިމެނޭ ވީޑިއޯ ދައްކާފައިވާތީ ކޮށްފައިވާ ދައުވާތައްކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
މި ދައުވާތައް ޝުއެއިބުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، އޭނާގެ މައްޗަށް މަދުވެގެން 60 އަހަރާއި 1 މަހާއި 6 ދުވަހުގެ ޖަލު އަދަބެއް އަންނާނެ އެވެ.

