މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރުތައް އުފުލުމަށް ބޭނުންކުރާ އާރުޓީޖީ ކެރޭންތަކަށް ބޮޑު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލުން) ފަށައިފިއެވެ. މިއީ ގާތްގަނޑަކަށް 19 އަހަރަށް ފަހު މި ކެރޭންތަކަށް މިފަދަ ބޮޑު ބަދަލެއް ގެންނަ ފުރަތަމަ ފަހަރެވެ.
އެމްޕީއެލުން މައުލޫމާތު ދޭ ގޮތުގައި، މި މަސައްކަތަކީ އެ ކުންފުނިން ބޭނުންކުރާ ކެރޭންތައް އަޕްގްރޭޑް ކުރުމަށާއި މެއިންޓެއިން ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މަޝްރޫއު ކުރިއަށްދާނެ ގޮތް
މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ކެރޭންތަކުގެ ކޮންޓްރޯލް އަދި ޑްރައިވް ސިސްޓަމްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަށުން ކެރޭންތަކުގެ ޕަވަރ އަދި އިންޖީނު ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޕީއެލުން ބުނި ގޮތުގައި ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިންމުމަށްފަހު، ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ފެށުމަށް ތާވަލުކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. މިހާރު ބޭނުންކުރަމުންދާ އާރުޓީޖީ ކެރޭންތަކަކީ 2007 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އަންނަ އުޅަނދުތަކެކެވެ.
މި އަޕްގްރޭޑް މަޝްރޫއުގެ ސަބަބުން މާލޭ ވިޔަފާރި ބަނދަރުގެ އޮޕަރޭޝަންތައް އިތުރަށް ހަލުވިވެ، ކޮންޓެއިނަރު އުފުލުމުގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

