އިންޑިއާއި ރާއްޖެއިން އޮތް ގުޅުމަކީ، ދެ ޤައުމުގެ ރައްޔިތުންގެ ފައިދާއަށް މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ޤުޅުމެއްކަމަށް ޚާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޚަލީލް ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ޝްރީ ޑްރައުޕަދީ މުރްމު އަށާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އިންޑިއާގެ އެންމެހާ ރައްޔިތުންނަށް ފޮނުއްވާފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮތީ ޒަމާންވީ ގާތް ގުޅުމެެއް ކަމަށާއި، މިއީ ހަމައެކަނި ތާރީހީ ގުޅުމެއް ނޫން ކަމަށެވެ.
ވަޒީރު ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ ގައުމެއް ކަމަށާއި، އެ ގައުމުން ފޯރުކޮށްދޭ އެހީގެ ސަބަބުން ރާއްޖެއަށް އެތައް ގޮތަކުން ފައިދާވެފައިވާ ކަމަށެވެ. ހާއްސަ ގޮތެއްގައި ސުނާމީ ކާރިސާގެ ވަގުތުގައާއި، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދަތި ހާލަތުގައި އިންޑިއާއިން ވެދިން އެހީތެރިކަން ވަޒީރު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އިންޑިއާއިން ރާއްޖޭގެ ތައުލީމީ އަދި ސިއްހީ ދާއިރާއަށް ފޯރުކޮށްދޭ ވަރުގަދަ އެހީތެރިކަން ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށް ޑރ. ޚަލީލް ވިދާޅުވިއެވެ. ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ޓީޗަރުންގެ ފަރާތުން ފެންނަނީ ރާއްޖެއަށް އޮންނަ ލޯތްބާއި އިހުތިރާމް ކަމަށާއި، އެ ފަރާތްތަކުން ހިދުމަތް ކުރަނީ ނުހަނު އިހުލާސްތެރިކަމާއެކު ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް އިންޑިއާއަކީ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ދެ ގައުމުގެ ދެމެދުގައި އޮތް މި ގުޅުމަކީ ރައްޔިތުންނަށް ފައިދާވާނެ ފަދަ ގުޅުމެއްކަމަށް ވިދާޅުވެ ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވިއެވެ.

