ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް ދަރިވަރުން ޢަޒުމް ކަނޑައެޅުމަށް ރައީސްގެ އިލްތިމާސެއް!

ޝަހީދު އަލީ ސްކޫލް ހުޅުވުން ރައްމިޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަތިސް ނަމާދަށް ގަޑިއަށް ހޭލައި، ނަމާދުން ދުވަސް ފެށުމަށް ޢަޒުމް ކަނޑައެޅުމަށް ރާއްޖޭގެ ހުރިހާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިކަމަށް އިލްތިމާސްކުރެއްވީ ހުޅުމާލޭ ފޭސް 2 ގައި މިއަދު ހުޅުވި ޝަހީދު ޢަލީ ސްކޫލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި، ތައުލީމު ހާސިލުކުރުމުގެ މައިގަނޑު މަގްސަދަކީ ސިކުނޑި ތަރައްގީކުރުންކަން ފާހަގަކުރެއްވިއެވެ. އަދި ގައުމެއް ތަރައްގީވުމުގައި އުސް އިމާރާތްތަކުގެ އިތުރުން، އިންސާނާގެ ވިސްނުމާއި ތަރުބިއްޔަތު ރަނގަޅު ގޮތުގައި ތަރައްގީވާންޖެހޭކަމަށް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ދަރިވަރުން ހޭދަކުރާ ތައުލީމީ ހަޔާތަކީ އަމިއްލަ ނަފްސަށާއި، މައިންބަފައިންނަށް އަދި ގައުމަށް ބޭނުންތެރި ހަޔާތަކަށް ހަދަންޖެހޭ ކަމަށެވެ. އަދި އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި މުސްލިމުންގެ ގޮތުގައި، ދީނުގައި ކަނޑައަޅާފައިވާ ގޮތަށް ކަންކަން ތަރުތީބުކޮށް، ފަރުޟު ފަސް ނަމާދު ވަގުތުން ވަގުތަށް އަދާކުރުމަށް ހުރިހާ ދަރިވަރުންނަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރައީސް މުއިއްޒު ވަނީ ހުރިހާ ކިޔަވާ ކުދިން، ދުވަސް ފަށަނީ ގަޑިއަށް ފަތިސް ނަމާދުކޮށްގެންތޯ ކަށަވަރު ކުރުމަކީ މައިންބަފައިގެން ޒިއްމާއެއް ކަމަށް ދެކިވަޑައިގެން އެކަން ކަށަވަރުކުރެއްވުމަށް މައިންބަފައިންގެ ފަރާތުންވެސް އެދިވަޑައިގެންފައެވެ.

ނަމާދަށް ފަރުވާތެރިވުމާއި، މައިންބަފައިންނަށް ކިޔަމަންތެރިވުމާއި ޓީޗަރުން ބުނާ ބަސް އަހާ، ތަޢުލީމީ ހަޔާތުގައި ސްކޫލްތަކުގެ ވެރިން އަންގާ މަގުން ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެމަގުން ކަންކަން ކުރުމުން ތުއްތު ކުދިންގެ މުސްތަޤްބަލަށް އަޅައިދޭ ބިންގަލަކީ ގުޑުވާނުލެވޭ ވަރުގެ ވަރުގަދަ ބިންގަލެއް ކަމުގައި ވާނެ ކަމަށެވެ.

ދަރިވަރުން ކިޔަވައި ނިމިގެން ބޮޑެތިމީހުންނަށްވެ، ކުރިއަށްދާން ބަލާއިރު ބިންގާއޮތީ ރެނދުއަޅާ ބަލިކަށިކޮށް ކަމަށްވާނަމަ، ޙަޔާތުގައި ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. ސްކޫލްތަކަށް ދަރިވަރުން އަންނަނީ އެ ބިންގާ ވަރުގަދަކުރަންކަން ފާހަގަކުރައްވައި، އެކަން އެގޮތަށް ވުމަށް ނަފްސާނީ ގޮތުން ދަރިވަރުން ތައްޔާރުކޮށް މަގުދައްކައިދިނުމަކީ ޓީޗަރުންނާއި ބެލެނިވެރިންގެ ޒިއްމާއެއްކަން ރައިސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ. އަދި އެކަމަށް މަގުފަހިކޮށްދެއްވުމަށް ސަރުކާރުން މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

މުޖުތަމަޢުގައި އުޅޭ އެކިކަހަލަ ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުން ހިމެނޭގޮތަށް ”އިންކްލޫސިވް އެޑިޔުކޭޝަން“ އަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ މިއަދު މި ހުޅުވުނު ޝަހީދު ޢަލީ ސްކޫލްގައިވެސް އެ ފެސިލިޓީ ގާއިމުވެފައިވާކަން ފާހަގަކުރައްވާފައެވެ. ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައިވެސް “އިންކްލޫސިވިޓީ“ އިތުރުކުރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެއްވައި، އެކަމަށް މި އަހަރު ހާއްސަ މަސައްކަތްތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: