ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ކޮމިޝަން ގާނޫނާ ދެކޮޅަށް އެމްޖޭއޭ އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި

އެމްޖޭއޭގެ ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: މިޙާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މީޑިއާ ކޮމިޝަންގެ ގާނޫނު ބާތިލުކުރުމަށް، ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިން ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު މި ގާނޫނު ތަސްދީގު ކުރުމާ އެކު، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ވަނީ އުވާލާފަ އެވެ. އޭގެ ބަދަލުގައި މިހާރު މީޑިއާގެ ކަންކަން ބަލަހައްޓަމުން ދަނީ  ގާނޫނުގެ ދަށުން އުފެއްދި މީޑިއާ ކޮމިޝަނަކުންނެވެ.

އެމްޖޭއޭ އިން މި މައްސަލަ ކޯޓަށް ވެއްދީ ’އަދަދު‘ ނޫހުގެ ’ސިޔާސީ ކާޓޫން‘ ސެގްމަންޓް ހުއްޓުވަން ކޮމިޝަނުން އަންގާފައިވާ ދަނޑިވަޅެއްގަ އެވެ.

އެމްޖޭއޭގެ ފަރާތުން ވަކާލާތު ކުރައްވާ ވަކީލު އަލީ ހުސެއިން ވިދާޅުވީ، މި މައްސަލަ ހުށަހެޅީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފެހެއްޓުމުގެ ބާރު މި ގާނޫނުގެ ދަށުން ކޮމިޝަނަށް ލިބިދޭތީ ކަމަށެވެ. އަދި ހައި ކޯޓުން މި މައްސަލާގައި ވަކި ގޮތެއް ނިންމަންދެން، އެއްވެސް މީޑިއާއަކަށް ނުވަތަ ނޫސްވެރިޔަކަށް ފިޔަވަޅު އެޅުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ފާހަގަކުރެއްވި ގޮތުގައި، ގާނޫނު ބާތިލުކުރަން ހުށަހެޅުން ލަސްވީ ނަމަވެސް، މިއަދު އެކަން ކުރަން މަޖުބޫރުވީ މީޑިއާތަކާ މެދު އަމަލީ ގޮތުން ފިޔަވަޅު އަޅަން ފެށުމުންނެވެ.

”މި ސިލްސިލާ ފެށޭ ހިސާބުން ފެށިގެން އަޅުގަނޑުމެން ވާނެއޭ މިކަމާ ދެކޮޅަށް ތެދުވަން،“ އެމްޖޭއޭގެ ރައީސް އަހުމަދު ނާއިފް ވިދާޅުވި އެވެ.

އެމްޖޭއޭގެ ރައީސް ނާއިފް ވިދާޅުވީ، ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން ސަރުކާރު ޒިންމާދާރުކުރަން މަސައްކަތްކުރާ މީޑިއާތަކަށް ފިޔަވަޅު އަޅާނެ ކަމުގެ ބިރު ކުރިން ވެސް އޮތް ކަމަށެވެ. ’އަދަދު‘ ނޫހުގެ ކާޓޫން ސެގްމަންޓް ހުއްޓުވަން އެންގުމަކީ އެ ބިރުވެރިކަން އޮތްކަން ސާބިތުވި ކަމެއް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން، ކޮމިޝަނުން ފިޔަވަޅު އަޅަމުންދަނީ ގާނޫނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް އެމްޖޭއޭ އިން ބުނެ އެވެ. އެގޮތުން، މައްސަލަ ބެލުމުގައި އުސޫލުތަކެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވީ ނަމަވެސް، އެފަދަ އިޖުރާއަތެއް ނެތި އަދި ޖަވާބުދާރީވާން އެކަށީގެންވާ ފުރުސަތެއް ނުދީ ފިޔަވަޅު އަޅަމުންދާ ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: