ތޫނު އެއްޗަކުން ހަމަލާދީ، ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރަށް ދެ ދުވަސް ވެގެންދިޔައިރު މިހާތަނަށް މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
ައަނިޔާވެރިގޮތަކަށް، ގާސިމް މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭގަނޑެވެ. ޒަހަމްތަކާއި އެކު، މަގުމައްޗަށް ވެއްޓިފައިއޮއްވާ ގާސިމް ފެނިފައިވަނީ ހުޅުމާލޭގެ، ވެހިކަލްތަކާއި މީހުން މަދު އަނދިރި ސަރަހައްދެއް ކަމަށްވާ ރީތިގަސްމަގުންނެވެ.
މައްސަލައާއި ގުޅޭ ތަހުގީގުތައް ފުލުހުން ކުރިޔަށް ގެންދާއިރު، އަދި މިހާތަނަށް މައްސަލައިގައި އެއްވެސް މީހަކަށް ތުހުމަތުކޮށްފައެއް ނުވެއެވެ. އަދި ފުލުހުން ދަނީ، އެ މަރާއި ގުޅިގެން ސީސީޓީވީ ފޮޓޭޖްތައް ނަގާ، އެ އެނަލައިޒް ކުރަމުންނެވެ.
ނުރައްކާތެރި އެތައް މަރުގެ ހާދިސާތަކަކަށްފަހު، 2019 ވަނަ އަހަރުވެގެން ދިޔައީ ގޭންގު މާރާމާރީތައް މަދު އަހަރަކަށެވެ. އަދި ގިނަ ރައްޔިތުން އުންމީދުކޮށްގެން ތިބީ، ބޮޑު މަރަކާއި ނުލާ އަހަރު ނިންމާލެވޭނެ ކަމަށެވެ. އެހެން ނަމަވެސް ބުދަ ދުވަހު ޒަހަމްތަކަކާއި އެކު، އޮތް މީހެއް ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބި، ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. އޭރު އޭނާ ވެއްޓިފައި އޮތް ސަރަހައްދާއި މާ ދުރު ނޫން ހިސާބެއްގައި އޭނާ ދުއްވި ކާރުވެސް އޮތެވެ.
ކާރު ތެރޭގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރުމާއި އެކު ބެލެވެނީ، ގާސިމްއަށް ހަމަލާދީފައިވަނީ ކާރަށް އެރި ބަޔަކު ކަމަށެވެ. ގާސިމްގެ ކަރުގެ ވާތް ފަރާތުން ފަހަތަށް ވާ ގޮތަށް ތޫނު އެއްޗަކުން ހަމަލާ ދީފައި ހުރިއިރު، އޭނާގެ އަތުގައި ވެސް ޒަހަމްތަކެއް ހުއްޓެވެ. ކާރު އޮތީ، އެ މަގުގެ އެއް ފަރާތުގައި ހުރި ޕެލެޓްތަކަކަށްއަރާފައެވެ އެވެ.
ގާސިމް މަރުވެފައި ބަންޑުން އޮއްވާ މަގުމަތިން ފެނުނުއިރު، މަގުމަތީ އޮތީ ލޭގެ ކޯރު ހެދިފައެވެ. އެއީ، ޕްރެޝަރާއި އެކު އައިސްފައި ހުރި ލޭކަމަށް ފޮޓޯތަކަށް ބެލުމުން ހީވެއެެވެ.

ގާސިމާއި ގުޅޭގޮތުން އޭނާގެ ރައްޓެހިން ބުނާގޮތުން އޭނާއަށް ހަމަލާ ދޭންޖެހޭ އެއްވެސް ސަަބެބެއް ނެތެވެ. ގާސިމްއަށް ދިން ހަމަލާއަށްފަހު، ލޯޔަލް ޓެކްސީ ސެންޓަރު (5656) ޑްރައިވަރަކާއި ޓެކްސީއަކުން ބައްދަލުވެ ވާހަކަ ދެކެވުނެވެ. އޭނާ ވެސް ބުނީ، ގާސިމަށް ހަމަލާދީ އެހާ އަނިޔާވެރި ގޮތަކަށް މަރާލަންޖެހޭ ފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. ގާސިމްއަކީ، ވަރަށް އާދައިގެ ދިރިއުޅުމެއް އުޅެމުން އައި މީހެއް ކަމަށާއި މިހާތަނަށް ސެންޓަރަށް ވެސް ގާސިމާއި ގުޅޭ އެއްވެސް ޝަކުވާއެއް ލިބިފައި ނުވާކަމަށެވެ.
ގާސިމަށް ހަމަލާ ދޭންޖެހޭ ސަބަބެއް ފުލުހުންނަށް ވެސް ހޯދިފައި ނުވާއިރު، ބައެއް މީޑިއާތަކުން ވަނީ އޭނާއަށް ހަމަލާދިނުމުގެ ކުރިން އާއްމުކޮށް ހުރިހާ ރަހުމަތްތެރިން ދިމާވާ ސައި ކޮޓާއަށް ދިޔަކަމަށް ރިޕޯޓުކޮށްފައެވެ. އަދި އެއީ އިޝާ ނަމާދަށްފަހު، ޓެކްސީ ދުއްވާ އެހެން އެކުވެރިންތަކަކާއި އެކު ދިޔަ ކޮފީއެކެވެ.
ގާސިމްއަކީ ޓެކްސީ ކުރާތާ 20 ވަރަކަށް އަހަރުވެފައިވާ މީހެކެވެ. ޓެކްސީ ކުރުމުގެ ތެރެއިން، މީހަކާ މައްސަލައެއް ޖެހިފައިވާކަމެއް މިހާތަނަށް އެނގިފައެއް ވެސް ނެތެވެ. ބައެއް މީހުން ގަބޫލު ކުރާގޮތުން، ގާސިމަށް ހަމަލާ ދީފައިވަނީ ފޭރުމުގެ ބޭނުމުގައެވެ. އެހެން ނަމަވެސް، މީހަކު މަރާލުމުގެ ނިޔަތުގައި ހަމަލާ ދޭންޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

