ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުލިއާގެ ހިމާޔަތް ކުރަންޖެހޭ: ރައީސް ސޯލިހް

ޝެއާރކޮށްލާ ކަހަލަދޯ؟

މުލިއާގެއަކީ މިރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާއި ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެންޖެހޭ ތަނެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މުލިއާގެއަށް 100 އަހަރުފުރުމުގެ މުނާސަބަތުގައި ހާއްސަ ރަސްމިއްޔާތެއް މިރޭ ވަނީ ބާއްވާފައެވެ. މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން ކުރީގެ ރައީސް މައުމޫން ޣަބްދުލްޤައްޔޫމާއި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ މުލިއާގެއަކީ ބޮޑު ތާރީހެއް އޮތް ތަނެއް ކަމަށެވެ. އޭގެ ތެރޭގައި މީގެ އަހަރުތަކެއް ކުރިން، ދައުލަތުގެ ވުޒާރާތައް ހިންގުމުގެ އިތުރުން، އެހެން ހިދުމައްތައް ވެސް ފޯރުކޮށްދީފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިގް ވިދާޅުވީ މުލިއާގޭގައި ރިޔާސީ ގަނޑުވަރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް، ބޮޑު ވަޒީރުގެ އޮފީސް އަދި ދާހިލީ ވުޒާރާ އާއި ޙާރިޖީ ވުޒާރާ ހިންގުން ހިމެނޭ ކަމަށެވެ. އަދި އޭގެ އިތުރުން ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި، ރައްޔިތުންގެ މަޖިލީހުގެ ބައްދަލުވުންތައް އަދި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުންތަކުގެ އިތުރުން ވަލީ ކޮމިޓީގެ ހިންގުމާއި ދިވެހިރާއްޖެ އިނގިރޭސިންގެ އިސްތިއުމާރުން މިނިވަންކުރުމާއި ގުޅޭ އެތައް މުހިއްމު ވާހަކަ ދެކެވުނީވެސް މުލިއާގޭގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސަގާފަތާއި ތާރީހު ރައްކާތެރިކުރުމަކީ މުހިއްމު އަދި ބޭނުންތެރިކަމެއްގެ ގޮތުގައި ފާހަގަކުރައްވާ ރައީސް ސޯލިހް ވިދާޅުވީ، ދިވެހިރާއްޖެއަކީ އެވޭލާ ޒަމާނުގެ މުއްސަނދި ސަގާފަތަކާއި ތަރިކައެއް އޮތް ތަނެއް ކަމަށެވެ. އެހެން ކަމުން ކާބަފައިންގެ ދިރިއުޅުމާއި، އެ ސަގާފަތާއި ތަރިކަ އަދި އެއާއި ބެހޭ މައުލޫމާތުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮދިނުމަކީ ކޮންމެ މީހެއްގެ ވެސް ކޮނޑުގައި އެޅުވިފައިވާ ޒިންމާއެއްގެ ގޮތުގައި ރައީސް ސޯލިހް ވިދާޅުވިއެވެ.

 

”އަޅުގަނޑުމެން މިރޭ މި ފާހަގަކުރަނީ، މި ފެންނަ އާ ޢިމާރާތަށް 100 އަހަރު ފުރުން. އެހެންނަމަވެސް، މުލީއާގޭގެ ތާރީޚު އެއަށްވުރެ މާ ދޮށި. މި ޢިމާރާތަށް، މި ގޯއްޗަށް މިތަނުގައި ގެއެއް ހުންނަތާ މިހާރު 300 އަހަރުވެއްޖެ. އެއީ، މުލީ ޚަޠީބު މުޙައްމަދު ތަކުރުފާނު، މީގެ 300 އަހަރު ކުރިން، ހުޅަނގު ދެކުނުކޮޅުގައި އެޅި ކުޑަކުޑަ ޢިމާރާތެއް. ބިންގަލެއް އަޅައި، ރާނައި، އޭގެ މަތީގައި ނެއްލަޖަހައި ހެދި ގެއެއް.“ ރައީސް

ރައީސް ސޯލިހް ވިދާޅުވީ، ސަގާފަތަކީ މިއަދުގެ ގޮތުންނަމަ އިގްތިސާދުގެވެސް ބައެއް ކަމަށެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުން އެކި ރަށްރަށަށް ފަތުރުވެރިން ދަތުރުކުރާ އެންމެ މުހިއްމު އެއް ސަބަބަކަށްވެފައި އޮންނަނީ އެގައުމެއްގެ ތަރިކައާއި ސަގާފަތާއި އެ ގައުމެއްގެ ދިރިއުޅުން ހުރިގޮތް ދެނެގަތުންކަމުގައި ވިދާޅުވިއެވެ. ހާއްސަކޮށް މި މިލޭނިއަމްގެ ކުދިން ދަތުރުކުރުމުގައި އެންމެ އިސްކަމެއްދޭ ކަމަކަށްވެފައި އޮންނަނީ ތަރިކައާއި ސަގާފަތް ދެނެގަތުން ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ސޯލިހް ވަނީ މިސަރުކާރުން ދިވެހިރާއްޖޭގެ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި އިސްކަންދެއްވައިގެން ވަޒީރުންގެ މަޖިލީސް އެކުލަވާލިއިރުގައި މިނިސްޓްރީ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ ނަމުގައި އާވުޒާރާއެއް އުފެއްދެވިކަން ފާހަގަކުރައްވާފައެވެ. އަދި އޭގެ ފަހުން ސަގާފީ ތަރިކައާ ބެހޭ ގާނޫނެއްވެސް މިސަރުކާރުން ވުޖޫދަށް ގެނެސްދީފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މުލިއާގޭގެ އާ އިމާރާތަށް 100 އަހަރު ފުރިގެންދާ މި މުނާސަބާގައި، މުލިއާގޭގެ ތާރީޚު އެތައް އަހަރަކަށް ދެމިގެންދާކަން ހާމަކުރައްވާ، މިގޯތީގައި އިމާރާތެއް ހުންނަތާ މިހާރު 300 އަހަރުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މުލީއާގެއާ އިރު އުތުރުން ފެންނަން ހުރި މެދުޒިޔާރަތަކީ 860 އަހަރަށްވުރެ ގިނަ ދުވަސްވެފައި ހުރި އިމާރާތެއް ކަމަށާއި ރާއްޖޭގެ އެވޭލާ ރަސްމަތިފުށުގެ ތާރީހާ ގުޅިފައިވާ ސަގާފީ ތަރިކައިގެ ތެރޭގައި ހިމެނެން ޖެހޭ ސަރަހައްދެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އާޓްސް އެންޑް ކަލްޗާ މިނިސްޓްރީން އެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މުލީއާގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ހަސަން އިއްޒުއްދީނާއި ޝަމްސުއްދީން ރަދުންއާއި ޕްރިންސް ހަސަން އިއްޒުއްދީން ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ފަހުން ރައީސް މުހައްމަދު އަމީންގެ ރަސްމީ ގެކޮޅުގެ ގޮތުގައި ހަމަޖެއްސެވި އެވެ. ފަހުން ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ރިޔާސީ ގަނޑުވަރަށް ބަދަލު ކުރެއްވި އެވެ.

”އަޅުގަނޑުމެންގެ ދޮންބަންޑާރައިންނަށް މައިފުށުން އެގެ ވާރުތަވެގެންދިޔައީ. އެއަށްފަހު އައްސުލްޠާން އިބްރާހިމް ނޫރައްދީނަށް އެގެ ވާރުތަވުމަށްފަހުގައި އެގެ، އެރަސްގެފާނުގެ ދޮށީ މަނިއްޕުޅު ޝަމްސުއްދީން ތިނަކަށް އެގެ ވާރުތަވެގެންދިޔަ. އެއަށްފަހު އެރަދުން ރަސްކަމުގައި ހުންނަވާ، އެރަދުންގެ ދޮށީ ދަރިފުޅު އަދި ހަމައެކަނި ހުންނެވި ފިރިހެން ދަރިފުޅު ޕްރިންސް އިއްޒުއްދީނަށް މިގެ ހައްދަވާދެއްވީ. މިއަދު އަޅުގަނޑުމެންނަށް މިފެންނަ އިމާރާތަކީ އެއީ“ ރައީސް

މިރޭގެ ރަސްމިއްޔާތުގައި، މުލިއާގެއަށް ވިހި އަހަރަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވި ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން 29 ބޭފުޅަކަށް ހަނދާނީ ފިލާ ދެއްވާފައިވެއެވެ.

މުލިއާގެއަށް ދިގު މުއްދަތަކަށް ހިދުމަތްކުރެއްވި ދެބޭފުޅުން އުމްރާގެ މަތިވެރި އަޅުކަމަށް ފުރާވަޑައިގެންފައިވާތީ މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވި ނަމަވެސް 49 އަހަރު މުލިއާގެއަށް ޚިދުމަތްކުރެއްވި އިބްރާހިމް ޒަކީގެ އިތުރުން 42 އަހަރު މުލިއާގެއަށް ހިދުމަތްކުރެއްވި އިބްރާހިމް ހަލީމްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަކިން ފާހަގަކުރައްވާ، އެދެބޭފުޅުންނަކީ ދެވަނަ ޖުމްހޫރިއްޔާގެ 6 ރައީސުންނާއެކު ވަރަށް އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި ދެ ބޭފުޅުން ކަމުގައި ވިދާޅުވެ އެދެބޭފުޅުންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: