ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ހާއްސަ ސެންޓަރެއް ހުޅުވުމަށް ނިންމާއިފިއެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ ލޮލުގެ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށެވެ. ސެންޓަރު ހުޅުވުމުގެ ގޮތުން ލޮލުގެ ބަލިތަަކަށް ފަރުވާދިނުމުގެ ކޭމްޕެެއް ބާއްވަންވެސް ވަނީ ނިންމާފައެވެ.
ޗައިނާ މެޑިކަލް ޓީމަކާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން ބާއްވާ މި ކޭމްޕުގައި ފަރުވާދޭ ބަލިތަކުގެ ތެރޭގައި ލޮލުގެ ފުސްކެހުން، ގުލްކޯމާ، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް، ލޮލުގެ ކޮއެގެ ތަފާތު ބަލިތައް އަދި ނަންބަރު އައިނު ނަގައި ދޭނެކަމަށެވެ.
މި ކޭމްޕުގައި ފަރުވާދިނުމަށްޓަކައި ބަލިމީހުން މިހާރުވެސް ސްކްރީން ކުރަމުންދާކަން އާސަންދައިން ފާހަގަކުރިއެވެ. ސްކްރީން ކުރުމަށް އެޕޮއިންޓްމަންޓް ހޯދުމަށް ހުޅުމާލެ ހޮސްޕިޓަލް 1417 އަށް ގުޅުމުން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި ގާއިމްކުރާ ލޮލުގެ ބަލިތަކަށް ހާއްސަ މި ސެންޓަރު ހުޅުވުމަށްފަހު ޗައިނާގެ މެޑިކަލް ޓީމެއް ސެންޓަރުގައި ފަރުވާދެމުންދާނެ ކަމަށް އާސަންދައިން މައުލޫމާތުދެއެވެ.

