”ދިވެހިރާއްޖެ“ ނުވަތަ ”މޯލްޑިވްސް“ މިއީ ބައިނަލްއަޤުވާމީ ދުނިޔޭގައި ދުނިޔެމަތީގެ ސުވަރުގެއެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ނަލަ ރީތި ޤައުމު މަޝްހޫރުވެފައިވަނީ ހަމަހިމޭނެ ޖައްވެއްގެ ގޮތުގައެވެ. ހިތްހަމަ ޖެހުމާއި އަރާމު ލިއްބައިދޭ ސިކުނޑި ތާޒާކޮށްލަދޭ ޤައުމެއްގެ ގޮތުގައެވެ. މިހެން ބުނާއިރު އަޅުގަނޑުގެ ހިތަށްވެސް ސިފަވެގެންދަނީ ހުދު ދޮންވެލި ގޮނޑުދޮށާއި ފެހި ރުއްގަހުން ފުރިގެންވާ ހިތްގައިމުކަމެވެ.
ނަމަވެސް މިއީ އަޅާލެވިފައިވާ ފަރުދާއެއް ކުރިމިަތީގައިވާ ހިތްގައިމުކަން ކަމުގައި ޤަބޫލުކުރަން އަޅުގަނޑަށް މިއަދު މަޖުބޫރުވެއްޖެއެވެ. ފަރުދާގެ ފަހަތުގައި ވަނީ ބިރުވެރިކަމާއި ނާމާން ކަމެވެ. ލަދުވެތިކަމާއި ޖެހިލުންވުމެވެ. މިއަދު ރާއްޖޭގެ ހާލަތުގޮސްފައި މިވަނީ މީގެ 20 ވަރަކަށް އަހަރުކުރިން މީހަކު އަންދާޒާ ކުރާ މިންވަރަށް ވުރެ ދަށަށެވެ. އެ ހިތްގައިމުކަމެއް ނެތެވެ. އަހުވަންތަކަމެއް ނެތެވެ. ޤައުމުގެ ހަމަޖުހުމާއި މަސްލަހަތަކީ ދަންނަ ކަމެއް ނޫނެވެ.
މަތިން އުދުހިފައި ދާއިރު އިތާ މުތްތަކެއްފަދަ ރަށްތަކެއްގެ ސިފައިގައި ފެންނަ ހިތްގައިމު ރަށްތަށް ފެންނައިރު ހިތަށް އެހާމެ ހިތްހަމަޖެހުން ގެނުވައެވެ. ނަމަވެސް ހަގީގަތް ފެންނަނީ ހަމަބިމަށް ތިރިވުމުންނެވެ.
އިންޑިއާ ތަންތަނުގައި ރޭގަނޑު ވުމަށްފަހު ބޭރަށް ނިކުތުމަކީ ބިރުވެރިކަމެއް ކަމަށް އަޑުއިވެއެވެ. ޚަބަރުތަކުގައި ބޭރުގެ ޤައުމުތަކުގައި މާރާމާރިއާއި ރަހުމުކުޑަ ގޮތްގޮތަށް މީހުން މަރާލާފައިވާ މަންޒަރުތަކާއި ރޭޕްގެ މައްސަލަތައް ފެނެއެވެ.
ނަމަވެސް މިއީ ރާއްޖޭގައިވެސް އާންމުވެދާނެ ކަމެއް ކަމަށް މީގެ 20 އަހަރު ކުރިން ޤަބޫލު ކުރާނީ ކާކު ހެއްޔެވެ؟ ކުރިން މިފަދަ މަންޒަރުތަކަކީ ހަމައެކަނި ފިލްމުތަކުންނާއި ވީޑިއޯތަކުން ފެނުނު މަންޒަރު ނަމަވެސް މިއަދު ހަމަލޮލުން އެފަދަ ކަންކަން ފެނި އިހުސާސު ކުރަންޖެހޭނެކަން އޭރު ހިތަށްވެސް ނާރާނެއެވެ.
އެއްވެސް ރަހުމެއްނެތި މީހެއްގެ ފުރާނަ ދުއްވާލާލުމާއި މާރާމާރީ ހިންގުމާއި ކުޑަކުދިންނާއި އަންހެނުން ރޭޕްކުރުމަކީ މިއަދު ޤައުމުގައި އާންމުކަމަކަށްވެއްޖެއެވެ. ކުރިން ބުނި ފަދައިން އިންޑީއާގައި އަންހެންކުއްޖަކު ރޭގަނޑު ބޭރަށް ދިއުމުގެ ކުރިން އޭނާގެ އަބުރާ އިތްޒަތާއި މެދު ވިސްނަން ޖެހެއެވެ. ނުވަތަ ބޭރަށް ދިއުމަށް ފަހު އަނބުރާ ގެއަށް އާދެވޭނެ ކަމުގެ ޔަޤީންކަން ނެތް ކަމީ އެތަށް ފަހަރެއްގެ މަތިން އަޑުއިވިފައިވާ ވާހަކަތަކެވެ.

ރާއްޖޭގަިއވެސް އެ ހާލަތެވެ. މަރުގެ އިންޒާރު އެންމެންގެ ކުރިމަތީގައި ދެމުން އެދަނީ އެއްވެސް ބިރެއް ނެތިއެވެ. މައުސޫމް އެތައް ކުދިންނަކާއި އަންހެނުން ރޭޕްކުރަމުން ދަނީ ފަސްޖެހުމެއް ނެތިއެވެ. މީހުން ކޮށާ ކުދިކުރަމުން އެދަނީ ރޯމާ ދުވާލު އެންމެން ކުރިމަތީގައެވެ.
ގެއިން ނިކުންނަނީ އަނބުރާ އާއިލާ ކައިރިއަށް އައުމުގެ ނިޔަތުގައެވެ. ނަމަވެސް އެނބުރި ގެއަށް ނައިސް، އާއިލާއަށް ދެން ލިބޭ ޚަބަރަކީ އެމީހަކު މަރާލުަމަށް ފަހު އެވެނި މަގެއް މަތީ ނުވަތަ މިވެނި ގެއެއްގައި އެއްލާލާފައި އޮންނަ ވާހަކައެވެ. މިދައްކަނީ އިންސާނެއްގެ ފުރާނައިގެ ވާހަކައެވެ. އެއީ އެންމެ އަގުބޮޑު އެއް ނިއުމަތެވެ. ނަމަވެސް މީހެއްގެ ފުރާނައަށް ނުބަލާނަމަ މިއީ ކިހާ ބިރުވެރިކަމެއްތޯ ވިސްނާލަންޖެހެއެވެ.
ހިނގާފައި މަގުމަތީގައި ދާއިރު ތިމާގެ އަގުބޮޑު ފޯނާއި، ވޮލެޓުގައި ހުރި ބުރަމަސައްކަތުން ހޯދާފައިވާ ފައިސާކޮޅު ފޭރިގަނެފާނެ ކަމާއި މެދު މިއަދު ބިރުގަނެއެވެ. ގޭގައި ހަމައެކަނި ތަޅެއް ލުަމަކުން މިއަދުނުފުދެއެވެ. އޭގެ މަތިން ދަގަނޑު ތަޅަކާއި ކަރަންޓު ތަޅެއް ލާ މުޅި ގޭގައި ސީސީޓީވީ ހަރުކުރަންޖެހެއެވެ. އެވަރުންވެސް އެންމެ ހަނި ދޭތެރެއަށް ބަލާ ކިރިޔާވެސް ވަދެވެން އޮތިއްޔާ އެ ދޭތެރެއަކުން ވަދެގެން ގޭގައި ހުރި އަގުބޮޑު މުދަލުން ވައްކަންކުރެއެވެ. މީސްމީހުންގެ ހައްޤަށް އަރައިގަންނައިރު ލަދުވެތިކަމެއް ނެތެވެ.
މުޖްތަމައުގައި މިނޫނަސް ހިނގަމުންދާ ކަންކަމަކީ މިއަދު ކަންބޮޑުވާނެޖެހޭ މައްސަލަތަކެވެ. މަސްތުގެ ހާލަތުގައި މަގިމަތީގައި އުޅުން އާންމުވެފައިވާއިރު، ޤައުމުގެ މުސްތަގުބަލް ކަމުގައިވާ މިއަދު ކުޑަކުދިންނަށް މިދެއްކެނީ ވަރަށްވެސް ވިޔާނުދާ ނަމޫނާއެކެވެ. ހަރުދަނާ ކަމެއް ނެތި މަގުމަތީގައި ކަންކަންމަތީގައި ހިނގާފައިދާ ކޮންމެ މީހަކަށް ފޮށޭއިރު އެއީ ތިބާގެ މަންމަ ނޫނީ ދައްތަ ނޫނީ ކޮއްކޮ އަދި މިނޫނަސް ގާތް ތިމާގެ މީހެއް ނަމަ ހިތައްކުރާނީ ކޮންކަހަލަ އިހުސާސެއްތޯ ވިސްނާލުން މުހިންމުމެވެ.
ގައުމުގެ ހާލަތު އިޖްތިމާއީ މިންގަނޑުުން ނެއްޓި މިއަދު މިވަނީ ކޮންޓްރޯލް ނުވާ ހިސާބަށް ގޮއްސައެވެ. ނިސްބަތުން ބަލާއިރު ދިވެހިރާއްޖޭގައި ކުރިން ފާހަގަކުރި ކުށްތައް މިހާރު ވަނީ އިންތިހާއަށް އިތުރުވެފައެވެ.
އަޅުގަނޑުމެން މިފަދަ މިސާލުތައް މީގެ ކުރިން ނަގަނީ އަވަށްޓެރި އިންޑީއާ ސަރަޙައްދުންނެވެ. ނަމަވެސް މި މިސާލުތައް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި އާންމުވުމީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ނަމަވެސް މިއީ އެފަދަ ކުށްތަކުގެ މިސާލު އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއިން ނެގުމަކީ މިއީ އެއްވެސް ދިވެއްސަކު ބޭނުންވާނެ ކަމެއް ނޫނެވެ. މި ޤައުމަކީ އަބަދުވެސް ސުލްހަމަސަލަސްކަމަށް ލޯބިކުރާ ހިތްގައިމު ނަލަ ދިވެހިރާއްޖޭގެ ނަމުން ތައާރަފްވުމީ އަޅުގަނޑުގެ އުންމީދެވެ.
ރާއްޖޭގެ ނަލަކަމާއި ހިތްގައިމުކަމާއި އެއްވަރަށް ޤައުމުގެ އިޖްތިމާއީ މިންގަނޑުވެސް ހިފެހެއްޓެން ޖެހެއެވެ. މިއީ ހަމައެކަނި ޤައުމުގެ ވެރިޔާއަށް ނުވަތަ ސަރުކާރުގެ މުއަސަސާތަކަށް ކުރެވޭނެ ކަމެއްނޫނެވެ. މިއީ ތިމާ އަމިއްލައަށް ޒިންމާ ނަގައިގެން ކުރެވޭނެ ކަންކަމެވެ.

