ހައްދުފަހަނަ އަޅާފައިވާ ލާދީނީ ފިކުރު ފަތުރަމުންދާ މޯލްޑިވިއަން ޑިމޮކެރެސީ ނެޓްވޯކް ( އެމްޑީއެން) އުވާލުމަށް ދެކޮޅު ހަދާ މީހުންނާއި މެދު ސަމާލުވުމަށް މަޝްހޫރު ދީނީ ޢިލްމްވެރިޔާ އަށްޗޭޙް އިލްޔާސް ހުސެއިން ގޮވާލައްވައިފިއެވެ.
ޝޭޙް އިލްޔާސް މިފަދައިން ވިދާޅުވީ އެމްޑީއެން އާއި ސަލަފް ޖަމިއްޔާ އުވާލަން ތާއީދު ނުކުރައްވާ ކަމަށާއި ޖަމިއްޔާ ޖަމާއަތްތައް އުވާލުމަކީ ނުރައްކާތެރި ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.
އާންމުންނަށް ރައީސް ނަޝީދާ ސުވާލު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަޖިލީހުގެ އިދާރާއިން ކުރިއަށް ގެންދިޔަ ”އާސްކް ސްޕީކާ“ ޕްރޮގްރާމްގައި އާންމު މީހުން ވަނީ އެމްޑީއެން އާއި ސަލަފް އުވާލު ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ. އެ ސުވާލުތަކުގެ ޖަވާބުގައި ނަޝީދު ވިދާޅުވީ އެއިން އެއްވެސް ޖަމިއްޔާއެއް އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ޖަމިއްޔާއަކުން އޭގެ ޒާތުގައި ކުށެއް ނުކުރާނެ ކަމަށާއި ކުށް ކުރާނީ އެ ޖަމިއްޔާއެއްގައި އުޅޭ މީހެކެވެ. އެހެންކަމުން ޖަމިއްޔާއެއްގައި އުޅޭ މީހަކު ކުރާ ކުށެއްގެ އަދަބު ދޭން ޖެހޭނީ މީހަކަށް ކަމަށާއި އޭގެ ސަބަބުން ޖަމިއްޔާއަށް އަދަބެއް ދޭން ވިސްނުމަކީ ނުރައްކާތެރި ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ އެވާހަކަތަކާއި ގުޅިގެން ޝޭޙް އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެމްޑީއެން އުވާލުމަށް ރައްޔިތުން ގޮވާލުމުން ރައީސް އިބްރާހިމް މުހައްމަދު ސާލިޙް އެމްޑީއެން އުވާލަން ނިންމެވީމާވެސް އެމްޑީއެން ދިފާއުކޮށް ވާހަކަ ދައްކާ މީހުންނާއި މެދު ރައްޔިތުން ސަމާލުވާން ޖެހޭ ކަމަށެވެ.
އިލްޔާސް ވިދާޅުވީ މުސްލިމުންނަކީ ފާޅުގައި ދީނާއި ހިލާފް ފަލްސަފާ ފަތުރާ މީހަކަށް ތާއިދު ކުރާނެ ބައެއް ނޫން ކަމަށެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާކޮށް ލިޔެފައިވާ ވާހަކަތަކާ ގުޅިގެން އެ ޖަމިއްޔާ އުވާލުމަށް ގޮވާލައި އެތައް ރަށެއްގައި އެއްވުންތައް ބޭއްވި އެވެ. އެ މައްސަލަ ބަލައި ޔޫތް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ ފަސްވަނަ ދުވަހު އެ ޖަމިއްޔާ އުވާލަން ނިންމައިފަ އެވެ. އެކަމަކު އަދި ޖަމިއްޔާ އުވާލި ކަމެއް ސާފެއް ނޫނެވެ.
އޭގެ ފަހުން ރަހުމު ކުޑަ ގޮތަކަށް ގަތުލުކޮށްލި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ރިޕޯޓާ ގުޅިގެން ސަލަފް ޖަމިއްޔާއަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. އަދި އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުން ފާސް ވެސް ކުރި އެވެ. އެ ދުވަހު ވެސް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވެފައިވާނީ އެ ޖަމިއްޔާ އުވާލަން ތާއީދު ނުކުރައްވާ ކަމަށެވެ.

