މަސްވެރިންގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރީސޯސަސް އެންޑް އެގްރިކަލްޗާގެ ފަރާތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ފޯރަމް ފަށައިފިއެވެ.
މި ފޯރަމް ކުރިއަށްދާނީ މިއަދު ފެށިގެން ދެ ދުވަހުގެ މުއްދަކަށް ހުޅުމާލޭ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލްގައެވެ. މަސްވެރިންގެ ފޯރަމް ފައްޓަވައިދެއްވީ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުއެވެ.
ފޯރަމް ފައްޓަވާދެއްވާ ވާހަކަދައްކަވަމުން މިނިސްޓަރ ޒަހާ ވިދާޅުވީ މިފަދަ ފޯރަމެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިކަމުެގެ ސިޔާސަތުތައް ބައްޓަންކުރުމުގަޔާއި މަސްވެރިކަމުގެ ސިނާއަތުގައި ދިމާވެފައިވާ ބައެއް ގޮންޖެހުންތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއް މަޝްވަރާކުރުންކަމަށެވެ.
މިގޮތުން މިއަހަރުގެ ފޯރަމްގައި އިންޑިއާ ކަނޑުގައި، ކަނޑުމަހުގެ މަސްވެރިކަން ދެމެހެއްޓެނިވި މިންވަރެއްގައި ހިފެއްޓުމުގެ ގޮތުން މަސްބާނާނެ މިންވަރު ކަނޑައެޅުމާގުޅޭގޮތުންނާއި، މަސްވެރިކަމުގެ ތަފާސް ހިސާބު ނެގުމާ، މަސްވެރިކަމުގެ ޤާނޫނާއި ޤަވާޢިދުތަކާއިގުޅޭގޮތުން އަދި މިނޫންވެސް ގުޅުންހުރި އެހެން ބަައެއް ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެކަމަށްވިދާޅުވިއެވެ.
”މިއަދު މިފެށިގެންދާ ފޯރަމްގައި އެންމެ މުޙިއްމު އެއް މަޢުލޫއަކީ އިންޑިއާ ކަނޑުގައި ކަނޑުމަހުގެ މަސްވެރިކަމުގައި މަސް ބާނާނެ މިންވަރު ކަނޑައެޅުމާއި ގުޅޭގޮތުން ނުވަތަ ކެޗް އެލޮކޭޝަންއާއި ގުޅޭ މަޢުލޫ. މިއީ އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް ރަތް ދަރަޖައިގައި ގިންތިކުރެވިފައިވާ ދުވަސް ވަރެއްގައި، ވަކިން ޚާއްސަ މަޢުލޫއަކަށް މިވަނީ ވެފައި. ދިވެހިރާއްޖެއަށް މިމަޢުލޫގެ ހައްސާސްކަން ވަކިން ބޮޑު. އަޅުގަނޑުމެންފަދަ މަސްވެރިކަމަށް އިންތިހާއަށް ބަރޯސާވާ ގައުމަކަށް މިއީ ވަރަށް މުޙިއްމު އެކަމަށް މަސްވެރިންނާއި މަސްވެރި ސިނާއަތުގައި ޙަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ މަޢުލޫއެއް. ކެޗް އެލޮކޭޝަންއާއި މިއަދު ފޯރަމްގައި މަޝްވަރާކުރެވޭ އެހެން މައުލޫއަކާއި ވަރަށްވެސް ގުޅުންބޮޑު. މަސްވެރިކަމުގެ ތަފާސް ހިސާބަކީ ކެޗް އެލޮކޭޝަން ފޯމިއުލާއެއްގެ އެންމެ މުޙިއްމު އެއް ތަނބު. އެހެންްކަމުން، މަސްވެރިކަމުގެ ތަފާސް ހިސާބުގެ މަޢުލޫއަކީ މިއަދު ތިޔަބޭފުޅުން ޚާއްސަ ސަމާލުކަމެއް ދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.“
މަސްވެރިންގެ ފޯރަމްގައި ރާއްޖޭގެ 15 އަތޮޅަކުުން 55 ފަރާތެއް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިތުރުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނެއެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަނީ ކޮންމެ ޑިސެމްބަރު މަހެއްގެ 10 ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިހާތަނަށް ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސްދަތުރެއް ބާއްވާފައިވެއެވެ.
މީގެ އިތުރުން ހުކުރު ދުވަހު މަސްވެރިންގެ އެކްސްޕޯ ފަށާފައި ވެއެވެ. މި އެކްސްޕޯ ނިންމާލުމަށް ހަމަޖައްސާފައިވަނީ މިއަދަށެވެ. މާދަމާ މަސްވެރިންގެ މުބާރާތެއް ކުރިއަށް ގެންދިއުމަށްވެސް މިނިސްޓްރީން ވަނީ ރާވާފައެވެ. މި ހަރަކާތްތަކުގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމީ ހަފުލާ އަންގާރަ ދުވަހު ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފައެވެ.

