މާލޭގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިތުރު ކޮށްފިއެވެ.
ހިދުމަތަށް ގެނައި ބަދަލުތަކާއި ގުޅޭގޮތުން އެމްޕީއެލްގެ ފަރާތުން އާންމު ކުރި ބަޔާނެއްގައި ބުނީ، ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަކޮށްދިނުމަށާއި، އިގްތިސާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާކަމަށެވެ.
އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް ގެންނަ ކޮންވެންޝަނަލް ކާގޯ ނުވަތަ ކޮންޓޭނަރަށް ނުލައި ގެންނަ މުދަލުގެ ތެރެއިން، މާލޭ ވިޔަފާރި ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ގައި ސްޓޯރކުރާ މުދަލަށް ދޭ ”ފްރީ ސްޓޯރޭޖް“ މުއްދަތަށް ބަދަލު ގެންނަން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމާފައިވާކަމަށް ވަނީ ބުނެފަ އެވެ.
ކޮންވެންޝަނަލް/ބްރޭކް ބަލްކް ކާގޯއަށް ދޭ ”ފްރީ ސްޓޯރޭޖް“ގެ މުއްދަތަށް ގެނެވުނު ބަދަލު:
- ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ގައި ސްޓޯރކުރާ ބްރޭކް ބަލްކް ކާގޯ އަށް ”ފްރީ ސްޓޯރޭޖް“ގެ މުއްދަތު ގޮތުގައި 10 ދުވަސް ދިނުން.
ބަނދަރުގެ ”އޯޕަން ސްޓޯރޭޖް އޭރިޔާ“ ގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ”ފްރީ ސްޓޯރޭޖް“ގެ ގޮތުގައި ކުރިން ދެނީ 5 ދުވަހެވެ. އެމްޕީއެލްއިން ގެނައި ބަދަލާއެކު، މުދާ އެތެރެކުރާ ފަރާތްކަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އެމްޕީއެލްއިން ބުނީ ބަދަލުތަކަށް އަމަލުކުރަން ފަށާނީ 1 ފެބްރުވަރީއިން ފެށިގެން މާލޭ ވިޔަފާރި ބަނދަރަށް އަންނަ އުޅަނދުތަކުން ބާލާ މުދަލަށް ކަމަށެވެ.

