ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

’ރައްކާ‘ މަގުމަތީގެ ރައްކާތެރިކަމަށް އަހުލުވެރިކުރުވުމުގެ ކެމްޕެއިން 2026 ގައި ސޮއިކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އެލައިޑް އިންޝުއަރެންސާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ހިންގާ ”ރައްކާ“ ޕްރޮގްރާމް 2026 ވަނަ އަހަރަށް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. 2019 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަށް އަމާޒުކޮށްގެން ހިންގާ މުހިންމު ހަރަކާތެކެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު ހުސައިން ލުވައިޒް ވިދާޅުވީ، މި ޕްރޮގްރާމްގެ ސަބަބުން މަގުމަތީގެ ރައްކާތެރިކަމަށް އާންމުން ހޭލުންތެރިވެ، އޭގެ ފައިދާ މުޖުތަމައަށް ކުރަމުންދާ ކަމަށެވެ. ވަކިން ހާއްސަކޮށް މާލެ ސަރަހައްދުގައި ބިން ގުޅުވުމުގެ މަޝްރޫއުތަކާއެކު އާބާދީ އިތުރުވެ، އުޅަނދުތައް ގިނަވަމުންދާ ދިއުމަކީ އެކްސިޑެންޓުތައް އިތުރުވުމަށް މަގުފަހިވާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ލުވައިޒް އިތުރަށް ވިދާޅުވީ ”މިފަދަ ޕްރޮގްރާމްތަކުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރެވޭނަމަ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުގެ ފުރުސަތު މަދުވެގެންދާނެ“ ކަމަށެވެ. އަދި ކުރިމަގުގައި މި މަސައްކަތް މިއަށްވުރެ ފުޅާދާއިރާއެއްގައި ފުލުހުންނާ ގުޅިގެން ކުރިއަށް ގެންދިއުމަކީ އެލައިޑްގެ އަމާޒެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޓްރެފިކް މޮނީޓަރުންގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ ރައްކާ ޕްރޮގްރާމް ފެށުނީއްސުރެ އެލައިޑުން ދެމުން އަންނަ އެހީތެރިކަން ފާހަގަކުރައްވާ ކަމަށެވެ. މި ޕްރޮގްރާމްގެ ދަށުން ހިންގާ ހަރަކާތްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ހަރަކާތަކީ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ހިންގާ ”ޓްރެފިކް މޮނީޓާސް“ ޕްރޮގްރާމް ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ ނަވީން ފާހަގަކުރެއްވި ގޮތުގައި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުވި އެއްވެސް ކުއްޖެއްގެ ފަރާތުން މިހާތަނަށް ޓްރެފިކް ގަވާއިދާ ހިލާފު އެއްވެސް އަމަލެއް ފެނިފައެއް ނުވެއެވެ. މިއީ މި ޕްރޮގްރާމްގެ ސަބަބުން ކުދިންގެ އަހުލާގަށާއި ގަވާއިދަށް ބޯލެނބުމުގެ އާދައަށް އައިސްފައިވާ ހެޔޮ ބަދަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މާލެއަކީ ތޮއްޖެހިފައިވާ ސަރަހައްދަކަށް ވުމުން، މަގުމަތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ފުލުހުން ރެޔާއި ދުވާލު މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި، ”ފަހިރާސްތާ“ އާއި ޑްރައިވަރުންނަށް ހިންގާ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ސީޕީ ނަވީން ދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: