ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާޒާރުމަތީ މަގުގެ 82 އިންސައްތަ މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މިހާރު މި މަޝްރޫޢުގެ 82 އިންސައްތަ މަސައްކަތް ވަނީ މުޅިން ނިންމާލެވިފައެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މުހިންމު ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ. އެގޮތުން ބިން ހިއްކުމާއި، ޝީޓް ޕައިލް ކުރުމާއި، ޕެނަލް ހަރުކުރުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ޑީވޯޓަރިންގ ނިޒާމު ޤާއިމުކުރުމާއި ފެން ހިންދާ ވަޅުތައް ބެހެއްޓުމުގެ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައެވެ.

އެމްޓީސީސީން އިތުރަށް މަޢުލޫމާތު ދިން ގޮތުގައި ކޭބަލް ޖަންކްޝަންތައް ބެހެއްޓުމާއި، ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތައް ވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި އެއްގަމު ތޮށީގެ ކެޕިންގ ބީމްގެ އެންމެ ފަހުގެ ކޮންކްރީޓް މަސައްކަތްތައް މިއަދުގެ ނިޔަލަށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ކާބް ސްޓޯން ޖެހުމާއި، ސެޓްލްމަންޓް ޓޭންކްތައް ހެދުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. މީގެ އިތުރުން ފެނާއި ކޭބަލްތަކަށް ޚާއްޞަ ޓްރެންޗްތަކުގެ ކޮންކްރީޓް މަސައްކަތްތައް ވެސް މިވަގުތު ދަނީ ކުރަމުންނެވެ.

މަޝްރޫޢުގެ އެންމެ ފަހުގެ މަރުޙަލާތަކަށް ތައްޔާރުވަމުންދާއިރު، މަގުގެ ސަބް-ބޭސް ތައްޔާރުކުރުމާއި ތާރު އެޅުމުގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫޢު ނިމުމުން ބާޒާރުމަތީގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: