ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ވާނުވާ” ޖެހުން: ރައްޔިތު މީހާއާއި އިންސާފު ބައްދަލުނުކުރާ އެންމެ ބޮޑު ސަބަބު!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ އަދުލްވެރިކަމާއި އިންސާފުވެރިކަން އޮންނަ މިންވަރަކީ އެބަޔަކު ދެކޭ ގޮތަކަށް ނުވަތަ އެބަޔަކު ކިޔާ ރާގަކަށް އޮންނަ އެއްޗަކަށްވެއްޖެއެވެ. ތިމާމެން ބޭނުންވާ ކަންކަން ވާނަމަ އިންސާފު އަދި ތިމާމެން ބެނުންވާ ކަމެއް ނުވާނަމަ އަނިޔާވެރިކަން ނުވަތަ ބޭ އިންސާފަކަށް އެކަމެއްވެެއެވެ. މިކަން ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާލުމުން ސާފުކޮށް ފެންނާނެއެވެ. އިންސާފަކީ ސިޔާސީ ހަތިޔާރަކަށްވެއްޖެއެވެ. އެބަޔަކު ހިތް އެދޭ ލީޑަރު ބޭނުންވާ ގޮތަކަށް ހުކުމެއް އައުމުން އެއީ އަދުލްވެރި އިންސާފުވެރި ހުކުމަކަށްވެއެވެ. އަދި ތިމާމެންގެ ލީޑަރާއި ދެކޮޅަށް ހުކުމެއް އަންނަ ހިނދު އެއީ އިނިޔާވެރި ސިޔާސީ ހުކުމަކަށް އެކަން ހަދައެވެ. މިކަން ކަން ހިނގަނީ ވެރިންގެ ލެެވެލްގައެވެ. މަހުޖަނުންގެ ލެވެލްގައެވެ. އާދައިގެ ދެރަ ނިކަމެތި ރައްޔިތު މީހާއަށް ބަލާލާނެ ޔާރެއް އިޔާރެއް ޕިޔާރެއްވެސް ނުލިބެއެވެ.

ރައީސް މުޙައްމަދު ނަޝިދުގެ މައްޗަށް ޓެރަރިޒމްގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވުމުން އެމްޑީޕީއާއި، އެމަނިކުފާނުގެ ސަޕޯޓަރުން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރިއެވެ. އިންސާފުވެރި ހުކުމެއް ނޫންކަމަށް ބުނެއެވެ. މިހާރު އެމަނިކުފާނަކީ މިނިވަނެކެވެ. އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާޠިލްކުރުމާއި ގުޅިގެންނެވެ. އަދު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުރި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ އެމަނިކުފާނު އޮންނެވީ ޖަލުގައެވެ. ޚާއްސަ ޔުނިޓެއް ނަމަވެސް އެތަން ވާނީ ހަމަ ޖަލަށެވެ. އެމަނިކުފާނު ޖަލަށް ލުމުން ޕީޕީއެމް/ޕީއެންސީ އަދި އެމަނިކުފާނުގެ ސަަޕޯޓަރުން މަގުމައްޗަށް ނިކުމެ އިހުތިޖާޖު ކުރަނީއެވެ.

ކޮންމެ ކަމެއްގައިވެސް ގަނަތެޅެން ޖެހެނީ ހަމަ އާންމު ރައްޔިތު މީހާއެވެ. ލީޑަރުގެ ދިފާއުގައި މަގުމައްޗަށް ނިކުމެ އަތުގައި ބިޑިއެއް އަޅުވާލަން ކެރެނީވެސް ހަމަ އާންމު ރައްޔިތު މީހާއެވެ. މިރުސް ދުމާއި، މިރުސް ދިޔަ ބޮއިގެން ކައިގެން ތެޅެން ޖެހެނީވެސް އާންމު ރައްޔިތު މީހާއެވެ. އިންސާފު ޤާއިމު ކުރުމަށް އެދި މަގުމަތީގައި ފައިވާން ޖޯދު ދޫކޮށްލާފައި ދެކޮޅަށް ދުވެ ހަދާއިރު އެ ރައްޔިތު މީހާއާ ޖެހުމުން އިންސާފު ވާ ހިސާބެއްވެސް ނޭނގެއެވެ. ކަމެއް ދިމާވެގެން އެ ރައްޔިތު މީހާ ވަށައިގެން ބަލާއިރު ފެންނަން އޮންނަނީ ހަތަރު ފާރެވެ. އެތެރެޔަކު ކަރަންޓެއް ނުހުރެއެވެ. ފަހަރުގަ ކައިރީގައި ނުވެސް ދަންނަ މީހަކުވެސް އޮވެ ދާނެއެވެ. މި ރާއްޖޭގައި އިންސާފު ޤާއިމުކުރެވޭ ގޮތަށް ކުޑަކޮށް ބަލާލާމާހެއްޔެވެ.

އިންސާފަކީ ހަމަ އެކަނި ކުށަކުން މީހަކު ބަރީއަވުމެއް ނޫނެވެ. އެއީ ކުރެވޭ ތުހުމަތުތަކަށް ޖަވާބު ދާރީވާން ފުރުސަތު ދީ އަވަސްކަމާއެކުގައި އަދުލްވެރިކޮށް އެ މައްސަލައެއް ބަލާ ޙައްގަށް ހުކުމްކުރުމެެވެ. ނަމަވެސް ރާއްޖޭގެ ޖަލުތަކަށް ނަްޒަރު ހިންގާލާ ފުންކޮށް ވިސްނަވާށެވެ. “ވާނުވާ” ޖަހާފައި ޝަރީޢަތް ނިމެންދެން ޖަލުގައި ބާއްވާ ޒުވާނާ އޭނާގެ 21 ވަނަ އުފަންދުވަހާއި 22 ވަނަ އުފަންދުވަސް އެތަނުގައި އޮވެގެން ފާހަގަކޮށް ނިންމާ 23 ވަނަ އުފަންދުވަހަށް އެއަށްގެން އިންތިޒާރު ކުރަނީއެވެ. އެ މުއްދަތުގައި އެ ޒުވާނާއަށް ޤާޟީ ފެންނަނީ އެއް ފަހަރު ނުވަތަ ދެ ފަހަރުއެވެ.

އަނެއްކާވެސް މައްސަލައިގެ އަޑުއެހުމެއްގެ އިންތިޒާރުގައި އެ ގޮޅީގައި އޮވެ ދުވަސްތައް ގުނަމުން ދާނެއެވެ. އެއީ އެ ޒުވާނާއާ މެދު އަދުލްވެރިކޮށް އިންސާފުން ކަންކަން ނުނިމޭކަމުގެ އަލިގަދަ ހެއްކެކެވެ. އަނެއްކާވެސް ވިސްނާލާށެވެ. އެ ޒުވާނާ ހައްޔަރު ކުރެވެނީ ބޮޑު ކުށެއްގެ ތުޚުމަތުގައެވެ. އޭނާގެ ސަބަބުން ފުރާނައެއްވެސް ގެއްލިފަ ވެދާނެއެވެ. އެު ފުރާނައިގެ ވާރިސުން އެދިއެދި ތިބެނީ އެކަން ކުރި ބަޔަކަށް އޭގެ ޙައްޤު އަދަބު ލިބުމަށެވެ. އެހެނަސް އެކަމުގައި އިންތިޒާރު ކުރަމުންގޮސް އެކަން ހަނދާން ނެތޭހާ ދުވަސް ވަނީއެވެ. އިންސާފެއް ނުފެނުނެވެ. އިންސާފު ބައްދަލުވެސް ނުކުރިއެވެ.
ޓާމިނަލް ކެފޭގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީ މަރާލި ނަދީމުގެ އާއިލާއާއި އޭނާގެ އެކުވެރިން ތިބީ ނަދީމަށް އިންސާފަށް އެދި ގޮވަގޮވައެވެ. އެ މައްސަލައިގައި ހައްޔަރުކޮށް ދައުވާކުރާ ޒުވާނުން ޖަލުގައި ތިބޭތާ 2 އަހަރަށްވުރެ ގިނަ ދުވަސްވީއެވެ. ތޫނު އެއްޗަކުން ހަމަލާދީ މަރާލި އަނަސްގެ އާއިލާއާއި އެކުވެރިން އަދި ރަށުގެ ރައްޔިތުންވެސް ބޭނުންވަނީ އަނަސްގެ މަރަށް އިންސާފެވެ. ނަމަވެސް އެ މައްސަލައަށް 2 އަހަރު ފުރިގެން ދިޔައިރު ހައްޔަރު ކުރެވުނު މީހުންނަށް ވާނުވާއެއް ޖަހާލުން ފިޔަވާ ކުރެވުނު ކަމަކީ ކޮބާތޯއެވެ. މީގެ 7 އަހަރު ކުރިން މަރާލި މުހީތު (ބޮބީ) ގެ އާއިލާއަށް އިންސާފު ލިބުނުކަމަށް ވާނީ ޤާތިލުންނަށް ހައްޤު އަދަބު ލިބިގެންނެވެ.

މިފަދަ ކިތަންމެ ކިތަންމެ މައްސަލައެއް ނެގިދާނެއެވެ. “ވާނުވާ” ޖަހާފައި ޖަލުގެ ކުޑަ ގޮޅިއަށް ދޫކޮށްލާފައި ތިބީ ކިދަން މީހުންކަންވެސް ނޭނގެއެވެ. ދިރިއުޅުމުގަ ކުރެވުނު އެންމެ ކުށެއްގެ ސަބަބުން ގޮޅީގައި ހުކުމަކާއި ނުލައި ދުވަސްތައް ގުނަމުންގޮސް ބޮޑެތި މުޖުރިމުންނަށް ބަދަލުވެގެން ދިޔައީ ކިތަން މީހުންކަމެއްވެސް ނޭނގެއެވެ. އެނގޭކަމަކީ އަދި ޔަޤީންވާ ކަމަކީ އާންމު ރައްޔިތުންނާއި އިންސާފު ވަރަށް ބީރައްޓެހިކަމެވެ.
މިކަންކަން ހައްލުވާން އެބަޖެހެއެވެ. މިކަންކަމަށް ޒިންމާވެ އަދުލްވެރިކަމާއި އިންސާފުވެރިކަން ކަށަވަރުކުރުމަށް އޭގެ ޒިންމާ ހަވާލުކޮށް އެކަންކަމުގެ ޤާނޫނީ ބާރުވެރިކަން ވަކި ބަޔަކށް ދީފައިވަނީ “ނަމައަކަށް” ނޫނެވެ. ނޫނީ “މަޖަލަކަށް”ވެސް ނޫނެވެ. ބޮޑު މުސާރަ ދެނީ މި ދައުލަތުގެ ޙައްޤުދާރުންނަށް އިންސާފު ކަށަވަރުކޮށް ދިނުމަށެވެ. ސިޔާސީ ވެރިންގެ މުށުތެރެއަށް ދޫވެ “ސިޔާސީކުޅި” ކުޅޭކަށެއްވެސް ނޫނެވެ.

މިނިވަން އިންސާފުވެރި ފުލުހުންގެ މުއައްސަސާއެއް ދިވެހިން ބޭނުންވެއެވެ. ސިޔާސީވެރިން ފަހާ ދުވުމާއި ސިޔާސީވެރިންނަށް ގުލާނުކުރުން ދޫކޮށްލާ އާންމު ރައްޔިތު މީހާއާއި ހަމައިން އިންސާފު ޤާއިމުކޮށްދޭނެ ފުލުސް އޮފީހެއް ބޭނުންވެއެވެ. މިނިވަން އިންސާފުވެރި ޕްރޮސިކިއުޓަރ ޖެނެރަލެއް ހުންނަން ޖެހޭކަން ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވަނީ ކަންކަން ދަނީ އިންސާފުންތޯ ޔަޤީން ކުރުމަށެވެ. ހަމައެކަނި ދައުވާކޮށްލުމުން ނުފުދެއެވެ. އަދި ޕީޖީއަކީ މީހުން ކުށްވެެރިކުރުމަށް މަސައްކަތް ކުރާ މީހެއް ނޫނެވެ. އަދި ކިއެއްތަ އޭނާއަކީ މީހުން ކުށުން ބަރީއަކުރަން މަސައްކަތް ކުރަންޖެހޭ މީހެއްވެސް ނޫނެވެ. އޭނާ ހިޔާރު ކުރަން ޖެހޭނީ އަވަސް ކަމާއި ހަލުވިކަމެވެ. އޭނާ އިސްކުރަން ޖެހޭނީ އަދުލްވެރިކަމާއި އިންސާފުވެރިކަމެވެ. އޭނާ ވާންޖެހޭނީ ނަޒާހަތްތެރިއަކަށެވެ.

ސިޔާސީކުޅި ކުޅެން ސިޔާސީ ދައުވާ ހިފައިގެން ކޯޓުތަކަށް ވަދެ އަވަސް އަރުވާލާފައި ފަޓާސް ބަރިއެއްހެން ހުކުމް ކުރާނަމަ އޭނާއަކީ އެ މަޤާމަށް ކުފޫހަމަވާ މީހެއްނޫނެވެ. އޭނާ ވާންޖެހޭނީ ޖުމްލަ ރައްޔިތުންގެ މެދުގައި އަދުލްވެރިއަކަށެވެ.

ކޯޓުތައްވެސް ހިނގަނީ އެފަދަ ބީދައިންކަމަށް ގިނަ ރައްޔިތުން ތުޚުމަތު ކުރެއެވެ. މައްސަލަތައް ފުނިޖެހިގެން ގޮސް މުޅި ކޯޓުގައި ހުރީ ހުސް ކަރުދާސް ފައިލެވެ. އިންސާފަށް އެދި އާދޭސްކުރަމުންދާ އާންމު ރައްޔިތުންގެ މައްސަލަތައް “ކިއު” ކޮށްލާފައި ބާއްވަނީއެވެ.

ކަންމިހެން ހުރުމާއެކު އާދައިގެ ރައްޔިތު މީހާއާއި އިންސާފު ބައްދަލުކުރާނީ ކިހިނެއްތޯއެވެ؟ އެ ރައްޔިތު މީހާއަށް އަދުލެވެރިކަމާއެކުގައި ހުކުމެއް އަންނާނީ ކޮން އުސޫލަކުންތޯއެވެ. ސިޔާސީ ގަޑުބަޑުގެ ކަމުގެ ތެރޭގައި އިންސާފު އޮބާލާ ގޮސްފިއެވެ.

އަލަށް އައްޔަން ކުރި ޕްރޮސިކިއުޓަރ ޖެނެރަލް ޝަމީމްއާއި، އައު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކު އިންސާފަށް ރައްޔިތުން ކުރާ އުންމީދު ބޮޑެވެ. ޝަމީމަކީ މި ދާއިރާ ވަރަށް ބޮަށް ދަންނަ މާލިމީއެއްކަން ޔަޤީން ކުރަމެވެ. ޤާނޫނުލް އުޤޫބާތާއި ޖިނާއީ އިޖްރާޢަތުގެ ޤާނޫނު އުފަން ކުރުމަށް އެ ބޭފުޅާ ކުރެއްވި މަސައްކަތަތައް ދުށީމެވެ. އަދު އެ ޤާނޫނު ރަނގަޅަށް ހެޔޮގޮތުގައި ތަންފީޒުކުރުމަށް ފުރުސަތު ލިބުމުން ރައްޔިތުން އެ އެދޭ އަދުލްވެރި އިންސާފުވެރި ހުކުމަކަށް އަވަހަށް ވާސިލްވާނެ މަގުތައް ކޮށާދެއްވާށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: