ރާއްޖޭގެ 7 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.
މި އެއްވަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫސާއެވެ.
ބަނދަރުހެދުމަށް އެމްޓީސީސީއާއި ހަވާލު ކުރި 7 ރަށަކީ ށ. ބިލެތްފަހި ބަނދަރު، ށ. ޅައިމަގު ބަނދަރު ، ރ. ރަސްމާދޫ ބަނދަރާއި، ފ. ދަރަނބޫދޫ ބަނދަރާއި، އދ. މަންދޫގައި ބަނދަރު ނ. ލަންދޫގައި ބަނދަރެވެ.
ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއަކީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު މަޝްރޫއެކެވެ. މި މަޝްރޫއަށް 31.6 މިލިއަން ރުފިޔާވަނީ ކަނޑައަޅާފައެވެ.
ށ. ޅައިމަގު ބަނދަރު އަޕްގްރޭޑް ކުރަން ހަވާލު ކޮށްފައިވަނީ 56.3 މިލިއަން ރުފިޔާއަށެވެ. މި މަސައްކަތް 480 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ވަނީ އެއްބަސްވެފައެވެ.
ރ. ރަސްމާދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަކީ 19 މިލިއަން ރުފިޔާ ހަރަދުކޮށްގެން 365 ދުވަހަށް ނިންމާ ގޮތަށް ވަނީ އެއްބަސްވެފައެވެ.
ފ. ދަރަނބޫދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއުއަކީ 38.3 މިލިއަން ރުފިޔާއަށް 397 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލު ކުރެވުނު މަޝްރޫޢުއެކެވެ.
ދ. ހުޅުދެލީ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ހަވާލު ކުރީ 362 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުއަށް 39.8 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.
އދ. މަންދޫ ބަނދަރަށް 37.4 މިލިއަން ރުފިޔާ ކަނޑައަޅާފައިވާިއރު އެ މަޗްރޫޢު 330 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ.
ނ.ލަންދޫގެ ބަނދަރުގެ މަޝްރޫޢު ހަވާލުކޮށްފައިވަނީ 35.6 މިލިއަން ރުފިޔާއަށް 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
ސަރުކާރުން ހިންގާ ގިނަ ޕްރޮޖެކްޓްތަކެއް މިހާރުވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ސަންގަށް މައުލުމާތުދެއްވަމުން ވިދާޅުވީ މިއަހަރު ޖޫންއާއި ހަމައަށް އެމްޓިސީސީއަށް ގެއްލުންވަމުން އައިސްފައިވާ ކަަމަށެވެ. ނަމަވެސް ސަރުކާރުގެ އެއްބާރުލުމާއެކުގައި ޖުލައި މަހުން ފެށިގެން ކުންފުންޏަށް ފައިދާވަމުން އަންނަ ކަމަށެވެ.

