އީފާސް މެދުވެރިކޮށް އިންތިހާބަށް ކުރިމަތިލުމަށް ހުށައެޅުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށާއި، ނަމަވެސް ހަގީގީ މައްސަލައަކީ އެކަމަށް ދީފައިވާ މުއްދަތު ކުރުވުން ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރ އަދި މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ދީދީ ވަނީ ކައުންސިލް އިންތިހާބަށް ފޯމު ހުށަހެޅުމުގައި ހުރި ދަތިތަކަށް އަލިއަޅުވާލައްވާފައެވެ.
ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށައެޅުމުގެ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުންނާއި އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވީ ނަމަވެސް، އިލެކްޝަންސް ކޮމިޝަނުން (އީސީ) ބުނެފައިވަނީ މިހާރު ހަމަޖެހިފައިވާ އީފާސް މެދުވެރިކޮށް ހުށަހަޅާ ގޮތަކީ އެންމެ ލުއިފަސޭހަ ގޮތް ކަމަށާއި އެ ނިޒާމު ބަދަލު ނުކުރާނެ ކަމަށެވެ. ނަމަވެސް ދީދީ ފާހަގަކުރެއްވި ގޮތުގައި މި ނިޒާމުގެ ތެރެއިން ކުރަންޖެހޭ އިދާރީ މަސައްކަތްތަކަށް ބަލާއިރު ދީފައިވާ މުއްދަތަކީ އެކަށީގެންވާ ވަގުތެއް ނޫނެވެ.
ކްލިއަރެންސް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަވޭ
ދީދީ ވިދާޅުވީ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުން 193 ކޯޓަކުން ކްލިއަރެންސް ހޯދަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ކަރެކްޝަނަލް ސާވިސް، ފުލުހުން އަދި މީރާ ފަދަ މުއައްސަސާތަކުން ލިޔެކިޔުންތައް ހޯދުމަކީ ވަރަށް ގިނަ ވަގުތު ނަގާ ޕްރޮސެސްއެއް ކަމަށް އޭނާ ވިދާޅުވިއެވެ. ”ކޯޓު މަރުހަލާގައި ހުށައެޅުމުން 2 ދުވަސްވަރު ނަގާ. ބައެއް ތަންތަނުން 5-7 ދުވަސް ވެސް ނަގާ،“ ދީދީ ފާހަގަކުރެއްވިއެވެ. އަދި މި ތަންތަނުން ޖަވާބުދާރީވާއިރު އިސްލާހު ކުރަންޖެހޭ ކަންކަން ހުރުމުން އިތުރު ވަގުތު ހޭދަވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން ހޯދަންޖެހޭ 50 މީހުންގެ ސޮއި ހޯދުމަކީވެސް ވަގުތު ބޭނުންވާ ކަމެއް ކަމަށާއި، ރާއްޖޭގައި އީފާސް ބޭނުންނުކުރާ ގިނަ ބަޔަކު ތިބުމާއެކު މިއީ އަލަށް ފެށި ކަމަކަށް ވާތީ އިތުރު ވަގުތު ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖޭގެ ކުދި ރަށްތަކުގައި އިންޓަނެޓްގެ ހިދުމަތް އެންމެ އެދެވޭ ގޮތެއްގައި ނުލިބުމަކީވެސް މިކަމުގައި އޮތް ގޮންޖެހުމެއްގެ ގޮތުގައި ދީދީ ސިފަކުރެއްވިއެވެ.
ދީދީ އިތުރަށް ވިދާޅުވީ ރައްޔިތުން ތަމްސީލުކުރާނެ ލޯކަލް ކައުންސިލްތަކަކީ މުހިންމު ބައެއް ކަމަށެވެ. ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާ ހަމައަށް ގެންގޮސްދީ، އެކަންކަން ހާސިލުކޮށްދިނުމުގައި ކައުންސިލްތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، އިންތިހާބުގެ ކަންކަން އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އެކަށީގެންވާ ވަގުތު ދިނުމަށް އޭނާ ގޮވާލެއްވިއެވެ.

