މިއަދު މާލެ ސިޓީގައި މޭޔަރު ކުރާ 99 ޕަސެންޓު މަސައްކަތަކީ ޕީއެންސީން ފެށި ކަންކަން ކަމަށް ފަންނު ހުޅަނގު ދާއިރާގެ ކައުންސިލް ކެންޑިޑޭޓް މުހައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.
މާފަންނު ހުޅަނގު ދާއިރާގެ ޖަގަހަ ހުޅުވުމުގެ ރަސްމިޔާތުގައި އަރީޝް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖްލިސް އިންތިހާބުވެސް ކާމިޔާބު ކުރީވެސް ބޮޑުތަނުން ކަމަށެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިހާބުވެސް ޕީއެންސީގެ މޭޔަރަލް ކެންޑިޑޭޓު، މޫސާ ޖަލީލާއިއެކު ކާމިޔާބު ކުރާނީ ބޮޑުތަނުން ކަމަށް އަރީޝް ވިދާޅުވިއެވެ.
އަރީޝް ވިދާޅުވީ މާލެ ސިޓީގެ 4 ވަނަ ދައުރު ފެއްޓެވީ ރައީސް މުއިއްޒުއާއިއެކު ކަމަށެވެ. އޭރު އެމަނިކުފާނު މާލެ ސިޓީ މޭޔަރު ކަމަށް ވަޑައިގެންނެވީ ހަމައެކަނި ފޮތެއް ހިއްޕަވައިގެން ކަމަށެވެ.
އެފޮތުގައި ވަނީ މާލެ ތަރައްގީކޮސް ޒީނަތްތެރިކުރަން މަސައްކަތް ކުރާނެ ގޮތްތައް ކަމަށް އަރީޝް ވިދާޅުވިއެވެ. އެ ފޮތުގައި އޮތް ގޮތަށް މަސައްކަތް ކުރަން ފެށި ކަމަށާއި ކޮންމެ ހަފްތާއަކު ދޮރުން ދޮރަށް ހިންގަވާ ކަމަށް އަރީޝް ވިދާޅުވިއެވެ. މިއަދު ފެންނަމުން މިދަނީ އެ މަންޒަރު ކަމަށާއި، މާލެ ސިޓީގެ މަސައްކަތް ރަނގަޅުވުމަކީވެސް އޭރު ކުރި މަަސައްކަތުގެ ނަތީޖާ ކަމަށް އަރީޝް ވިދާޅުވިއެވެ.
”މާލެ ފެހިކުރުމުގެ މަސައްކަތަކީވެސް އޭރު އަޅުގަނޑުމެން ކުރި މަސައްކަތެއް. މާލޭ މަގުތައް، ހާއްސަގޮތެއްގައި މާފަންނު ހުޅަނގުން ތިބޭފުޅުންނަށް ފެންނާނެ. އޭރު އެ މަގުތައް ހެދުމުގެ މަސައްކަތް ކުރިން. މިއީ 4 ވަނަ ދައުރުން ފެށިގެން ކުރި މަސައްކަތް“
މާފަންނު މައިޒާނުގެ މަސައްކަތާއި، ބަސް ސްޓޭންޑުވެސް އެއީ ޕީއެންސީގެ މޭޔަރުކަމުގައި ކުރި މަސައްކަތް ކަމަށް އަރީޝް ވިދާޅުވިއެވެ. އަދި މިއަދު މާލެ ސިޓީގައި މޭޔަރު ކުރާ 99 ޕަސެންޓު މަސައްކަތަކީ ޕީއެންސީން ފެށި ކަންކަން ކަމަށް އަރީޝް ވިދާޅުވިއެވެ.

