ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަކީ ޖަވާބުދާރީ ވާން ކެރިވަޑައިގަންނަވާނެ ވެރިއެއް ކަމަށާއި، ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެ ކަމަށް ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބުރައީސް މިހެން ވިދާޅުވީ މާފަންނު ހުޅަނގުދާއިރާގެ ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނައިބުރައީސްގެ ވާހަކަފުޅުގައި 2008ގެ ކުރީކޮޅުގައި ފެނުނު ކަންތައްތައް ތަކުރާރުވާން ބޭނުން ނުވާ ކަމަށާއި، އެކަން މިއަދުގެ ޖީލުތަކަށް ބޭނުން ނުވާ ކަމަށް ވިދާޅުވިއެވެ. އަދި ވެރިން ޖަވާބުދާރީކުރުވަން ދައްކާނެ ވާހަކަތައް ހުންނާނެކަން ފާހަގަކުރައްވައި، ”ރައީސް މުއިއްޒަކީ ޖަވާބުދާރީ ވާން ކެރިވަޑައިގަންނަވާނެ ބޭފުޅެއް“ ކަމަށް އެމަނިފާނު ވިދާޅުވިއެވެ.
މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަގުތަކުގެ މައްސަލަކަން ފާހަގަކުރައްވަމުން، ވާރޭ ވެހޭ ދުވަހެއް ނަމަ މާފަންނުގެ މަގުތަކުގައި ފެން ބޮޑުވެ، ރައްޔިތުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހޭ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. މި މައްސަލަ ހައްލު ކުރައްވަން ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގައި އެންމެ ބޮޑު އެހީތެރިކަމެއް ވެދެވެން އޮތް ތަނަކީ މާލެ ސިޓީ ކައުންސިލް ކަމަށް އެމަނިފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެން މަޖިލީހުގެ ތެރެއިން ހައްދަވަންޖެހޭ ގާނޫނުތަކާއި، ގަވާއިދުތަކާއި އުސޫލުތައް ހައްދަވައިގެންވެސް ދިވެހިންގެ އިޖްތިމާއީ ފޭރާން ރަނގަޅުކުރެވޭތޯ ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރަމުންދާ ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. ނަމަވެސް، ސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން އެންމެ ފުރިހަމަގޮތުގައި ލިބިފައިނުވާކަން ނައިބުރައީސް ހިތާމައާއެކު ފާހަގަކުރެއްވިއެވެ.

