ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން މި އަހަރުގެ މިހާތަނަށް ދަނޑުވެރިންނަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށާއި ފައިސާ ބޭނުން ކުރަނީ ސީދާ ދަނށުވެރިކަމަށް ތޯ ޔަގީން ކުރާކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދަނޑުވެރިކަން ކުރިއަރުވަން ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތް ހިއްސާ ކުރުމުގެ ގޮތުން ނޫސްވެރިންނަށް ބޭއްވި ”ނުވަގަޑި ސައި“ ބައްދަލުވުމުގައިމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ހުސައިން ފައިސަލް ވިދާޅުވީ ”ދަނޑުވެރި ނަފާ“ ލޯން ސްކީމްގެ ދަށުން ދަނޑުވެރިންނަށް 2،250،0000 ރުފިޔާގެ ލޯން ދީފައިވާ ކަމަށެވެ. މިދިޔަ މާޗު މަހު ތައާރަފު ކުރި އެ ސްކީމާއި ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ލޯނަށް އެދި މިހާތަނަށް 25 ފަރާތަކުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ފަރާތްތަކަށް ދޫކޮށްފައިވަނީ 75،000 ރުފިޔާ އާއި 500،000 ރުފިޔާ އާއު ދެެމެދުގެ ލޯނުތައްކަން އޭނާ ފާހަގަކުރިއެވެ. ފައިސަލް ވިދާޅުވީ ގޮތުން އޭގެ ތެރެއިން، ރަހުނު ބަހައްޓަން ޖެހެނީ 75،000 ރުފިޔާއިން މަތީގެ ލޯނުތަކަށެވެ.
”މިފަހަރު ހުޅުވާލި ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމުގެ މައިގަނޑު ހަތަރު ދާއިރާއެއް އިންނާނީ. އެއީ އާ ޓެކްނޮލަޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމާއި އެގްރޮ ފޮރެސްޓްރީ، އަދި ދިރޭ ކުދި ޖަނަވާރު ގެންގުޅުމާއި ވެލިޔު އެޑިޝަންގެ މަސައްކަތްތަކަށް،“ ފައިސަލް
ލޯނު ދޫކުރުމުގައި މައިގަނޑު ހަތަރު ދާއިރާއަަކަށް ބަލާފައިވާނެކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ، އޭގެ ތެރޭގައި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރުން، އެގްރޯފޮރެސްޓްރީ އަދި ގަހުގެ ނާސަރީ އުފެއްދުމުގެ އިތުރުން ދިރޭ ކުދި ޖަނަވާރު ގެންގުޅެގެން ދަނޑުވެރިކަން ކުރުން ހިމެނެއެވެ. އެ ދާއިރާތަކަށް ލޯން ދޫކުރިއިރު ވެލިއު އެޑްކޮށްގެން ތަކެތި އުފައްދާ ވަރު ވެސް ބެލި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ލޯނު ހޯދުމަށް އެދި ހުށަހެޅި އެޕްލިކޭޝަންތަކުގެ ތެރޭގައި އެސެސް ކުރެވި، ލޯނު ދޫނުކުރާ އެޕްލިކޭޝަންތައް ވެސް އެބަހުރި ކަމަށެވެ.
ފައިސަލް ވަނީ، މިނިސްޓްރީން ލޯނުތައް ދޫކުރާއިރު އެ ލޯނުތައް ބޭނުން ކުރަނީ ސީދާ ދަނޑުވެރިކަމަށް ތޯ ޔަގީން ކުރަން ބޭނުންވާ ކަމަށެވެ. އެގޮތުން، ލޯނަށް އެދި ހުށަހަޅާފައިރު ލިޔެކިޔުމާއި އެކު ކޯޓޭޝަން ހުށަހެޅުމުން އެ ތަކެއްޗެއް ފޯރުކޮށްދޭ ކަމަށް ފައިސަލް ވިދާޅުވިއެވެ.
ލޯނުގެ ބޭނުމަކީ ދަނޑުވެރިކަން މިހާރު ކުރަމުންދާ ފަރާތްތަކާއި، ދަނޑުވެރިކަމުގެ ދާއިރާއިން ކުރިއަރަން ބޭނުންވާ ފަރާރްތަކަށް މާލީގޮތުން އެހީތެރިކަން ފޯރުކޮށްދިނުމެވެ. ލޯނުތައް ދޫކުރެވި، އާ ޓެކްނޮލޮޖީތައް ދަނޑުވެރިކަމުގެ ތެރެއަށް ތައާރަފްވެ ދާއިރާއަށް މަންފާ ކުރާނެ ކަމުގެ އުންމީދު ކުރައްވާކަން ފައިސަލްގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ އާ ޓެކްނޮލޮޖީތައް ދަނޑުވެރިކަމުގެ ތެރެއަށް ގެނެވި، އެ މަންފާ އާއި ކުރިއެރުން ގެނައުން،“ އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަމުގެ މަސައްކަތްތައް ފުޅާކުރުމަށްޓަކައި އިންޓަނޭޝަލް ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން 3.5 މިލިއަން ޑޮލަރުގެ ހާއްސަ ޕްރޮޖެކްޓެއްގެ މަސައްކަތް މިނިސްޓްރީއިން އަންނަނީ ކުރަމުންނެވެ. އޭގެ އިތުރުން ދަނޑުވެރިކަން ކުރިއަރުވަން އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިކަން މިނިސްޓްރީން ފާހަގަކުރި އެވެ. އޭގެ ތެރޭގައި ދަނޑުވެރިކަމުގެ ކުންފުންޏަކާއި މާލޭގެ އިންޑަސްޓްރިއަލް ސަރަހައްދުގައި ދަނޑުވެރިންނަށް ހާއްސަކޮށް އިތުރު މާރުކޭޓެއް ހުޅުވުން ހިމެނެ އެވެ.

