އިސްލާމީ ދާއިރާއިން ޖުމުލަ 90 މަޝްރޫޢުއެއްގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، މިސްކިތްތައް މަރާމާތު ކުރުމަށް މިއަހަރު 15 މިލިޔަން ރުފިޔާ ހަމަޖައްސާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި 74 މިސްކިތަކާއި، 7 އިސްލާމީ މަރުކަޒަކާއި، ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ 3 ގޮތްޕެއްގެ އިތުރުން 6 ވަޤުފު އިމާރާތެއް ހިމެނެއެވެ. މީގެ އިތުރުން ދިއްދޫ އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާކޮށް މިހާރު ނިމިފައިވާކަމަށާއި، ކުރިއަށް އޮތް ރަމަޟާން މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިސްކިތްތައް ބިނާކުރުމާއި މަރާމާތު ކުރުމުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ރައީސް ވިދާޅުވީ، މިއަހަރުގެ ތެރޭގައި އިތުރު 10 ރަށެއްގައި އިސްލާމީ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ހުޅުމާލޭގައި ގްރޭންޑް މިސްކިތް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ހަމަޖެހިފައިވާއިރު، މާލޭގެ 4 މިސްކިތެއް ރަމަޟާން މަހުގެ ކުރިން އޭސީކޮށް ނިންމުމަށް ވަނީ އަމާޒު ހިފާފައެވެ. ”މިއަހަރު އިތުރު 17 ރަށެއްގައި މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށޭނެ،“ ރައީސް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް ބައްލަވާލައްވަމުން ރައީސް ވިދާޅުވީ، ވޭތުވެދިޔަ އަހަރަކީ ރާއްޖޭގައި އެންމެ ގިނައިން ހާފިޒުން ދަސްވެނިވި އަހަރު ކަމަށެވެ. އެގޮތުން 30 ހާފިޒުން މިދިޔަ އަހަރު ދަސްވެނިވެފައިވެއެވެ. ހާފިޒުންނަށް ދެމުން އަންނަ އެލަވަންސްވެސް މިހާރު ވަނީ ބޮޑުކޮށްފައެވެ. ”ހާފިޒުންނަށް ސަރުކާރުން ދެމުން އައި އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށް ވާނީ ބޮޑުކޮށްފައި،“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ޤުރުއާނާ ބެހޭ ކަންކަމަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ ހޯދުމަށް މާލޭގައި ޚާއްސަ ވަޤުފު އިމާރާތެއް ބިނާކުރުމުގެ މަސައްކަތް މިއަހަރު ފެށުމަށް ވަނީ ނިންމާފައެވެ. އަދި ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ ހުރިހާ ޚަރަދެއް ސަރުކާރުން އުފުލާ ގޮތަށް ހަމަޖައްސައި، މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަކަށް ބޭނުން ދާއިރާއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުޞަތު ދިނުމަށްވެސް ވަނީ ނިންމާފައެވެ.

