2025 ވަނަ އަހަރަށް އެކުލަވާލި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކޮށްފައި ވާނީ މަޖިލީހުން ބަޖެޓު އެކުލަވާލި ގޮތަށް އިތުރަށް އެންމެ ރުފިޔާއެއްވެސް ހަރަދު ނުކޮށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓަކީ 20 ވަނަ މަޖިލީހުން އެކުލަވާލި ފުރަތަމަ ބަޖެޓު ކަމަށެވެ. 2025 ވަނަ އަހަރަށް އެކުލަވާލި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޒުކޮށްފައި ވާނީ މަޖިލީހުން ބަޖެޓު އެކުލަވާލި ގޮތަށް އިތުރަށް އެންމެ ރުފިޔާއެއްވެސް ހަރަދު ނުކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ފާއިތުވި 5 އަހަރުގެ ތެރޭގައި ސަޕްލިމެންޓަރީ ބަޖެޓެއް ހުށަނާޅާ މިއީ ނިންމާލި ފުރަތަމަ ފަހަރު ކަމަށެވެ. އެ ބަޖެޓުން 34.8 ބިލިއަން ރުފިޔާ ހަރަދުވީ ރިކަރަންޓު ހަރަދުތަކަށް ކަމަށާއި ޕޭ ހާމަނައިޒޭޝަންވެސް ހުށައެޅޭ ކަމަށް ރައީސް ވިދާޅުވިއެވެ. މުވައްޒަފުންގެ ހަރުތަކަށް ހޭދަވީ 14.2 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޓްރެސްޓްގެ ގޮތުގައި 4.6 ބިލިއަން ހަރުދު ވެފައިވާއިރު، ސަރުކާރުންދޭ ހިލޭ އެހީއާއި އިސްތިރާކާއި، ސަބްސިޑީއަށް 9.9 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަަމަށެވެ. ސަރުކާރުގެ ހިންގުމުގެ އެހެނިހެން ހަރަދުތަކަށް 6 ބިލިއަން ރުފިޔާ އަދި ކެޕިޓަލް ހަރަދުތަކަށް ޖުމްލަ 6 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޕީއެސްއައިޕީއަށް 9 ބިލިއަން ހަރަދުކޯށް، ދަރަނި އަދާކުރުމަށް 5.1 ބިލިއަން ހޭދަ ވެފައިވާ ކަމަށެވެ. އަދި ލޯނު ދޫކުރުމާއި އެހެނިހެން އިންވެސްޓްމެންޓުތަކަށް 5.6 ބިލިއަން ރުފިޔާ ހޭދަ ވެފައިވާ ކަމަށް ވިދާޅުވއިެވެ.

