ދިވެހި ރާއްޖޭގެ ދަނޑުވެރިކަމަކީ، ދިވެހިން މީގެ އެތައް ޒަމާނުއްސުރެ ފެށިގެން ކުރަމުން އައި މަސައްކަތެވެ. އެހެން ނަމަވެސް، އޭރުވެސް ދެކެވެމުން އައި އެއް ވާހަކައެއްގެ ގޮތުގައި ވެގެންދާނީ ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުންތަކެއް ލިބޭ ވާހަކަތަކެވެ. ނުވަތަ ހީނަރުކަމެއް އަންނަ ވާހަކައެކެވެ. މަސްވެރިން ބާނާ މަސް ނުކިރި، ނުވަތަ މަސްވެރިކަމުން އެކަށިގެންވާ އާމްދަނީއެއް ނުލިބޭ ވާހަކަވެސް ދެކެވެއެވެ.
އެއްގޮތަކަށް ވެސް، މަސްވެރިކަން ދަށް ކުރާކަށް ނޫނެވެ. މަސްވެރިކަމަކީ ދިވެހީންގެ ލާނަރަށް ވީއިރު، ކާބަފައިގެ ޒަމާނުއްސުރެ ފެށިގެން މިއަދާއި ހަމައަށް ވެސް މަސްވެރިކަމަކީ ރާއްޖޭގެ އިގްތިސޯދީ މައިތަނބެވެ. ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވައްދައިދޭ އެއް ސިނާއަތްވެސް މެއެވެ.
ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާ މިނިސްޓްރީއަށް ބަލާއިރު، މިނިސްޓްރީގެ ޒިންމާއަކީ މަސްވެރިކަން ކަމުގައި ފަހަރުގައި ހީވެދާނެއެވެ. އަދި ގިނަފަހަރަށް މިނިސްޓްރީ މެދުވެރިކޮށް ނޫސްވެރިންނަށް ވެސް ހޯދެނީ މަސްވެރިކަމާއި ގުޅޭ މައުލޫމާތުތަކެވެ. އެ ދާއިރާއަށް ހުރި ގޮންޖެހުންތަކާއި، ގާނޫނުތައް ހެދުމުގެ ވާހަކައެެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ ސިޔާސަތުތަކުގެ ދަށުން، މުވައްސަސާތަކުގެ މަސައްކަތްތަކުގެ މައުލޫމާތުތައް ހާމަކަން ބޮޑުގޮތެއްގައި ނޫސްވެރިން މެދުވެރިކޮށް އާއްމުންނާއި ހަމައަށް ގެނެސްދިނުން ހިމެނެއެވެ. ”ނުވަގަޑި ސައި“ ގެ ނަމުގައި ނުސްރަސްމީ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް އެއީއެވެ. ވަކި ހާއްސަ މައުޟޫއެއް ކަނޑައެޅުމެއް ނެތި ދެ ގަޑިއިރުގެ އެ ބައްދަލުވުމުގައި މަޝްވަރާ ކުރަނީ މުޅި ިމިނިސްޓްރީގެ މެންޑޭޓުތަކާއި މަސައްކަތްތަކާއި ގުޅޭގޮތުންނެވެ.

މީގެ 32 އަހަރު ކުރިން އުފެދިގެން އައި މަސްވެރިކަމުގެ ގާނޫނު އިސްލާހުކޮށް މަސްވެރިކަމުގެ ގާނޫނު ވަނީ ފުރިހަމަކޮށްފައެވެ. މިއީ ސީދާ ބޭރު ގައުމުތަކަށް މަސް ވިއްކަން ހުއްދަކޮށް އެކަމާ ބެހޭ އިޖުރާއަތްތައް ގަވައިދަކުން ބަޔާން ކުރަންޖެހޭގޮތަށް އެކުލަވާލާ ބޭރު ގައުމުތަކަށް ސީދާ ވިއްކޭނީ ދިވެހި ސަރުކާރާ ދެމެދު ކަމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ގައުމުތަކަށް ކަމަށް ބުނެފައިވާ ބިލެކެވެ.
މަސްވެރިންގެ ބިލު ފުރިހަމަކޮށް، ފިޝަރީސް މިނިސްޓްރީން ދެން މިސްރާބު ޖެހީ ދަނޑުވެރިކަމުގެ ދާއިރާއަށެވެ. ސަރުކާރަށް އެއް އަހަރު ވެގެންދިޔައިރު މިނިސްޓްރީގެ ފަރާތުން ދަނޑުވެރިކަމުގެ ދާއިރާއަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކުރެވެއެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑް ކޮންޓްރޯލް ކުރުމާ ބެހޭ ބިލެއް އެކުލަވާލުން ހިމެނެއެވެ. މި ގާނޫނުގެ ދަށުން، ޕެސްޓިސައިޑާ ބެހޭ ކަންތައްތައް އެންމެ ރަނގަޅު ފެންވަރުގައި ބެލެހެއްޓުމަށް ޒިންމާވާނެ ޕެސްޓިސައިޑާބެހޭ ޔުނިޓެއް މިނިސްޓްރީން ގާއިމުކުރެވޭނެއެވެ. ޕެސްޓިސައިޑުގެ ސަބަބުން ބައެއް ނުރައްކާތައް ދިމާވެދާނެ ހާލަތްތައް ވެސް މެދުވެރިވާއިރު، އެ ނުރައްކަލަކުން ރައްކާތެރި ކުރުމުގެ ގޮތުން އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ކަނޑައަޅައި ތަންފީޒު ކުރުމާއި، ޕެސްޓިސައިޑް ތަހްލީލު ކުރުމަށް ރަސްމީ ލެބޯޓަރީތައް ގާއިމު ކުރަން ވާނެ ކަމަށް ވެސް މި ގާނޫނުގައި ވަނީ ބުނެފަ އެވެ. މި ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވާފައިވަނީ ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
އޭގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ އަށް ފީލްޑް އޮފިސަރުން ތަމްރީނުކުރަން މުހައްމަދު އުމަރު ފައުންޑޭޝަންގެ އެހީގައި މިނިސްޓްރީއިން ދަނީ ފޮނުވަމުންނެވެ.
މިނިސްޓްރީގެ މަސައްކަތްތަކާއި، އިތުރު ތަފްސީލުތައް ނޫސްވެރިންނާއި ހިއްސާ ކުރެވިގެން ދިޔައީ ދަނޑުވެރިކަމުގެ ސިނާއަތާއި ގުޅޭގޮތުން ބޭއްވި ”ނުވަގަޑި ސައި“ ގެ ތެރެއިންނެވެ.

މިނިސްޓްރީގެ ދަށުން ހިންގާ އެގްރިކަލްޗާ ޑިވިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، މައިގަނޑު ގޮތެއްގައި އިސްވެރިން ފާހަގަކުރެއްވި އެއްކަމަކީ ދަނޑުވެރިކަން ރާއްޖޭގެ އިގްތިސޯދީ މައި އެއް ތަނބަށް ހެދުމާއި ގުޅޭގޮތުންނެވެ. ނުވަގަޑި ސައިގެ ތެރެއިން ނޫސްވެރިންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ފިޝަރީސް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މި އަހަރުގެ ތެރޭގައި މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާއަތުގައިވެސް ގިނަ މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށެވެ.
ޒަހާ ވިދާޅުވީ އެގްރިކަލްޗާ ދާއިރާއަކީ ރާއްޖޭގެ އިިގްތިސާދީ އެއް ތަނބަށް ވާން ބޭނުންވާ ކަމަށެވެ. ދަނޑުވެރިކަމުގެ ދާއިރާއަކީ ހަމައެކި ފުދުންތެރި، ނުވަތަ ކާނާގެ ޔަގީންކަން އިތުރުކޮށްދޭ ސިނާއަތަށް ހެދުމަށް ވުރެ މި ދާއިރާ ފުޅާ ކުރުމަކީ މިނިސްޓްރީގެ ވިސްނުމެވެ.
މި އަހަރުގެ ތެރޭގައި މިނިސްޓްރީއިން ވަނީ އެގްރިކަލްޗާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ވެސް އެކުލަވާލާފައެވެ. އަދި އެ އެކްޝަން ޕްލޭން ބައްޓަންކޮށްފައިވަނީ ދަނޑުވެރިކަން ތަރައްގީ ކުރުމަށެވެ. މިނިސްޓަރގެ ވާހަކައިގައި ވެސް ވަނީ މިހާރުވެސް ދަނޑުވެރިކަން ކުރާ ގިނަ ރަށްތަކެއް ހުރިކަން ފާހަގަކުރައްވައި، މި ދާއިރާގައި ގޮންޖެހުންތަކެއް ވެސް އެބަހުރިކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ދަނޑުވެރިން އުފައްދާ ތަކެތި މާކެޓު ނުކުރެވުން ހިމެނެއެވެ. އަދި ދަނޑުވެރިކަމުން އުފައްދާ ތަކެތި ރަނގަޅު އަގެއްގައި ބާޒާރަށް ނުނެރެވުން ހިމެނެއެވެ.
މިނިސްޓްރީން މި ވަގުތު ދަނީ އަންނަ އަހަރުގެ ތެރޭގައި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގަައި ހުރި ކަންކަން އަމަލީ ގޮތެއްގައި ފެށުމަށް މަސައްކަތް ކުރަމުންނެވެ. އެކްޝަން ޕްލޭން އުފެއްދުމުގެ ތެރެއިން ފިޝަރީސް މިނިސްޓްރީއިން ވަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ހާއްސަ ކުންފުންޏެއް އުފެއްދުމަށް ވެސް ނިންމާފައެވެ.
މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ތެރޭގައި ދަނޑުވެރިކަމުގެ މަސައްކަތަށް މީހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ވަނީ 19 ރަށެއްގައި ހިންގާފައެވެ. އެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 470 މީހަކު ވަނީ ތަމްރީނުވެފައެވެ. ދަނޑުވެރިކަމަށް މީހުންތަމްރީނު ކުރުމަށް މިނިސްޓްރީގައި މިވަގުތު ތިބީ އަށް މީހުންނެވެ. އަދި ކައުންސިލްތައް މެދުވެރިކޮށް ދަނޑުވެރިން ތަމްރީނު ކުރުމަށް ބޭނުންވާ ފީލްޑް އޮފިސަރުން ތަމްރީނު ކުރުމަށް އިންޑިއާއަށް ވަނީ ފޮނުވާފައެވެ.
ދަނޑުވެރިކަން ކުރިއަރުވަން އަންނަ އަހަރަށް ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިކަން މިނިސްޓްރީން މިއަދު ފާހަގަކުރި އެވެ. އެ ގޮތުން އިންޓަނޭޝަން ފަންޑް ފޯ އެގްރިކަލްޗާ ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން 3.5 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓްއަކާއި ދަނޑުވެރިކަމުގެ ކުންފުނީގެ އިތުރުން މާލެ ސަރަހައްދުގައި އިތުރު މާރުކޭޓެއް ހުޅުވުން ހިމެނެ އެވެ.

