ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ކަންކަން ބެލުމަށްޓަކައި ހާއްސަ އިދާރާއެއް ގާއިމުކުރައްވައި، ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ކޮމިޝަން އޮފް އިންކުއަރީ އެއް އުފެއްދުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިކަން އިއުލާނު ކުރެއްވީ 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާދެއްވައި އިއްވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ހަވާލާދީ، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރުވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
މި ނިންމުމާ ގުޅިގެން، ގާނޫނުއަސާސީއަށް ގެނެވުނު ހަވަނަ އިސްލާހަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު އިސްލާހު ކުރުމަށް ސަރުކާރުން މަޖިލީހަށް ފޮނުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަހައްދުގެ ކޯޑިނޭޓްތަކާއި ބޭސްލައިން ކަނޑައެޅުމާއި، ސަރަހައްދާ ބެހޭ އެންމެހާ ކަންކަން ދެމެހެއްޓެނިވި ގޮތެއްގައި ބަލަހައްޓާނެ ހާއްސަ އޮފީހެއް ގާއިމުކުރުމަށް މާހިރުން ލަފާދެއްވާފައިވާތީ، ”ދިވެހިރާއްޖޭގެ ސަރަހައްދާ ބެހޭ އޮފީސް“ ގެ ނަމުގައި ވަކި އިދާރާއެއް އުފައްދަވާނެކަން އިއުލާނު ކުރެއްވި އެވެ.
އެމްޑީޕީ ސަރުކާރުގެ ބައެއް ނިންމުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަ ނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ބައިނަލްއަގުވާމީ މާހިރުންގެ ފަރާތުން ލިބުނު ލަފާގައި ހިމަނާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ނިންމުންތައް ނިންމި ފަރާތްތަކާ ސުވާލުކޮށް އެ ނިންމުމަށް ވާސިލުވީ ސަބަބާއި، ގޮތް ސުވާލު ކުރަން ޖެހޭ ކަމަށެވެ.
އެހެންވެ އެ ނިންމުންތައް ނިންމި ސަބަބުތައް ދެނެގަތުމަށާއި، ގާނޫނީ ގޮތުން ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްޓަކައި، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން ”ކޮމިޝަން އޮފް އިންކުއަރީ“ އެއް އުފެއްދެވުމަށް ނިންމަވާފައިވާކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

