ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނީގެ އިންޓްރެސްޓް ރޭޓް މިހާރަށްވުރެ މަތިނުވާނެހެން ހިފަހައްޓޭނެ: ރައީސް

ރައްޔިތުންގެ މަޖިލިސް ހުޅުވުމަށާއި ރިޔާސީ ބަޔާން އިއްވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުކޫކް އަނބުރާ ދެއްކުމާއި ރީފައިނޭންސް ކުރުމުގެ ޕްލޭން އިޢުލާނުކުރައްވައި، ދަރަނީގެ އިންޓްރެސްޓް ރޭޓް މިހާރަށްވުރެ މަތިނުވާނެހެން ހިފަހައްޓަވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ރާއްޖޭގެ ބޭރުގެ ދަރަނިތައް އަދާކުރުމަށް ސަރުކާރުން ގެންގުޅޭ ހަރުދަނާ ސިޔާސަތުތަކުގެ ތަފްސީލްތައް ހާމަކުރައްވާފައެވެ.

މި ސިޔާސަތުތަކުގެ ތެރޭގައި 2026 ވަނަ އަހަރުގެ އޭޕްރީލް މަހު މުއްދަތު ހަމަވާ ސުކޫކަށް ފައިސާ ދެއްކުމާއި، ބޭރު ފައިސާގެ ރިޒާވް ވަރުގަދަކުރުމުގެ އިތުރުން ދަރަނި ނެގުމަށް ހިނގާ ޚަރަދުތައް ކުޑަކުރުން ހިމެނެއެވެ. ރައީސް ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ ފުރަތަމަ ބަޖެޓު ކަމަށްވާ 2025 ވަނަ އަހަރުގެ 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ތަންފީޛުކޮށްފައިވަނީ ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރުނުވާނޭހެން އަދި ސަޕްލިމެންޓަރީ ބަޖެޓަކާ ނުލައެވެ.

2025 ވަނަ އަހަރު ނިމުނުއިރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ 38.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ. ރައީސް ލަފާކުރެއްވި ގޮތުގައި 2026 ވަނަ އަހަރު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 40.4 ބިލިއަން ރުފިޔާ ލިބޭނެއެވެ. އަދި 2025 ވަނަ އަހަރު ބޭރު ފައިސާއިން 1.2 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާތީ، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް (އެސް.ޑީ.އެފް) ޖަމާކުރާ ޑޮލަރުގެ މިންވަރު އިތުރުކޮށް، ރަސްމީ ރިޒާވް ވަރުގަދަކުރުމަށް މަގުފަހިވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދައުލަތުގެ މާލީ ޙާލަތާ ގުޅޭގޮތުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު ބަޖެޓު ޑެފިސިޓް ހުރީ އުފެއްދުންތެރިކަމުގެ ނިސްބަތުން (ޖީ.ޑީ.ޕީ) 6 އިންސައްތައިގައި ކަމަށާއި، އަހަރުގެ ފުރަތަމަ 40 ހަފުތާގައި ބަޖެޓު ސަރޕްލަސްއެއްގައި ހިފެހެއްޓުނު ކަމަށެވެ. ސަރުކާރުގެ އަމާޒަކީ 2026 ވަނަ އަހަރާއި މެދު ރާސްތާގައި ބަޖެޓު ޑެފިސިޓް ޖީ.ޑީ.ޕީގެ 10 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓުމެވެ.

ބޭރު ފައިސާގެ ރިޒާވް އަދި އެސް.ޑީ.އެފް

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، 3 ފެބްރުވަރީ 2026 އާ ހަމައަށް ރަސްމީ ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރު ހުރި ކަމަށެވެ. މީގެ ތެރޭގައި އިންޑިއާއާއެކު އޮތް ކަރަންސީ ސްވޮޕް ފެސިލިޓީގެ ފައިސާވެސް ހިމެނެއެވެ. ”މި ފައިސާއަކީ އިޤްތިޞާދީ ކުއްލި ލޮޅުމެއް އަތުވެއްޖެ ޙާލަތެއްގައި އަސާސީ ތަކެއްޗާއި ޚިދުމަތްތައް ހޯދުމަށް ރައްކާކުރެވިފައިވާ، ސަރުކާރުގެ ފުރިހަމަ އިޚްތިޔާރު އޮތް ފައިސާ“ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނިންމަވާލައްވަމުން ރައީސް ފާހަގަކުރެއްވީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ (އެސް.ޑީ.އެފް) ބޭރުގެ ދަރަނި އަދާކުރުމަށް ބޭނުންކުރާ ބޭރު ފައިސާގެ ފަންޑެއްގެ ގޮތުގައި އަލުން ހަމަޖައްސާފައިވާ ކަމަށެވެ. 17 ނޮވެމްބަރު 2023 ގައި މި ސަރުކާރުން ހަވާލުވިއިރު، އެސް.ޑީ.އެފް ގައި ބޭރުގެ ދަރަނި ދެއްކުމަށް ހުރީ އެންމެ 2 މިލިއަން ޑޮލަރުކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: