ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަދަނީ އިޖުރާއަތުގެ ބިލާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ހުޅުވާލައިފިއެވެ.
ބިލަށް އާއްމުންގެ ހިޔާލަށް ހުޅުވާލާ އޭޖީ އޮފީހުން ބުނެފަިއވަނީ، ބިލުގެ ކޮމިޓީ މަރުހަލާ 2020 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމުގެ ކުރިން ބިލާއި މެދު އާއްމުން ދެކޭ ގޮތް އޮޅުން ފިލުވުމަށް ބޭނުންވާ ކަމަށެވެ. އަދި ވީހާވެސް ގިނަ ފަރާތްތަކެއްގެ ހިޔާލު ހޯދައި އެ ހިޔާލުތަކަށް ބިނާކޮށް ބިލު މުރާޖައާކޮށް އިސްލާހު ކުރެވިގެންދާނެ ކަން އޭޖީ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ މަދަނީ އިޖުރާތުގެ ބިލަށް އާންމުންނަށާއި ކަމާބެހޭ އިދާރާތަކުގެ ހިޔާލު ހޯދުމަށް މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ވެސް ހުޅުވާލިއެވެ. މަދަނީ އިޖުރާތުގެ ބިލަކީ މަދަނީ ދައުވާތަކާބެހޭ އުސޫލުތަކާއި، ޝަރީއަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ހައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީއަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީއަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތައް ބަޔާން ކުރާ ބިލެކެވެ.
މަދަނީ މައްސަލަތަކުގައި އަމަލުކުރާނެ އިޖުރާތްތައް ނެތުމުގެ ސަަބަބުން އުފައްދާ މަދަނީ އިޖުރާތުގެ ބިލުން ދިވެހި ރާއްޖޭގެ މަދަނީ އަދުލުގެ ނިޒާމުގައު އުފެދިފައި އޮތް ހުސްކަން ފޫބެއްދި، ހަސްމުންނާމެދު ހަމަހަމަ އުސޫލަކުން އަމަލުކުރެވޭނެ އުސޫލެއް ކަނޑައެޅިގެންދާނެ އެވެ.
މީގެ އިތުރުން މި ބިލުގައި ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ހުކުމްތައް ދިވެހިރާއްޖޭގައި ތަންފީޒުކުރުމާގުޅޭ އުސޫލުތަކާއި، ހުކުމް ތަންފީޒު ކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފު ކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ އާންމު އުސޫލުތައް، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތަކަށްވެސް ރިއާޔަތްކުރާނެއެވެ.
”މި ބިލާ ގުޅޭގޮތުން ހިޔާލު ހުށަހަޅުއްވަން އެދިވަޑައިގަންނަވާ ފަރާތްތަކަށް، 31 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ސީދާ މި އޮފީހަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅުއްވުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހިޔާލު ހުށަހަޅުއްވާނަމަ، legislative.affairs@agoffice.gov.mv އަށް އެ ހިޔާލެއް އީމެއިލްކުރެއްވުން އެދޭ ވާހަކަ ދަންނަވަމެވެ.“ ބަޔާނުގައި ވެއެވެ.
މަދަނީ އިޖުރާއަތުގެ ބިލުގެ މި ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު އައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަގާމު އަދާކުރައްވަމުން ގެންދަވާ އިމެނުއަލް ގުއިންޝާޑު އެވެ.
މިހާރު އަމަލުކުރާ ޖިނާއީ އިޖްރާއާތުގެ ގާނޫނާއި ގާނޫނުލް އުގޫބާތު ވެސް އެކުލަވާލީ ރާއްޖެއިން ބޭރުގެ ކޮންސަލްޓެންޓެއްގެ އެހީގަ އެވެ.

